Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp

Boy & The Golden Bird

އަސްކަނި އިބުރާހީމާއި ރަންދޫނި

CHAPTER ONE

 

މިއީ ދިވެހިރާއްޖޭގެ ތަހުތުގައި  ރަނިކަނބަލަކު އިންނެވި ދުވަސްކޮޅެއްގެ ވާހަކައެވެ. އައްސުލްތާނާ އައިޝާ ސިރީ ރާދަ އަބާރަނަ މަހާރެހެންދީގެ ރަސްކަމުގެ ފަސް ވަނަ އަހަރެވެ. އެދުވަސްވަރަކީ ދިވެހިރާއްޖެއަށް ވަރަށް ފާގަތި އުފާވެރި ދުވަސްވަރެއްވެސްމެއެވެ.

 

އައްސުލްތާނާ އައިޝާއަކީ އިލްމަށް ލޯބިކުރައްވާ ގިނަ މަދަރުސާތަކެއް އަޅުއްވާ މިސްކިތްތަކުގައި ކުލާސްތަކެއް ހިންގަވަން  ހިތްވަރުދެއްވި ރާނީއެކެވެ. މޮޅު ދަރިވަރުންނަށާއި އެދުރުން ރާއްޖެއިން ބޭރަށް ފޮނުއްވައި ބޭރުގެ މޮޅު ދަންނަ ބޭކަލުންނަށް ދައުވަތު ދެއްވައިގެން މާލެގެންނަވައި ދިވެހިންގެ އިލްމު އިތުރުކުރައްވަން ވަރަށް މަސައްކަތްކުރެއްވި ބޭކަނބަލެއް ވެސް މެއެވެ.

 

އެކަމަކު މިވާހަކައަކީ އެކަމަނާގެ ވާހަކައެއްނޫނެވެ.

 

މިއީ އިބުރާހީމުގެ ވާހަކައެވެ.

 

އިބުރާހީމަކީ އެދުވަސްކޮޅު މާލޭގައި އުޅުނު ޔަތީމު ކުއްޖެކެވެ. އޭނާގެ މައިންބަފައިންނަކީ ކޮންބައެއްކަމެއް އިބުރާހީމަކަށް ނޭގެއެވެ. އެއީ އުތުރުގެ ކޮންމެވެސް ރަށެއްގެ ބައެކޭ މީހުން ބުނާތީ އިވެއެވެ. އެހެންނަމަވެސް އެމީހުންގެ ނަމެއްވެސް އިބުރާހީމަކަށް ނޭގެއެވެ. އަދި އޭނާގެ އުމުރަކީ ކިހާވަރެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

 

އިބުރާހީމު ހުންނަލެއް ކުޑަކަމުން އޭނާއަކީ އުމުރުން ހައެއްކަ އަހަރުގެ ކުއްޖެއްހެން ހީވެއެވެ. އެކަމަކު އޭނާގެ ވިސްނުން ތޫނު ކަމާއި ބަހުރުވަ ހުންނަ ގޮތުން އެއީ އެއަށްވުރެ ދޮށިކުއްޖެއްކަން އެނގެއެވެ.

 

އިބުރާހީމު އެންމެ ބޭނުންވަނީ އެދުރުދައިތަ ގާތުން ފިލާވަޅު ދަސްކުރުމެވެ. އެދުރުދައިތަ އެގެންގުޅޭ ފިލާގައި ލިޔެފައި އެހުންނަ ބަސްބަސް ކުދިން ކިޔާތަން ފެނުމުން އިބުރާހީމު ވަރަށް ހައިރާންވެއެވެ.

 

އެކުދިންނަށް އެރޮނގުތަކާއި ބޮޅުތައް އެނގެނީ ކިހިނެއްހެއްޔެވެ؟

ކޮންމެ ކުއްޖެގެ އަތުގައި އޮންނަ ލިޔާފިލާގައި އެކުދިން އެކުރަހަނީ ކޮންއެއްޗެއް ހެއްޔެވެ؟

 

އިބުރާހީމު އެކުދިން ގާތުގައި ވަރަށް އަހާހިތްވެއެވެ. ނަމަވެސް އެދުރުދައިތަ ގެއަށްގޮސް ކިޔަވަންޏާ އެދުރުދައިތައަށް އޭގެ ބަދަލުދޭންޖެހެއެވެ. އިބުރާހީމު އަތުގައި އެއްވެސް އެއްޗެއް ނުހުންނާތީ އޭނާ އަކަށް އެދުރުގެއަކަށް ނުދެވެއެވެ.

 

އިބުރާހީމަކީ ހިތްހެޔޮ ހީވާގި ކުއްޖެކެވެ. ކޮންމެ ދުވަހަކު ވަލަށްގޮސް ދަރާއި ކާށި ހޮވައި އެއެއްޗެހި ގޭގެއަށް ގެންގޮސްގެން އޭގެ ބަދަލުގައި އެގެއަކުން ކާއެތިކޮޅު ހޯދައެވެ.

ރޭ ވެއްޖެއްޔާ އެއަވަށު ބޮޑުސާދަގަރުގޭ ބޭރުއަށި މަތީގައި ނިދައިލައެވެ. އަދި ހިތްހެޔޮމީހަކު އޭނާއަށް ބާ މުންޑެއް ދީފިއްޔާ އޭނާ ލައިގެން ހުންނަ ލޯވަޅު އެޅިފައިވާ މުންޑު ބަދަލު ކޮށްލާނެއެވެ.

 

އެއީ ކެތި ލައިގަތް ދުވަސްކޮޅެވެ. ކުއްލިއަކަށް ވަރަށް ވިއްސާރަ ވެދާނެކަން އެންމެންނަށްވެސް އެނގެއެވެ. އިބުރާހީމުވެސް ސާދާގަރު ދައްތަ ކައިރީގައި ބުނެގެން އެގެއަށް މަސައްކަތް ކޮށްދީގެން ބައު ރަޖާގަނޑެއް ހޯދިއެވެ. ވިއްސާރަ ރޭރޭ ގައިގާ އަޅައިގެން ނިދައިލެވިއްޖެއްޔާ ރަނގަޅުވާނެތީއެވެ.

 

އެރޭ ވާރޭއައީ ވަރަށް ގަދަ ވަޔާއެކުއެވެ. އިބުރާހީމާއި އޭނާގެ ރަޖާގަނޑު އެއްކޮށްތެމިއްޖެއެވެ. އެހެންކަމުން އޭނާއަށް އެއްގޮަތަކަށްވެސް ނުނިދުނެވެ. މުޅިއެރޭ އޭނާ އިނީ ފިނިވާތީ އަށީގެ އެއްކަނުގައެވެ. އެހެން އިންދައި ކުއްލިއަކަށް ވާރޭ ހުއްޓާލައިފިއެވެ.

 

އެއަވަށު މުދިމު އަވަސް އަވަހަށް މިސްކިތާ ދިމާއަށް ދާތަން ފެނުމުން އެއުޅޭނީ ފަތިސްނަމާދަށް  ގޮވަންކަން އިބުރާހީމަށް އެނގުނެވެ. އެހެންކަމުން އެފަނޑުއަލީގައި ވަލާ ދިމާއަށް ދާން އޭނާ ނިންމިއެވެ. ވައިގަދަވެއްޖެއްޔާ ރުއްރުއްދޮށަށް ވަރަށް ގިނަ ކާށި ވެރޭނެކަން އޭނާއަށް އެނގެއެވެ. އެހެން މީހަކު ނުދަނީސް ގޮސް އެކާށިތައް ހޮވައިފިއްޔާ އޭނާ އަށް ގިނަ ގޭގެއިން ކާން ލިބޭނެކަން އޭނާއަށް އެނގެއެވެ.

 

މިޚިޔާލުގައި ހުރެގެން އޭނާ ވަލަށްދާންއޮންނަ ބޮޑުމަގާ ދިމާއަށް ދިޔައެވެ.

CHAPTER TWO

 

މަޑުމަޑުން އުޑުމަތި އަލިވާން ފަށައިފިއެވެ. އެއިރު އިބުރާހީމު ވަރަށް ގިނަ ކާށިއެއްކޮށްފައިހުއްޓެވެ. އެހެން ނަމަވެސް ގޯންޏެއްހާ ކާށި އެއްވެދާނެކަމުގެ އުއްމީދު އޮތްވަރުން އޭނާ ވަލުތެރެއަށް ވަންނަމުން ދިޔައެވެ. ވަލުތެރެއިން އާންމުކޮށް މީހުން ވަދެނޫޅޭ ހިސާބަށް އޭނާއަށް ދެވުނެވެ. އެއީ ބޯކަށިކެޔޮ ގަސްތަކުން ފުރިފައިހުރި ހިސާބެކެވެ.  ކަށިބޯ ޖަންގައްޔެކެވެ. ނަމަވެސް އެތަނުގެ ތެރޭގައިހުރި އެކަށިކެޔޮފިނީގެ ތެރެއިން ވަރަށް ހަނި ޖާގައެއް އޭނާއަށް ފެނުނެވެ. ކުޑަކުއްޖަކަށް އެތަނުން ވަދެވިދާނެއެވެ.

 

އެކަށިކެޔޮ ފީނީގެ ތެރެއަށް ވަންނަންވީތޯ ވިސްނަން ހުއްޓައި އިބުރާހީމަށް ވަރަށް އަޖައިބު ރީތި އަޑެއް އިވުނެވެ. އެއީ އޭނާ ދުވަހަކުވެސް އަޑުއަހައިފައިވާ އަޑެއް ނޫނެވެ.

އެއީ ކޮން ކަހަލަ އަޑެއް ބާއެވެ؟

ހަމަ ޔަގީނުންވެސް އެއީ އިންސާނެއްގެ ނުވަތަ ޖަނާވާރެއްގެ އަޑެއްވެސް ނޫނެވެ. އެއީކީ ތާރަޔަކުން ނުވަތަ ބެރަކުން ނުވަތަ ދުންމާރިއަކުންވެސް ނިކުންނާނެ އަޑެއް ނޫނެވެ.

 

އިބުރާހީމު ބަލާކަށް ނުހުރެ އަވަހަށް އެކަށިކެޔޮ ފީނީގެ ތެރެއަށް ވަނެވެ.

 

އެއީ އަޖައިބެއް ކަހަލަ ތަނެކެވެ. ވަށައިގެން ކަށިބޯ ޖަންގައްޔެވެ. ކަށިކެޔޮގަހާއި ކަށިހުންނަ ވެޔޮތަކެއް އެތާގައި ހެދިފައި ހުއްޓެވެ. ނަމަވެސް އެންމެ ހައިރާންކުރުވާ އެއްޗަކީ އެތަނުގައި ފީންޏަކަށް ފަޅައިފައިވާ ދެކަފި ރުއްތަކެކެވެ. ކޮންމެ ރުކެއްވެސް އާދައިގެ ރުކަކަށްވުރެ ކުރުވެފައި ކޮންމެ ރުކެއްގައިވެސް ވަރަށް ގިނަ އިހާ ގެންފައި ހުއްޓެވެ.

 

އިބުރާހީމު ހައިރާން ވެފައި ބަލަން ހުއްޓައި އަނެއްކާވެސް އެއްކަލަ އަޖައިބު އަޑު އިވުނެވެ. އެއަޑު އަންނަތަން ހޯދާލިއިރު ރުކަކުން ވެރިފައިހުރި ފަންތަކެއްގެ ތެރެއިން ފަނޑު އަލިކަމެއް ފެނުނެވެ. އެއަޑު އަންނަހެން ހީވީ އެތަނުންނެވެ.

 

އިބުރާހީމު އަވަސްއަވަހަށް އެފަންތައް ނަގައި އެއްފަރާތް ކުރިއެވެ. އޭނާ ކުޑަވެފައި ހަށިގަނޑުގައި ބާރު ނެތުމުގެ ސަބަބުން އެކަން ކުރެވުނީ ވަރަށް މަސައްކަތުންނެވެ.

 

އެފަންތަކުގެ ތެރެއިން ނިކުތީ ދޫންޏެކެވެ. އިރުވާހުދެއްވަރުގެ މިދޫނި ފެނުމުން އިބުރާހީމު ހައިރާންވެ ދެލޯބޮޑުވިއެވެ. އެއީ ރަންކުލައިގެ ދޫންޏެކެވެ. އޭތީގެ ބޮލުގެ ހުޅިގަނޑު ހުރީ ރަތްކުލައިގައެވެ. އޭތީގެ ފިނދުފަތްގަނޑުން ދަނބުކުލައިގެ ވިދުން އަރައަރާ ހުއްޓެވެ. އަދި އޭތި އިރުފަދައިން ވިދާ ބަބުޅައެވެ. އޭގެ އަލިކަން މުޅިތަނަށް ވެރިވެފައި ހުއްޓެވެ. ގަދަ ރަންކުލައިންނެވެ.

 

އިބުރާހީމު އެދޫނީގައި ފިރުމާލަން ބޭނުންވިއެވެ. އެކަމަކު ދޫނި ގަޑަގަޑައަޅައިފައި ކުއްލިއަކަށް ދުވެ ފިލައިފިއެވެ.

 

އޭތި އަދިއަތުވެދާނެކަމުގެ އުންމީދު އޮތުމުން އިބުރާހީމު އިރުކޮޅަކު އިންތިޒާރު ކުރިއެވެ. ނަމަވެސް ދޫނީ ގެ ހިލަމެއް ނުވުމުން އޭނާ އެ ތަނުން ނިކުތެވެ.

CHAPTER THREE

 

އޭނާ ކާށިތައް ހިފައިގެން ބޮޑުސާދާގަރުގެ ގެއަށް ދިޔައެވެ. ބޮޑުސާދާގަރަކީ ވަރަށް ދަރިން ގިނަ މީހަކަށްވެފައި އެއީ ވަރަށް މުއްސަނދި މީހެއްވެސް މެއެވެ. އަދި އެގޭ ބޮޑުސާދާގަރުގެ އަންހެނުން އައިމިންދައިތައަކީ އެހާމެ ހިތްހެޔޮމީހެކެވެ. އެހެންކަމުން ހުރިހާ ކާށިތަކެއް ގެންގޮސް ކަތީބުދައިތައަށް ދެއްކިއެވެ. އައިމިންދައިތަ ހައިރާންވެފައި އެހާބައިވަރު ކާށި ލިބުނީ ކޮންތާކުންހޭ އެހުމުން އިބުރާހީމަށް ފެނުނު ދޫނީގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

 

” ކީކޭ… ރަން ދޫންޏެކޭ؟ ” ކުއްލިއަކަށް ބޮޑުސާދާގަރުގެ އަޑުއިވުނެވެ. އަދި އޭނާއަށް އިބުރާހީމުގެ ވާހަކަ އިވުމުން މަލާމަތްކުރަން ފެށިއެވެ.

 

” ލައްބަ… ވަރަށް ރީތި ދޫންޏެއް، އޭތި އުޅެނީ އެތާ ވަށާމަގު…” އިބުރާހީމު ވަރަށް އަދަބުވެރިކަމާއެކު ކިޔާދޭން ފެށިއެވެ.

 

” މިރަށު ފަގީރު ކޮޔަށް ވެސް ހާދަ ކަމެއް އެބަފެނެޔޭދޯ. އައިމިނާ، މިފަގީރުކޮއި ދައްކާ ވާހަކަތައް ނާހާ އަވަހަށް ކައްކަން އުޅޭ،  މިހާރު އެކުދިން އެދުރުގެއަށް ދާން އުޅޭނެއެއްނު.” އިބުރާހީމު ދައްކަމުންދިޔަ ވާހަކަ އަޑުއަހާކަށް ބޮޑުސާދާގަރު ބޭނުމެއް ނުވިއެވެ.

 

” މިހާރު މިދަނީ، މިކާށިތައް ބަނޑަހަގެއަށް ލާފައި އަންނާނަން އިބުރާހީމަށް ބަތްބޯތައްޓެއް ހިފައިގެން އިނގޭ ” މިހެން ބުނަމުން އައިމިންދައިތަ ކާށިތައް ހޮވައިގެން އެތަނުން ދިޔައެވެ.

 

” ފަގީރުކޮއި ހާދަ ކާއްޓެއް ހޮވައިގެންނޭ ތިގެނައީ؟ ތީ ބަންޑާރަރުކުގެ ކާށިތަ؟ ” ބޮޑުސާދާގަރަށް ޝައްކުވިއެވެ.

 

” ބަންޑާރަރުކުން ކާށީ އެޅުމަކީ މަނާކަމެއް، އެކަމަކު ބިންމައްޗަށް ވެރޭ ކާށި ހޮވޭނެއެއްނޫންތޯ. އެއީ އަޅުގަނޑު ހޮވައިގެން ގެނައި ކާށި.”

 

” ތީދޮގެއް، އެހާގިނަ ކާއްޓެއް ހޮވާކަށް ނުލިބޭނެ އެކަކަށްވެސް. ހަމަ ޔަގީން ތީ ކޮންމެވެސް ތާކުން ވަގަށްނަގައިގެން ގެނައި ކާށިކަން. ” އަބަދުވެސް އިބުރާހީމު ދެކެ ބޮޑުސާދާގަރު ރުޅި އަންނާތީ އޭނާ ދެއްކި އެއްވެސް ވާހަކައެއް ބޮޑުސާދާގަރު އަޑެއް ނޭހިއެވެ.

 

އައިމިންދައިތަ އައިސް އިބުރާހީމްގެ ނާސްތާ ދޭން ގޮވާލިތަނާ ބޮޑުސާދާގަރު އެކަން މަނާކުރިއެވެ. އަދި އެގެއިން ނުކުންނަން އިބުރާހީމަށް އަމުރު ކުރިއެވެ.

 

“އެކަމަކު އަޅުގަނޑުގެ ކާށިތައް…” އިބުރާހީމަށް ރޮވުނެވެ.

 

” ކޮން ކާއްޓެއް؟ މިގޭގައި ނުހުންނާނެ، ފަގީރުކޮއި ގެނައި ކާއްޓެއް. ދާން އުޅޭ. މިގެއަށް އައިސް ސަލާން ޖަހާނެ ކަމެއްނެތް ” ބޮޑުސާދާގަރު މިހެން ބުނުމުން އައިމިންދައިތަ ވެސް ދެރަވިއެވެ. ނަމަވެސް ބޮޑުސާދާގަރާ ދެބަސްވާކަށް އޭނާއަކަށް ނުކެރުނެވެ.

 

އިބުރާހީމު ވަރަށް ދެރަވެގެން އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

 

” ކީއްވެގެންތޯ އަބަދު އެފަކީރާ ދިމާއަށް އެއްޗެހި ކިޔަނީ. އެކުދިންނާއެކު ކުޅެން އުޅުނަސް އުމަރު ހަޅޭއްލައްވާނެ، އަޅުގަނޑަކަށް ހަމަ ނުވިސްނޭ. އެކުއްޖާއަކީ އަޅާލާނެ އެއްވެސް މީހެއްނެއް ޔަތީމު ކުއްޖެކޭ. ” އައިމިންދައިތަ ދެރަވެފައި ބުންޏެވެ.

 

” އެއީ އަބަދު ފެންނުވަރާ ކިލާކޮށް ހުންނަ ކުއްޖެއް. އަހަރުމެންގެ ދަރިންނާއެކު ކުޅެހެދީމަ އެކުދިންވެސް ހަޑިވާނީ. އޭނާގެ އެ ކިލާ އަތްޖެހިއްޖެއްޔާ އެކުދިން ލައިގެން ތިބޭ ރީތި ހެދުންވެސް ކިލާވާނީ. އައިމިނައަކަށް ނުވިސްނޭތަ އެފަގީރުކޮޔަކީ ސަލާންޖަހައިގެން މަގުމަތީގައި އުޅޭ ކުއްޖެއްކަން؟ “

 

ބޮޑުސާދާގަރަކީ ނުލާހިކު ބޯހަރު މީހެއްކަން އެނގޭތީ އައިމިންދައިތަ ހަމަ އަނގައިންވެސް ނުބުނެ ބަދިގެއަށް ދިޔައެވެ. އަދި އެރޭ އެގޭ އަށްޓަށް އިބުރާހީމު އަތުވެއްޖެއްޔާ އޭނާއަށް ކާންދޭން ބަތްބޯތައްޓެއް ފޮރުވިއެވެ.

CHAPTER FOUR

 

ބޮޑުސާދާގަރުގެ ރުޅިގަނޑު ފެނިފައި ގަންނާކުރެއްވި ބިރުން އެރޭ އެގޭދޮށަށް ދާކަށް އިބުރާހީމަކަށް ނުކެރުނެވެ. އޭނާ ބަނޑުހައިވެގެން އެއްގެއެއްގެ ވަޅުން ފެންބޮއިގެން މަދުގަހުގައި ހުރި ޅަމަދު ކައިގެން އެރޭ އެހެން ގެއެއްގެ އަސްކަނިދަށުގައި ނިދަން މަސައްކަތްކުރިއެވެ.

 

ނަސީބު ދިމާކުރި ގޮތުން އެރެއަކު ވާރޭއެއް ނުވެހެއެވެ. އެހެންނަމަވެސް ބަނޑުހައިވެފައިވާލެއް ބޮޑުކަމުން އިބުރާހީމު ގާތަކަށް އެއްގޮތަކަށްވެސް  ނިންޖެއް ނައެވެ. އެހެން އޮއްވައި އިރުއަރަން ކައިރިވެއްޖެއެވެ.

 

މިއަދުވެސް ގިނަ ކާށިތަކެއް ލިބިދާނެ ކަމުގެ އުއްމީދުގައި އިބުރާހީމު ވަލަށް ދިޔައެވެ. އަދި ގިނަ ކާއްޓާއި ދަރު އެއްކޮއްގެން ގޭގެއަށް ގެންގޮސްދޭން ފަށައިފިއެވެ. އެންމެ ފައިދާވީ ދަރުވިއްކައިގެއިންނެވެ. އެހެންކަމުން އެރޭ އިބުރާހީމަށް ބަނޑުފުރެންދެން ރަނގަޅަށް ކާންލިބުނެވެ.

 

ބަނޑު ފުރެންދެން ކެއުމަކީ ނިދިއަންނަލެއް އަވަސްވާކަމެއްކަމުން އިބުރާހީމަށްވެސް ވީ ހަމަ އެހެންނެވެ. އެތަނުން އެންމެ ކައިރިން ފެނުނު އަށްޓަށް އަރާ އޮށޯތްތަނާ އޭނާއަށް ނިދިއްޖެއެވެ.

 

އަނެއްދުވަހު އޭނާއަށް ހޭލެވުނީ އިރުއަރައިގެން ވަރަށް ގިނައިރުވި ފަހުންނެވެ. އަލިގަދަވެގެން ލޯހުޅުވާލެވުނު އިރު ކުދިންތައް ބައިހަދާފައި އެދުރުދައިތަގެއަށް ދަނީއެވެ. އެކުދިން ހެމުން ސަކަރާތްޖަހަމުން ގޮސް ގެއްލެންދެން އިބުރާހީމު ބަލަން އިނެވެ. ވަލަށް ދާންޖެހޭނެކަން އޭނާއަށް ހަނދާންވީ އިރުކޮޅަކުންނެވެ.

 

އޭނާ ދުވެފައި ވަލަށް ދިޔައިރު މީހުން ކާށްޓާއި ދަރު ބޮނޑިބޮނޑި ހިފައިގެން ނިކުންނަނީއެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ އޭނާ ވަލުތެރެއަށް ވަނެވެ. ވަރަށް ގިނައިރު ވަންދެން ތަންތަން ބެލިއެވެ. އެހެންނަމަވެސް  ހޮވާނެހަމަ އެއްވެސް އެއްޗެއް ނުފެނުނެވެ.

 

އިބުރާހީމު ދެރަވި ވަރުން އެތަނުން ކާނިގަހެއްގެ ބުޑުގައި އިށީނދެ ރޯންފަށައިފިއެވެ. މިރޭ ކާނެ އެއްޗެއް ނުލިބޭނެކަން ވިސްނުނީމާ އަދި މާބޮޑަށް ހިތުގައި ޖެހުނެވެ. އަދި ދެންދުވަހަކުވެސް ގިނަ ކާށި ހޮވިއްޖެއްޔާ އޭނާ އެއިން ކޮންމެވެސް ފައިދާ ހުރިކަމެއް ކުރަން އަޒުމް ކަނޑައެޅިއެވެ.

 

އޭނާ މަޑުމަޑުން ތެދުވެގެން ވަލުން ނުކުންނަން ދިޔަތަނާ ކުއްލިއަކަށް ބާރު އަޑެއް ކިޔައިފައި މުޑިކާށްޓެއް އޭނާހުރި ދިމާއަށް ވެއްޓިއްޖެއެވެ. އެވަރަށް މުޑިލައި ކުރިލައިފައި ވާ ކާށްޓަކީ އެއީ އެއްވެސް ރުކަކުން ވެއްޓޭނެ އެއްޗެއް ނޫންކަން އޭނާއަށްވެސް އެނގެއެވެ. އޭނާ އެކާށި ނަގައިފައި ވަށައިގެން ހޯދައި ބަލައިލިއެވެ. އެތާނގައި އެއްވެސް މީހެއް ފެންނަން ނެތުމުން މުޑިކާށި ހިފައިގެން އޭނާ ދިޔައީއެވެ. 

 

އެރޭ އެމުޑިކާށި ކާން އިންދައި އެތަނަށް ކަތީބުދައިތަ އަތުވެއްޖެއެވެ. އަދި އިބުރާހީމަށް ބަތްބޯތަށްޓެއް ދިނުމަށްފަހު އެއީ ކުރީ ދުވަހުގެ ބަދަލުގައި ދިންއެއްޗެކޭ ބުނެލިއެވެ. އިބުރާހީމު ވަރަށް ޝުކުރުކޮށްފައި އެރޭވެސް ރަނގަޅަށް ކައިގެން ނިދައިފިއެވެ.

 

ކަންވީ ހަމަ ކުރީދުވަހު ވެސް ވީފަދައިންނެވެ. އޭނާއަށް ހޭލެވުނީ ވަރަށް ލަސްވިފަހުންނެވެ.  އެހެންކަމުން ވަލަށްގޮސްގެން މިއަދުވެސް އެއްވެސް އެއްޗެއް ނުލިބޭނެކަން އެނގޭތީ އޭނާ ވަލަށް ދިޔުމުގެ ބަދަލުގައި ރަށުގެ އެހެން ކުދިންނާއެކު މޫދަށްދިޔައެވެ.

 

މެންދުރު ކާގަޑި ޖެހިގެން އެކުދިން މޫދުން އަރައިގެން ގެއާ ދިމާއަށް ދުވަން ފެށުމުން އިބުރާހީމު ވަލާދިމާއަށް ދިޔައެވެ. ވަލުތެރޭގައި ހުންނަ ބޮޑުމަދު ގަހުން މަދުލިބޭތޯ ބަލައިލަންވެގެންނެވެ.

 

އިބުރާހީމު ވަލަށް ވަދެގެން ވަކިހިސާބަކަށް ދިޔަތަނާ އެއްކަލަ ރަންދޫނީގެ އަޑު އިވެން ފަށައިފިއެވެ. އެއަޑު ޖެހުމުން އިބުރާހީމު އެއަޑު އަންނަ ދިމާއަށް ހިނގައިގަތެވެ. ވަރަށް ގިނައިރުވަންދެން ހޯދުމުންވެސް އެދޫނި ފެންނަގޮތެއް ނުވިއެވެ.

 

އޭނާ އެއްކަލަ ކަށިކެޔޮ ފީނިތަކުގެ ތެރެއިންލާފައި، އެދެކަފި ރުއްތައްކައިރިއަށް ދިޔައިރު އެތާގައި ފުންޏަކަށް ވަަރަށް ބައިވަރު ކާށި އެއްކޮށްފައި ހުއްޓައި ފެނިއްޖެއެވެ. އެއީ ކާކު އެއްކޮށްފައި ހުރި ކާށިތަކެއްކަން ނޭނގޭތީ އިބުރާހީމު ދުރުގައި ބަލަން ހުއްޓެވެ. ނަމަވެސް ހަވީރުވުމާ ގާތްވިއިރުވެސް އެކާށިތައްބަލައި އެއްވެސް މީހެއް ނައެވެ. އެހެންކަމުން އެއީ އެއްވެސް މީހަކު އެއްކޮށްފައި ހުރި ކާށިތަކެއް ނޫންކަން އިބުރާހީމަށް ވިސްނުނެވެ.

 

އޭނާ އަށް ގެންދެވޭނެވަރަށް ކާށި ނަގައިގެން ވަލުން ނިކުންނަން ދިޔައިރު އަނެއްކާވެސް އެއްކަލަ ދޫނީގެ ރީތި އަޑު އިވުނެވެ. އެވަގުތު އެއީ އެދޫނި އިބްރާހީމަށް ދިން އެއްޗެއްކަން އޭނާއަށް ވިސްނުނެވެ.

 

އިބުރާހީމު އުފަލުން އަވަހަށް ރަށުތެރެއަށް ދިޔައެވެ. އެހެންނަމަވެސް މިފަހަރު އެކާށިތައް ހިފައިގެން އޭނާ ދިޔައީ އެދުރުދައިތަގެއަށެވެ. އަދި ކާށީގެ ބަދަލުގައި އެދުރުދައިތަ އޭނާއަށްވެސް ކިޔަވައިދޭން އެއްބަސްކުރުވިއެވެ.

 

ފަގީރުކޮއި ކިޔަވަން ބޭނުންވާކަން އެނގުމުން އެދުރުދައިތަ ވަރަށް ހައިރާންވިއެވެ. އެހެންނަމަވެސް އިބުރާހީމު ނުހަނު އަދަބުވެރިކަމާއެކު ވާހަކަ ދެއްކުމުން އެކަމަށް އެދުރުދައިތަ އެއްބަސް ވިއެވެ.

CHAPTER FIVE

 

އެދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު އެހެންކުދިންނާއެކު އިބުރާހީމުވެސް ކިޔަވަންފެށިއެވެ. އަދި އޭނާގެ ވިސްނުންތޫނުކަމާއި ހުޝިޔާރުކަމުން އެހެންކުދިންނަށްވުރެ ކުރިން ފިލާވަޅު ދަސްކުރަން ވެސް ފަށައިފިއެވެ.

 

އިބުރާހީމުގެ ވިސްނުންތޫނުކަމުގެ ވާހަކަ މަޑުމަޑުން މުޅި އަވަށުގައި ފެތުރެން ފަށައިފިއެވެ. މިކަމާ އެންމެ ކަންބޮޑުވަނީ އެއްކަލަ ބޮޑުސާދާގަރެވެ.

 

އޭނާގެ ދަރިންނަށްވުރެ އެރަށުގެ ފަގީރުކޮއި މޮޅުކަމަށް އެންމެން ކިޔާތީ އޭނާ ހުންނަނީ ވަރަށް ރުޅިއައިސްފައެވެ. އެހެންކަމުން އިބުރާހީމަކީ ވަރަށް ގޯސް ކުއްޖެއްކަމާއި އޭނާ އެމޮޅުވަނީ މަކަރުހަދައިގެން ކަމަށް މީސްމީހުން ކައިރީގައި އޭނާ ކިޔަންފެށިއެވެ. ނަމަވެސް އެއީ ތެދެއްނޫންކަން ދުވަސްކޮޅަކުން މީހުންނަށް އެނގެން ފެށިއެވެ. އަދި އިބުރާހީމު ރީތިކޮށް ލިޔައިތަން ބަލަން ގިނަމީހުން އެދުރުދައިތަގެ ގެއަށް ދާންފެށިއެވެ. އެމީހުން ތައުރީފުކުރާ އަޑު އިވުމުން އިބުރާހީމަށް އިތުރު ހިތްވަރެއް ލިބުނެވެ.

 

ކޮންމެއަކަސް އިބުރާހީމުގެ ދިރިއުޅުން ހަމަޖެހެން ފަށައިފިއެވެ. އޭނާ ހެނދުނު ހޭލައިގެން އަތިރިއަށް ގޮސް މޫނުދޮވެ ދަތްއުނގުޅައިގެން އެދުރު ދައިތަމެންގެއަށް ދެއެވެ. އެގެއިން ކިޔަވައިގެން މެންދުރު ވަލަށްގޮސް ކާށި ގެނެއެވެ. ރޭގަނޑު ކައިގެން އެދުވަހުގެ ފިލާވަޅު ހިތުން ކިޔަމުން ނިދައެވެ. ކޮންމެ ރެއަކުވެސް އޭނާ ނިދަނީ މޮޅުކުއްޖަކަށް ވާން އަޒުމު ކަނޑައަޅައިގެންނެވެ.

 

އަނެއްކޮޅުން ބޮޑުސާދާގަރު ނިދަނީ އިބުރާހީމަށް ކޮންމެވެސް ގެއްލުމެއްދޭން ރާވަމުންނެވެ. ނަމަވެސް އޭނާއަކަށް ހަދަންވީގޮތެއް ނުވިސްނުނެއެވެ.

 

އެހެން އުޅެނިކޮށް އެއްދުވަހެއްގެ މެންދުރު އިބުރާހީމު ބޮޑުމަގުން ދާތަން ބޮޑުސާދާގަރަށް ފެނުނެވެ. އޭނާ ގޮސް ވަލަށްވަންތަން ފެނުމުން ބޮޑުސާދާގަރު ހައިރާންވިއެވެ. މެންދުރުދަޅައިގައި ވަލަށްވަދެގެން ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެކަން ބޮޑުސާދާގަރަށް އެނގެއެވެ. އެހެންނަމަވެސް ކުޑައިރުކޮޅަކުން އިބުރާހީމު ކާށިތަކެއް ހިފައިގެން ނިކުތްތަން އޭނާއަށް ފެނިއްޖެއެވެ.

 

‘މިފަގީރު ކޮޔަށް މިހާގިނަ ކާށި އެލިބުނީ ކިހިނެއްބާ؟’ ބޮޑުސާދާގަރު ހިތާހިތާ ކިޔާލިއެވެ.

 

އެހިސާބުން އިބުރާހީމަށް ފާރަލާން ބޮޑުސާދާގަރު ނިންމިއެވެ. ކޮންމެ ދުވަހަކުވެސް އިބުރާހީމު ވަލަށް ވަންނަގަޑީގައި އޭނާގެ ފަހަތުން ވަލަށް ވަދެއެވެ. ނަމަވެސް ވަކި ހިސާބަކުން އިބުރާހީމު ގެއްލެއެވެ. އޭނާ ވަންނަ ތަނެއްވެސް ނޭނގެއެވެ. އެހެންކަމުން ތިން ވަނަ ދުވަހު ބޮޑުސާދާގަރު ވަރަށް ވިސްނައިގެން އިބުރާހީމުގެ ފަހަތުން ދިޔައެވެ. އޭނާ އެއްކަލަ ކަށިކެޔޮގަސްތަކުގެ ތެރެއިން ވަދެގެން ދާތަން ފެނުމުން ބޮޑުސާދާގަރުވެސް އެކަށިކެޔޮ ވަލަށް ވަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ވަންނަން ހުރި ޖާގަ ހަނިކަމުން އެކަމެއް ނުވިއެވެ. އެހެންކަމުން ބޮޑުސާދާގަރު އެތަނަށް ގުދުވެގެން އިބުރާހީމު ފެނޭތޯ ބަލައިލިއިރު، އޭނާ އެއްކަލަ ކާށި ފުނިން ކާށި ހޮވަނީއެވެ.

 

ދެންކުއްލިއަކަށް އިވުނީ ވަރަށް ރީތި އަޑެކެވެ. އެއަޑު އިވުމުން ބޮޑުސާދާގަރު ރަނގަޅަށް ބަލައިލިއެވެ. އޭރު އިބުރާހީމުވެސް އެއަޑުއަހަން ހުރެފައި ވަކި ދިމާއަކަށް ބަލައިލިއެވެ. އަދި ކޮންމެވެސް އެއްޗެކޭ ބުނެލުމަށްފަހު ހިނިތުންވެލިއެވެ.

 

އިބުރާހީމު އެވާހަކަ ދެއްކީ ކާކާތޯ ބަލަން ބޮޑުސާދާގަރު ބޭނުންވިނަމަވެސް އެނާއަކަށް އެއްވެސް އިތުރު އެއްޗެއް ފެންނަވަރެއްނުވިއެވެ.  އެނާ އެހެން ހުއްޓައި  އިބުރާހީމު ކާށިތައް ގޯންޏަކަށް އަޅައިގެން ވަލުން ނިކުންނަން ހިނގައިގަތެވެ.

 

ބޮޑުސާދާގަރު އަވަހަށް އެތަނުން އެއްފަރާތެއްގައި ހުރި ބޯ ވެޔޮތަކެއްގެ ބިތްދޮށަށްވަދެ ފިލިއެވެ. އަދި އިބުރާހީމު ދާތަން ބަލަން ހުރެފައި އެ ކަށިކެޔޮގަސްތަކުގެ ތެރެއިން ބަލައިލިއެވެ. އެއިރު ކުއްލިއަކަށް ރަންކުލައިގެ ކޮންމެވެސް އެއްޗެއް ދާތަން ފެނުނެވެ. އޭތި ދިޔަލެއް ބާރުކަމުން އެއީ ކޮން އެއްޗެއްކަން އެނގޭވަރެއް ނުވިއެވެ. އެވަގުތު ބޮޑުސާދާގަރަށް އިބުރާހީމު ބުނި އެއްޗެއް ހަނދާންވިއެވެ.

 

‘ރަން ދޫނި!’

 

ބޮޑުސާދާގަރު ވިސްނާލުމަށްފަހު ގެއަށްގޮސް ކަތިވަޅިއެއް ހިފައިގެން އައިސް ކަށިކެޔޮ ގަސްތައް ކަނޑަން ފަށައިފިއެވެ.

CHAPTER SIX

 

އަނެއްދުވަހު އިބުރާހީމު ވަލަށް ދިޔައީ ވަރަށް އުފަލުން ހުރެއެވެ. އެއީ އެދުރުދައިތަގެއިން ފާސްވެގެން އެހެން އަވަށެއްގައި ހުންނަ މާމޮޅު އެހެން ދައިތައެއްގެ ކައިރިއަށް ފޮނުވާނަމޭ އެދުވަހު އެދުރުދައިތަ ބުނެފައިވާތީ އެވެ.

 

މިހާރު އިބުރާހީމު ވެސް މޮޅުކުއްޖަކަށް ވެގެން އެދުރުބެއަކަށް ވާނެ ދުވަހަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ. އެދުވަހަކުން އޭނާ ހުރިހާ ކުދިންނަށްވެސް ކިޔަވާ ދޭނެއެވެ. އެންމެ ފަގީރުކުއްޖާއަށްވެސް އޭނާ ކިޔަވާދޭނެއެވެ. ހުރިހާކުދިންވެސް މޮޅުވާތަން ދެކެން އޭނާ ބޭނުމެވެ.

 

އިބުރާހީމު ޚިޔާލަށް ގެއްލިފައި ހުރިވަރުން ބޯކަށިކެޔޮގަސްތައް ކަނޑައިފައިވާކަމެއް ފާހަގައެއްނުކުރެވުނެވެ. އޭނާ ގޯނިހިފައިގެން ކާށިފުންޏާ ދިމާއަށް ދަނިކޮށް އެއްކަލަ ރަންދޫނީގެ އަޑު އިވުނެވެ. އިބުރާހީމު ބަލައިލިއިރު އެދޫނިއޮތީ މަޅިފައްޗެއްގައި ބެދިފައިއެވެ. އޭތި ތެޅިތެޅި އޮތެވެ. އޭރު އޭތީގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

 

އިބުރާހީމު ހަޅޭއްލަވައިގަނެފައި އަވަސް އަވަހަށް އެދޫނި ސަލާމަތްކުރަން އެތަނަށް ދިޔައެވެ. ނަމަވެސް އޭގެ އެއްފައި މޮހައިފައި އަނެއްފައި ނުމޮހެނީސް ބޮޑުސާދާގަރު އައިސް އިބުރާހީމުގެ އަތުގައި ހިފާފައި ދުރަށް ކޮއްޕާލިއެވެ.

 

” މިއޮތީ ރަން ދޫނި ހިފާފަ! ” ބާގޯންޏެއް ހުޅުވާލަމުން ބޮޑުސާދާގަރު ބުންޏެވެ. އެއިރު އޭނާއަށް އުފަލުން ހެވެނީއެވެ.

 

ބޮޑުސާދާގަރު ރަންދޫނި ގޯންޏަށްލާން މަސައްކަތްކުރަންފެށުމުން އިބުރާހީމު ރޯން ފަށައިފިއެވެ.

 

” އޭ ސޮރާ, ރޯނެކަމެއްނެތް! މިދޫނި ހިފައިގެން ގަނޑުވަރަށް ދިޔައީމަ ހާދަ ބޮޑު އިނާމެއް ލިބޭނެ އޭ. އަވަހަށް އާދޭ މީތި ގޯންޏަށް ލައިދޭން… އަހަރެން ދޫނި މޮހާލީމަ ސޮރު ގޯނި ހުޅުވާ.”

 

” ތިޔަ ދޫނި ދޫކޮއްލަށްވާ… އަޅުގަނޑު އާދޭސްކޮށްފައި މިބުނަނީ…. ބޮޑުސާދާގަރު ތިހެން ނުހައްދަވާ! ”  

 

” ކޮޔާ. މިދޫނި ގެންގޮސް މަހާރަނިންނަށް ވެދުމަށްއެރުވީމަ އެކަމަނާ ހާދަ ހިތްޕުޅާވާނެއޭ. ކޮޔަށް ވެސް ކުޑަ ހަދިޔާއެއް ދެއްވަފާނެ ކަންނޭގެ. އާދޭ ކޮޔާ! އަހަރުމެން ދެމީހުން ވެގެން މީތި ގެންދާނީ. މިއަދު އަހަންނަށް ކޮއި އެހީވެއްޖެއްޔާ މާދަަމާއިން ފެށިގެން ކޮއި އަންނަންވީ އަހަރުންގެ ގެއިން ކައިބޮއިހަދައިގެން އުޅެން.”

 

” ބޮޑުސާދާގަރު ތިޔަ ދޫނި ދޫކޮށްލައްވާ. އަޅުގަނޑަށް ވަރިހަމަ ކާން ނުލިބުނަސް” ގޯނީގައި ހިފަން މަސަކަތްކުރަމުން އިބުރާހީމު ބުންޏެވެ.

 

” ބޭކާރު ވާހަކަ ނުއްދައްކާ! ކަލޭގެ މައިންބަފައިވެސް ކަލޭ ދޫކޮށްލީ ތިކަހަލަ ބޭކާރު ވާހަކަ ދައްކާތީ. އެހީނުވަންޏާ މިތަނުން ދާންއުޅޭ!”  މިިހެން ބުނަމުން ބޮޑުސާދާގަރު އިބުރާހީމުގެ މޭގައި އަޅާ ކޮއްޕާލިއެވެ.

 

ބޮޑުސާދާގަރު ވަރަށް އުނދަގުލުން އެ ރަންދޫނި ގޯންޏަށް ލުމަށްފަހު އޭގެ ތުން އެއްސިއެވެ. އަދި އަވަސް އަވަހަށް ވަލުން ނިކުންނަން ހިނގައިގަތެވެ. އިބުރާހީމު ވެސް ރޮމުން ރޮމުން ބޮޑުސާދާގަރުގެ ފަހަތުން ހިނގައިގަތެވެ. އޭނާ ހަމަ އަޅައިވެސް ނުލާ ގޯނި ކޮނޑަށް ލައިގެން ވަލުން ނިކުމެގެން ހިނގައްޖެއެވެ.

 

” މަށަށް އުނދަގޫނުކޮށް މިތަނުން ދޭ! ” އިބުރާހީމު ރޯވަރުން އުނދަގޫވެގެން ބޮޑުސާދާގަރު އަމުރުކުރިއެވެ. ނަމަވެސް އިބުރާހީމު ރުއިމެއް ނުހުއްޓުނެވެ. އޭނާ ހަމަ އާދޭސްކުރަމުން ބޮޑުސާދާގަރު ފަހަތުން ހިނގަމުން ދިޔައެވެ.

 

ގަނޑުވަރާއި ދިމާއަށް ދާން އޮންނަ މައިމަގަށް އެރިއިރުވެސް ބޮޑުސާދާގަރުގެ ފަހަތަކުން އިބުރާހީމު ދުރަކަށް ނުދިޔައެވެ. އޭނާ ރޮމުން އާދޭސް ކުރަމުން ބޮޑުސާދާގަރުގެ ފަހަތުން އަންނަތަން ފެނުމުން މީހުންވެސް އެއްވާން ފަށައިފިއެވެ.

 

” ކިހިނެއް ވެގެން މިއުޅެނީ!” އެމީހުން އެކަކު އަނެކަކު ގާތު އަހާއަޑުއިވެއެވެ.

 

ނަމަވެސް އެއްވެސް މީހަކަށް މިވެގެން އުޅޭ ގޮތެއް ނޭނގުނެވެ. މިގޮަތަށް އެއްވަމުން ދިޔަމީހުންގެ ތެރެއިން ލާފައި ބޮޑުސާދާގަރު ގަނޑުވަރުގެ ހެންވޭރު ދޮރާށިން ވަންނަން ދިޔައެވެ. ނަމަވެސް އެތާނގައި ތިބި ފާރަވެރިން އެކަން މަނާކޮށް ބޮޑުސާދާގަރު ހުއްޓުވިއެވެ. އެހެނަސް ގަނޑުވަރުގެ މައިދޮރުގެ ބޮޑު ދޮރުވާނަށް ބޮޑުސާދާގަރު ފެނުމުން އެއީ އެރަށުގެ ގަދަރުވެރި ބޭފުޅެކޭ ބުނެ ބޮޑުސާދާގަރު ވަނުމުގެ ހުއްދަ ދިނެވެ. އެވަގުތު ބޮޑުސާދާގަރާ އެކު އިބުރާހީމުވެސް ދާން ހިނގައިގަތެވެ.

 

” މީ ކޮން ކުއްޖެއްތޯ؟ މިކުއްޖާވެސް ބޮޑުސާދާގަރާއިއެކު ވައްދަން ވީތޯ؟ ” އިބުރާހީމަށް އިޝާރާތް ކުރަމުން ދޮރުވާނުއެހިއެވެ.

 

” ނޫން. ތީ އަހަރެން ދަންނަ ކުއްޖެއްނޫން. ގަނޑުވަރަކަށް ވަންނަ ވަރަށް ވުރެ ތިކުއްޖާ މާ މުޑުދާރެއްނު. އޭނާ އަވަހަށް ފައްސާލާ.” މިހެން ބުނުމަށްފަހު ބޮޑުސާދާގަރު ހެމުން ހެމުން ގަނޑުވަރު ތެރެއަށް ވަދެގެން ދިޔައެވެ.

 

ނަމަވެސް އިބުރާހީމު ރޯތަން ފެނުމުން ހިތަށް ކުލުނު ވަދެ އޭނާ އެތަނުން ފައްސާލާކަށް ފާރަވެރިޔާއަކަށް ނުކެރުނެވެ. އެކުއްޖާ އެތާ ހުއްޓަސް އެންމެ ރަނގަޅޭ އެކަމަކު ގަނޑުވަރު ތެރެއަށް ނުވައްދައްޗޭ ބުންޏެވެ.

CHAPTER SEVEN

 

ބޮޑުސާދާގަރު އަވަސް އަވަހަށް ގޮސް މަހާރަނިންގެ ދަރުބާރަށް ވަނުމުގެ ހުއްދަ އަކަށް އެދުނެވެ. އޭނާ އެއައީ މަހާރަނިންނަށް ވެދުމަށް އަރުވަން ވަރަށް އަގުހުރި ހަދިޔާއެއް ހިފައިގެން ކަމަށް ބުންޏެވެ.

 

” ކުރިން އެންގުމަކާނުލާ ބޮޑުސާދާގަރު މިތަނަށް ތިއައީ ކޮންކަމަކު؟” މަހާރަނިން ބޮޑުސާދާގަރާ ސީދާ ބަސްފުޅު ވިދާޅުވިއެވެ. 

 

” އަޅުގަނޑު މިއައީ ކަމަނާއަށް ވެދުމަށް ވަރަށް އާދަޔާ ހިލާފު އެއްޗެއް ހިފައިގެން. މީތި ފެނުމުން ހަމަ ޔަގީން ކަމަނާ ވަރަށް ހިތްޕުޅާވާނެ.”

 

” ތީ އަނެއްކާ ކޯޗެއްތަ؟ ” އަވަސް އަވަހަށް މަހާރަނިން ސުވާލު ކުރެއްވިއެވެ.

 

” މިއީ މިގައުމުގެ އެއްވެސް މީހަކު ދެކިފައިނުވާ، އަދި މިދުނިޔޭގައި އެއްވެސް މީހަކަށްވެސް ލިބިގެން ނުވާ ވަރަށް އަގުބޮޑު އެއްޗެއް.”

 

” ތީގެ އަގުބޮޑުކަން ވިސްނޭނީ މަށަށް ތިއެއްޗެއް ފެނުނީމައެއް ނޫންތަ! ” މަހާރަނިން އިންނެވީ ވަރަށް ހިތްޕުޅާނުވެފައެވެ.

 

” އާދެ. އަޅުގަނޑު ހަމަ މިހާރު މިދައްކަނީ. އަޅުގަނޑު މިގެނައީ ރަން ދޫންޏެއް. މީގެ އަލިކަން ކަމަނާގެ ތިޔަ ރަން ހާރަށްވުރެވެސް ގަދަވާނެ. އަޅުގަނޑަށް ދޫނިކޮއްޓެއް ލިބިއްޖެއްޔާ ކަމަނާއަށް މި ރަން ދޫނީގެ އަޖައިބުކަން ފެނިވަޑައިގަންނަވާނެ.” 

 

ބޮޑުސާދާގަރުގެ ވާހަކަ މިހިސާބަށް ދިޔައިރު މަހާރަނިންވެސް އިންނެވީ އެދޫނީގެ ރީތިކަން ބައްލަވާ ހިތްޕުޅުވެފައެވެ. އެކަމަނާ އަވަހަށް އެތަނަށް ދޫނިކޮއްޓެއް ގެންނަން އަމުރު ކުރެއްވިއެވެ.

 

ދޫނިކޮށި ގެނައުމުން ބޮޑުސާދާގަރު ގޯނީގެ ތުން މޮހަންފެށިއެވެ. އެއިރު ދަރުބާރުގައި ތިބި ހުރިހާ އެންމެންވެސް ތިބީ އެދޫނި ބަލައިލައި ހިތުން ކެތް މަދުވެފައެވެ. އެހެންނަމަވެސް ގޯނިން ނިކުމެ ކޮށީ ތެރެއަށް ވަނީ ކިލާ ކުލައިގެ ދޫންޏެކެވެ. އެދޫނި ފެނުމުން އެންމެންވެސް ހައިރާންވިއެވެ.

‘މިއީ އެބުނާ ރަން ދޫނި ހެއްޔެވެ؟ ‘

 

އެއީ ކިލާ މުށިކުލައިގެ ކުކުޅަކަށް ވުރެ ބޮޑު ދޫންޏެކެވެ. އޭގެ ބޮލުހުޅިގަނޑުން ބަޔަކާއި ނިގޫފަތުން ބައެއްވަނީ ނެއްޓިފައިއެވެ. މިއަށްވުރެ ހުތުރު ދޫންޏެއް އެއްވެސް މީހަކަށް ފެންނާނެ ކަމެއް ނޭނގެއެވެ.

 

އެދޫނި ފެނިވަޑައިގަތުމުން މަހާރަނިން ވަރަށް ބޮޑަށް ކޯފާއިސްކުރެއްވިއެވެ. އެކަމަނާ ހަރު އަޑުފުޅަކުން ބޮޑުސާދާގަރާ ސުވާލުކުރައްވަން ފެއްޓެވިއެވެ.

 

” މިއީތަ ދުނިޔޭގައި ނެތްވަރުގެ އަގުބޮޑު ރަން ދުންޏަކީ! އަހަރެންގެ ކަރުގައި މިއޮތް ހާރަށްވުރެވެސް ރަން ކުލަ ގަދަ ދޫންޏަކީ! “

 

” އަޅުގަނޑު…” ބޮޑުސާދާގަރަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

 

” މީތި ހިފައިގެން މިތަނަށް ބޮޑުސާދާގަރު ތިޔައައީ އަހަންނަށް މަލާމާތްކުރަންތަ؟ އެހެން ކަމަށްވަންޏާ ބޮޑުސާދާގަރަށް މިކަމުގެ އަދަބު ލިބޭނެ.”

 

” އަޅުގަނޑުގެ ރަނިކަމަނާ… މާތް ސާހިބާ. އަޅުގަނޑަށް ހީވަނީ ތިގޯނީގައި އިން ރަންދޫނި އެ ފަގީރު ކޮއި ވަގަށްނެގީހެން. ހަމަ ޔަގީން އަޅުގަނޑު އެދޫނި މިގޯންޏަށް ލީތަން އެކުއްޖާއަށް ފެންނާނެ. އެކުއްޖާ ގާތު އައްސަވާ. އަޅުގަނޑު ހުވާކޮށްފައި މިދަންނަވަނީ! ” ބޮޑުސާދާގަރު ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.

 

” ކޮބާ ތިބުނާ ކުއްޖާ… އެނާ މިތަނަށް ގެނޭ!” މަހާރަނިން ހަރުކަށި ކަމާއެކު އަމުރު ކުރެއްވިއެވެ.

 

އިރުކޮޅަކުން އިބުރާހީމު އެތަނަށް ގެނެސްފިއެވެ. އޭނާ ހުރީ މަހާރަނިންގެ ދަރުބާރަށް ގެންދާތީ ބިރުންނެވެ. އަދި އެތާނގައި ތިއްބެވި ބޭފުޅުން ފެނުމުން އިތުރަށް ހާސްވިއެވެ.

 

” މިހިރީ އެފަގީރު ކޮއި. ކޮޔާ ބުނެބަލަ. އަހަރެން ގޯންޏަށް ލީ ރަން ދޫންޏެއްނޫންތަ! ދޮގުނަހަދާ ރަނގަޅަށް ބުނޭ. ކޮޔަށްވެސް ފެންނާނެ އޭތި ގޯންޏަށް ލީތަން! “

އިބުރާހީމު ދޮގުހަދައިފާނެތީ ބޮޑުސާދާގަރު ހުރީ ބިރުންނެވެ.

 

” އާދެ. ބޮޑުސާދާގަރު އެގޯންޏަށްލެއްވީ ރަން ދޫންޏެއް.” އިސްދަށަށް ޖަހައިގެން ހުރެ އިބުރާހީމު ބުންޏެވެ.

 

” އަޅުގަނޑު ދެންނެވީމެއްނުންތޯ އަޅުގަނޑު ލީ ރަން ދޫންޏެކޭ. އެގޯނިން ދޫނި ނެގިއްޔާ ނަގާނީ މިފަގީރު ކޮއި. އޭނާ ބޭނުމެއްނުވޭ ކަމަނާއަށް އެދޫނި އަރުވާކަށް!”

 

” އެއީ ތެދެއްތަ ކޮޔާ!” މަހާރަނިންގެ އަޑު ފުޅު ވަރަށް ގަދައެވެ. އެއަޑު އިވުމުން އިބުރާހީމު އަދި ވަކިން ބޮޑަށް ބިރުގަތެވެ. މިތަން ފެނުމުން މަހާރަނިންގެ ކޯފާމަޑުވިއެވެ.

 

” ކޮޔާ. ކޮޔަށް ކިޔަނީ ކޮން ނަމެއްތަ! “

 

” އަޅުގަނޑަށް ކިޔަނީ އިބުރާހީމު.”

 

” ކޮޔާ، ބަލާބަލަ  އެކޮށީގައި އޭނދަ ދޫންޏަށް. އެއީ ބޮޑުސާދާގަރު ގޯންޏަށް ލީދޫންޏެއް ނޫންތަ؟ “

 

އިބުރާހީމު ބަލައިލިއިރު އެއްކަލަ ކޮށީގައި އިން ކިލާ ކުލައިގެ ދޫނި އިނީ އިބުރާހީމާ ދިމާއަށް ބަލާށެވެ. އިބުރާހީމު ގޮސް އެކޮށިގެ ކައިރިއަށް ހުއްޓި އެދޫންޏަށް ބަލާލިއެވެ. އެއިރު އެދޫނި ބިރުން ތުރުތުރު އަޅާތަން ފެނުމުން އިބުރާހީމު އޭތީގެ ބޮލުގައި ފިރުމާލިއެވެ. 

CHAPTER EIGHT

 

އިބުރާހީމު އެދީނަގައި ފިރުމާލުމާއެކު ވަރަށް އާދަޔާ ހިލާފު ކަމެއް ވާންފެށިއެވެ. އެދޫނީގެ ގައިގެ ފަތްތައް ރަންވެ ވިދަން ފެށިއެވެ. މިތަން ފެނުމުން އެންމެންވެސް ހައިރާންވެ އަނގަހުޅުވިއްޖެއެވެ. އެވަގުތު ބޮޑުސާދާގަރު ދުވެފައި އައިސް އިބުރާހީމު އެތަނުންކޮއްޕާ ދުއްރަށްލާފައި އެދޫންޏަށް ބަލާލިއެވެ.

 

” ބައްލަވާ. މާތް ކަމަނާ. މީނދީ އެ ރަން ދޫނި. އަޅުގަނޑު ދެންނެވީމެއްނުންތޯ!”  ބޮޑުސާދާގަރު އުފަލުން ބާރަށް ބުންޏެވެ. ނަމަވެސް އޭރު އެދޫނީގެ ރަންކުލަ ފޭދެމުން ފަނޑުވަމުން ދާތަން މުޅި ދަރުބާރަށްވެސް ފެނުނެވެ. އެންމެން ހަނު ތިބުމުން ބޮޑުސާދާގަރު ވެސް އެނބުރި ދޫންޏާ ދިމާއަށް ބަލައިލިއެވެ. އޭރު އޭތީގެ ރަންކުލަ މުޅިން ގެއްލި ހިނގައްޖެއެވެ.

 

” ކީ… ކީ… ކިހިނެއްވީ؟ ” ބޮޑުސާދާގަރު ހައިރާންވެ ކަންބޮޑުވެގެން ހުރެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އޭރު މަހާރަނިން އިންނެވީ ވަރަށް ކޯފާވެފައެވެ.

” މީނާ އެދޫންޏާ ދުރުކުރޭ! ހަމަ މިހާރު މިތަނުން ގެންދޭ! ” މަހާރަނިންގެ އަމުރުވެރި އަޑުފުޅު އިވުމުން ހަނގުބޭފުޅުން އައިސް ބޮޑުސާދާގަރު ވަށައިލައި ބޮޑުސާދާގަރު އަވަސް އަވަހަށް އެތަނުން ދުރަށް ދިޔައެވެ.

 

އެވަގުތު މަހާރަނިން ވަޑައިގެން އިބުރާހީމުގެ އަތުގައި ހިއްޕަވައިގެން އެކޮށިކައިރިއަށް ގެންދެވިއެވެ. އަދި ދޫނީގެ ކުލަ ބަދަލުވާތަން ބައްލަވަން އިންނެވުމަށްފަހު އެދޫނީގެ ވިދާ ބަބުޅާ ފިޔަގަނޑުގައި ފިރުމާލެއްވިއެވެ.

 

” މި ރަންދޫނި ގެންގޮސް ގަނޑުވަރުގެ ބޮޑު ބަގީޗާގައި ބައިންދާ.” މަހާރަނިންގެ އަމުރުފުޅަށް ބާނދީން އައިސް އެދޫނިކޮއްޓާއެކީ ގެންގޮސްފިއެވެ.

 

މިތަންފެނުމުން އިބުރާހީމު ވަރަށް ދެރަވިއެވެ. އެދޫނީ ގައިދު ކޮށްފައިވާތަން ފެނުމުން އޭނާ ރޯން ބޭނުންވިއެވެ. ނަމަވެސް މިފަދަ ބޮޑެތި މީހުންގެ ދަރުބާރުގައި ރޮއިފިއްޔާ އެންމެން މަލާމަތް ކުރާނެކަން އޭނާއަށް ވިސްނުމުން އޭނާ ހިތްވަރުކޮށްގެން ހުއްޓެވެ.

 

” ރަނިކަމަނާ، މާތް ސާހިބާ!” ކުއްލިއަކަށް ބޮޑުސާދާގަރު ވާހަކަ ދައްކަން ފެށިއެވެ.

 

އެވަގުތު މަހާރަނިން ބައްލަވައިލެއްވިގޮތުން ބޮޑުސާދާގަރު ބިރުގަތެވެ. އެހެން ނަމަވެސް ‘ލަދަކާހުރެ ތަދެއް ނުފިލާނެ’ އޭ ބުނާ އުސޫލުން ބޮޑުސާދާގަރު އިނާމުގެ ވާހަކަ މަހާރަނިންގެ އަރިހުގައި ދަންނަވަން ބޭނުންވިއެވެ.

 

” އަޅުގަނޑު… އަޅުގަނޑުގެ އިނާމު، ކަމަނާ ވިދާޅުވީމެއްނުންތޯ…” ބޮޑުސާދާގަރު ޖެހިލުންވެ ހުރެގެން އެހިއެވެ.

 

” އާނ! ބޮޑުސާދާގަރަށް ރަނގަޅު އިނާމެއް ލިބެންޖެހޭނެ. ތިކުރި ކަންތަކުގެބަަދަލު ލިބެން ޖެހޭނެ. ރަނގަޅަށް އަޑުއަހާ! ބޮޑުސާދާގަރުގެ އިނާމަކީ މިނިކާ ރާއްޖެއަށް އަރުވާލުން!”

 

” އޭނާ މިހާރު އޮޑިއަށް ގެންދޭ!” މަހާރަނިން ހަނގުބޭކަލުންނަށް އަމުރުކުރެއްވިއެވެ.

 

މަހާރަނިންގެ އަމުރުފުޅު އަޑުއިވުމުން ބޮޑުސާދާގަރު ބިރުން ރޯންފަށައިފިއެވެ. އަދި މަހާރަނިންގެ އަރިހުގައި ވަރަށް އާދޭސްކުރަން ފަށައިފިއެވެ. އެހެންނަމަވެސް ހަނގުބޭކަލުން އޭނާ ދަމާފައި ދަރުބާރުން ނެރުމުން މަހާރަނިން އެނބުރިވަޑައިގެން އިބުރާހީމާ ދިމާއަށް ބައްލަވާލެއްވިއެވެ. .

 

” ކޮޔާ، ކޮއި ބޭނުމެއް ނޫންތަ އެއްވެސް އިނާމެއް ހަދިޔާއެއް؟ “

 

” މާތް ރަނިކަމަނާ، އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއްނޫން. ” އިބުރާހީމު ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ.

 

” ކޮއި ބޭނުން އެއްޗެއް ބުނޭ. ކޮޔަކީ ތެދުވެރި ރަނގަޅު ކުއްޖެއްކަން މިއަދު މަޖުލީހުގެ އެންމެނަށްވެސް އެނގޭނެ. އަދި އެހެންނޫނަސް މިފަދަ މަޖުލީހެއްގައި އަހަރެން ކަމަކަށް އެދޭށޭ ބުނުމުން ކަމަކަށް ނޭދިއްޖެއްޔާ ކޮއިވެސް އޮޑިއަށް ފޮނުވަފާނެ ކަން ދަންނާތި. ” މަހާރަނިން މިހެން ވިދާޅުވުމުން އިބުރާހީމު ބިރުގަތެވެ.

 

” ތިހެން ވިއްޔާ އަޅުގަނޑު އެދެނީ އެރަންދޫނި ކޮށިންނެރި ވަލަށް ދޫކޮއްލަން. އޭތި ކޮށީގައި އިނދެގެން އެއްވެސް ލަވައެއް ނުކިޔާނެ، އޭތި ދޫކޮށްލައްވައިފިއްޔާ އެދޫނީގެ ލަވަ އަބަދު ވަލުތެރޭން އިވެމުންދާނެ. “

 

އިބުރާހީމު އިސް ޖަހައިގެން ހުރެ މިހެން ދެންނެވުމުން މަހާރަނިން ހަމަ އެންމެ ބަސްފުޅެއްވެސް ވިދާޅުނުވެ އިންނެވިއެވެ. މިކަމާ އިބުރާހީމު އިތުރަށް ބިރުގަތެވެ. އެހެންނަމަވެސް ތެދުބުނެގެން ލިބޭ އަނިޔާއަށް ކެތްކުރުންވެސް މާރަނގަޅުކަން އޭނާއަށް އެނގެއެވެ.

 

” ކޮއި ތިނޫން ކޮންމެވެސް އެހެން ކަމަކަށް އެދޭ. ތިކަމެއް ނުކުރެވޭނެ.” މަހާރަނިން އެބަސްފުޅު ވިދާޅުވެ ނުނިމެނީސް މަހާރަނިންގެ ޚާދިމަކު އައިސް އެކަމަނާގެ އަރިހުގައި ސިއްރުން ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެހިނދު މަހާރަނިން ހިނިފުޅުވެޑުވިއެވެ.

 

” އާނ… އަހަންނަށް އެނގޭ، ކޮޔާ، ކޮއި އަބަދު ކިޔަވާހިތުން އުޅެމެއްނު، ކޮއި ކިޔެވުމުގެ ހުރިހާ ޚަރަދެއްގައި އަހަރެން ހިފައިފިން. މިގައުމުގައި ހުރި އެންމެ މޮޅު މީހާއަށްވާން ކޮއި ބޭނުމެއްނޫންތަ؟ “

 

މަހާރަނިން ގެ މިވާހަކަފުޅު އިވުމުން އިބުރާހީމު އުފަލުން ހީނލުމަށްފަހު ބޯޖަހައިލިއެވެ.