...އެހެން ނޫންނަމަ
މެންދުރުގެ ވަގުތެކެވެ. ސައިފް އޮތީ ކައިގެން އައިސް އެނދުގައި އޮށޯވެލައިގެންނެވެ. އެހެން އޮތްއިރު އޭނާގެ ހަނދާންތަކާއި ދުރަށް އެންމެ ހިނދުކޮޅަކަށްވެސް ނުދާ އެޚިޔާލު އަނެއްކާވެސް އޭނާ ވަށާލިއެވެ.
އޮކޭލޯގެ އެހަނދާން އޭނާއާއި ވަކިނުވަނީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. އެހެންނަމަވެސް އެހުނުމުގެ އަޑު ކަންފަތުގައި ގުގުމަން ފެށުމާއިއެކު އޭނާއަށް ފުންނޭވާއެއް ލެވުނެވެ. އަދި ދެލޯމަރާލީ އެޚިޔާލުތަކުގައި ސިފަ ޖެހޭނެކަމަށް އުއްމީދު ކޮށްގެނެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާއި ޚިލާފަށެވެ. އޭނާގެ ނިތްކުރިއަށް ރޫއެރިއެވެ. އަދި މޫނުމަތީގެ ކުލަ ފަނޑުވިއެވެ.
ކުއްލިއަކަށް އިވެންފެށި ފޯނުގެ ރަނގަބީލުގެ އަޑުން އޭނާ ސިއްސުވާނުލިނަމަ އޭނާގެ އެޚިޔާލުތަކާއި މެދު ތަންކޮޅެއް ބޮޑަށް ވިސްނާލެވުނީސްކަންނޭނގެއެވެ.
އަތްދަމާލުމަށްފަހު ކަންނެތްގޮތަކަށް އޭނާ ފޯނުނެގިއެވެ. އަދި ހަލޯބުނުމާއެކު މޫނުމަތިން ހައިރާންކަން ފާޅުވެގެންދިޔައެވެ.
” ކާކު؟”
ސައިފްއަކަށް އަނެއްކޮޅުން އެއިވުނީ ކޮން އަޑެއްކަން އެއްގޮތަކަށްވެސް ނޭނގުނެވެ.
” ހަމަ ނޭނގުނުތަ؟ “
އެއީ ހިމަހިމަ ތޫލި އަޑެކެވެ. ކުޑަކޮށް ދަންނަ އަޑެއްހެންވެސް ހީވެއެވެ. ނަމަވެސް ކާކުކަން ހަމަ ވިސްނައެއް ނުގަނެވުނެވެ.
” އޭނ. ތީނަތަ؟ އަހަންނަށް ނޭނގުނީއެވެ. ފޯނުން ހާދަ އަޑުތަފާތޭ ؟”
ހަގީގަތުގައި އެއީ ކާކުކަމެއް ސައިފްއަކަށް ނޭނގެއެވެ. އެހެންނަމަވެސް އެކޮޅުން ވާހަކަ ދައްކަމުން އެދާ ޖިންސުއްލަތީފަށް އެކަން އަންގާކަށް ބޭނުންނުވާތީ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
” އެހެންތަ؟ ކިހިނެއްތަ؟ މިހާރު ނުވެސް ފެނެއެއްނު. ކޮންތާކު ތިއުޅެނީ.؟” އެއަންހެންކުއްޖާގެ އަޑުގައި ޝަކުވާގެ ރާގެއް ހުއްޓެވެ.
ސައިފައަށް ހަމައެއްގޮތަކަށްވެސް އެއީ ކާކު ކަމެއް ނުވިސްނުނެވެ. އެހެންނަމަވެސް އެހާ ގާތްކަމާއެކު އޭނާއާއި ވާހަކަދައްކަމުން މިދަނީ ކޮންކުއްޖެއްތޯ ބަލާލާހިތް އޭނާވިއެވެ.
” މިއުޅެނީ ހަމަ. ހިނގާ މީޓް ކޮށްލަން.”
” ކޮންތާކަށް ދާންވީ؟”
” ތީނަ ބުނޭ ކޮންމެސް ރަނގަޅުތަނެއް!” ސައިފްއަކަށް ނުވިސްނުނެވެ. އެހެންނަމަވެސް އެއަންހެންކުއްޖާއަށް ކަމުދާ ތަނެއްގެ ނަންބުނުމާއެކު ދާނެގަޑިއެއް ކަނޑައަޅާފައި ފޯނުބޭއްވިއިރުވެސް ސައިފްހުރީ ހައިރާން ކަންމަތީގައެވެ.
” ކާކުބާ؟ ” އޭނާ ހިތާހިތާ ކިޔާލިއެވެ.
—
އޭނާ ސައިކަލު ޕާރކުކުރުމަށްފަހު ރެސްޓޯރަންޓަށް ވަންނަން ދިމާކޮށްލިއެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާގެ ފިޔަވަޅަތަކަށް ހުއްޓުން އެރިއެވެ. އޭނާއަށް އެގުޅި އަންހެންކުއްޖާ އޭނާގެ އިންތިޒާރުގައި އިންނާނެކަން އޭނާއަށް އެނގެއެވެ. އަދި އެ ފޯނުކޯލުގެ މާނައަކީ ކޮބައިކަންވެސް އޭނާއަށް ވިސްނެއެވެ. އޭނާއަކީ ތަޖުރިބާއެއްނެތް ކުޑަކުއްޖެއް ނޫނެވެ. އޭނާއަކީ ދުނިޔެ ފެނިފައިވާ ،ތަންދޮރުދަންނަ ޒުވާނެކެވެ. އެހެންކަމުން އޭނާއާއި އެފަދަ ގޮތަކަށް ގުޅެން ބޭނުންވެގެން އެއުޅެނީ ކާކުކަން އޭނާވެސް ދެނެގަންނަން ބޭނުމެވެ.
ސައިފް ކުޑަކޮށް ފަހަތަށް ޖެހިލުމަށްފަހު ރެސްޓޯރަންޓު ތެރެއަށް ނަޒަރު ހިންގާލިއެވެ. އެތާގައި ވަރަށް ގިނަ އަދަދަކަށް މީހުން ތިއްބެވެ. އެހެންނަމަވެސް އެކަނި އިން އަންހެންކުއްޖަކަށް އިނީ އޭނާވެސް ދަންނަ ކުއްޖެކެވެ.
” އަޒޫ ؟ “
ސައިފް ހައިރާންވިއެވެ. އަޒޫއަކީ ނެޑް ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އަދި އެދެމީހުންގެ ދޭތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭކަން ސައިފްއަށް އެނގެއެވެ. ނެޑް، އަޒޫދެކެ ލޯބިވާމިންވަރު ސައިފްއަށް އަންދާޒާކޮށްލެވެއެވެ. އެހެންކަމުން އަޒޫ އެފަދަ ގޮތަކަށް އޭނާއާއި ބައްދަލު ކުރަން ބޭނުންވެދާނެ ކަން އިޙްސާސްކުރެވެމުން އޭނާ ހައިރާންވިއެވެ. ފޫހިވިއެވެ.
އޭނާ ކުޑަހިނދުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުއްޓެވެ. އަޒޫގެ އެރީތިކަމުގެ ފަހަތުގައި ފޮރުވިފައިވާ ހުތުރުކަން އޭނާގެ ކޮންމެ ހަރަކާތަކުންވެސް ފާޅުވަމުން ދިޔަ ކަހަލައެވެ. އޭނާ އެއިނީ ސައިފްގެ އިންތިޒާރުގަ އެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ވަށައިގެންވާ އެހެން މޭޒުތަކުގައި ތިބި ޒުވާން ފިރިހެނުންތަކަށް އަމާޒުކުރެވޭ ފަހަރުވެސް މަދެއްނޫނެވެ.
ސައިފް ބަލަން އިރުކޮޅަކު ހުރުމަށްފަހު ހިނގައިގަތެވެ. އަދި އެއްވެސް ޖެހިލުމެއްނެތި އޭނާގެ ސައިކަލަށް އަރާފައި ދުއްވާލީ އޭނާގެ އިންތިޒާރުގައި އެއިން އަންހެންކުއްޖާ އަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.
—
ސައިފް ބަދިގެތެރެއަށް ވަނެވެ. އެވަގުތު ގޭގައި އެއްވެސް މީހެއް ނެތްކަން އޭނާއަށްވެސް އެނގެއެވެ. އެހެންވިޔަސް ބަނޑުހައިވާނީ ގޭގައި މީހަކު އުޅޭތޯ ނޫޅޭތޯ ބަލާފަކާ ނޫނެވެ. އެހެންކަމުން އޭނާއަށް ހަދަން އެނގޭ އެންމެ ފަސޭހަ ކާނާއިން ފުއްދާލުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތްކަން އޭނާއަށް ވިސްނުނެވެ.
ފްރިޖް ހުޅުވާލުމަށްފަހު ވިސްނަން ހުއްޓައި މީހެއްގެ ހިލަންވެގެން ބަލާލިއިރު ލުބްނާ އައިސް ވަންނަނީއެވެ. އެހިނދު ލުބްނާގެ މޫނު މަތިން ފާޅުވެގެން އެދިޔަ ހައިރާންކަން ފެނުމުން ސައިފްއަށް މަޖާވިއެވެ. ނަމަވެސް އެކަން ބޭރަށް ނާންގާ އޭނާ ހަމަ އަޅާވެސް ނުލައި ދެ ބިސްނަގާފައި ތަށްޓެއްގެ ތެރެއަށް ވަރަށް ފަރިތަކަމާއެކު ތަޅާލާފައި އަޅާލިއެވެ. އަދި އެރަނގަޅަށް ގަށާލުމަށްފަހު ތަވާ އުދާފައި އެހޫނުވާނެ ވަގުތަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ.
” ކީއްތިކުރަނީ؟ ” ލުބްނާ ވަރަށް ނޫން ގޮތަކަށް ސުވާލުކޮށްލިއެވެ. އެއީ ބޭއިހުތިޔާރުގައި އަހާލެވުނު އެއްޗެއްކަން އޭނާގެ ރާގުންވެސް ދޭހަވެއެވެ.
” ލުބްނާއަށް ހީވަނީ ކީއްހެން މިކުރަނީ ؟ ” ބިސް އެތި ތަވާތެރެއަށް އަޅާލަމުން ސައިފް ބުނެލިއެވެ.
” މިޔަށް ކިޔަނީ ބިސްގަނޑު އެޅުން. ” ސައިފްގެ އަޑުގައި ހިނިތުންވުމެއްގެ އަސަރު ހުއްޓެވެ.
” އަހަންނަށްވެސް އެނގެއޭ ތިކުރާކަމެއް. މިއަހަނީ މިގޭގައި އެއްވެސް މީހެއް ނޫޅެނީހޭ. ކޮބާ ކުޑަމަންމަ؟ ” ލުބްނާގެ ނިތްކުރިއަށް ރޫއެރިއެވެ.
” ތިހާ ގިނަ ސުވާލު އެއްފަހަރާ ކުރީމަ ކިހިނެއްވާނީ. ކޮން ސުވާލަކަށް ފުރަތަމަ ޖަވާބު ދޭންވީ؟ މަންމަ ވީތަން ބުނަންވީތަ؟ މީހުން އުޅޭ އަދަދު ކިޔަންވީތަ؟ ކީއްކޮށްދޭންވީ؟ “
ސައިފްގެ ހިނިތުންވުން ފެނުމާއެކު ލުބްނާގެ މޫނު އަނދިރިވެގެން ދިޔައެވެ.
” އަހަންނަށް ވަރިހަމަ ސައިފް އެއްކަމެއް ނުކޮށްދިނަސް!” ލުބްނާ ހިފައިގެން އައި ކޮތަޅުތަކުގައި ހުރި ތަރުކާރީތައް ފްރިޖަށް ލާން ހިނގައިގަތެވެ.
ސައިފް ފަރުވާތެރިކަމާއެކު ލުބްނާއަށް ބަލާލިއެވެ. އެހިނދު ލުބްނާގެ މޫނަށް ފްރިޖްގެ ބޮކިން އަލިއެޅިފައި ހުއްޓެވެ. ގަދަޔަށް ދަމާ ބާރަށް އައްސާފައިވާ އޭނާގެ ދިގު އިސްތަށިގަނޑުން ބައެއް ކުދި އިސްތަށި މޫނުގެ ވަށައިގެން ބީހެމުން ދިޔައެވެ. އެއްވެސް ހައްދެއްނެތް އޭނާގެ ދިގުދިގު އެސްފިޔަތަކުން ލުބްނާގެ ކޯތާފަތްމައްޗަށް އެޅިފައިވާ ހިޔަނިކޮޅު އަދި ވަކިން ފާހަގަވެގެން ދިޔައެވެ.
ސައިފް ފުން ނޭވާއެއް ލިއެވެ. އަދި އޭނާގެ ޚިޔާލުތައް ދަތުރުކުރަމުން އެދިޔަ މަގު ކަމުނުދާތީ އެދަތުރު ހުއްޓުވާލުމަށްފަހު ވިސްނާލިއެވެ. އޭނާ ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ލުބްނާގެ ރުޅި މޫނުފިޔަވައި އެހެން ސިފައެއް ނުފެންނާނެކަން އޭނާއަށް ވެސް އެނގެއެވެ. އެހެން ނަމަވެސް އޭނާ އާއި ރަހުމަތްތެރިކަން އުފައްދަން ސައިފް ބޭނުންވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
ލުބްނާގެ ދޮންފޫޑު މޫނުމަތިން އަބަދުމެ ފެންނަ މާޔޫސްކަން ފިލުވާލަން އޭނާ ބޭނުންވަމުން ދިޔައެވެ. އޭނާ އެހުންނަލެއް ނާޒުކުކަމުން ޅަފުއްލާއެއް ފަދައިން ސައިފަށް އޭނާ ސިފަކުރެވެއެވެ. ސިހޭ ކަހަލަ ކަމެއް ކޮށްލައިފިއްޔާ ދުވެފިލާފާނެއެވެ.
ލުބްނާ ތަރުކާރީކޮޅު ފްރިޖަށް އަޅާލުމަށްފަހު އެނބުރިލިއިރު ސައިފް ޚިޔާލީގޮތަކަށް އޭނާއާއި ދިމާއަށް ބަލަން ހުއްޓައި ފެނުމުން ހުއްޓުން އެރިއެވެ. ހިނދުކޮޅަކަށެވެ. ދެން އޭނާ އަވަސް އަވަހަށް އެނބުރިލާފައި ދާން ތައްޔާރުކޮށްލިތަނާ ސައިފް އަވަސް އަވަހަށް އައިސް ފްރިޖުން މާގިނަ އެއްޗެހިތަކެއް ނަގަން ފެށުމުން އަނެއްކާވެސް މަޑުކޮށްލިއެވެ.
ފްރިޖްގެ ދޮރު، ފައިން ލައްޕާލުމަށްފަހު ސައިފްގެ އަތުގައި ހުރި އައިސްކްރީމް ތައްޓާއި ކޯކްފުޅި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ތަށްޓެއް ނަގައިގެން އައިސް އެއަށް އައިސްކްރީމް އެޅުމަށްފަހު އެއަށް ކޯކް އަޅަން ފަށައިފިއެވެ. ތަންކޮޅެއް ދުރުގައި މިތަން ބަލަން ހުރި ލުބްނާއަށް ގޮނޑީގެ ލެނގޭބައިގައި ހިފަހައްޓާލައިގެން ހުރެވުނެވެ.
އެބުއިން ހަދާ ނިންމާލައިގެން، ތަވާ ތެރޭގައި އޮތް ބިސްގަނޑު ނަގާފައި އެ ތަށްޓަކަށް ލައިގެން އައިސް މޭޒު ދޮށުގައި އިށީނެވެ. އަދި އެއްވެސް ޖެހިލުމެއްނެތި އެ ކާން ފެށިއެވެ. ބަނޑުހައިވެފައި އިންވަރުން އޭނާއަށް ރަނގަޅަށް ހޭވެރިކަންވިއިރު ލުބްނާ، ކުޑަކޮށް އަނގަ ހުޅުވާލައިގެން އޭނާއާއި ދިމާއަށް ބަލަން ހުއްޓެވެ.
” ކިހިނެއްވީ؟” ތަށީގައިވާ އެންމެ ފަހު ބިސްކޮޅު އުލުން ކަހާލާފައި އަނގަޔަށް ލަމުން ސައިފް އަހާލިއެވެ.
ނަމަވެސް ލުބްނާ ހަމަ އަނގައިންވެސް ނުބުނެ ބޯހަލުވާލުމަށްފަހު ގޮސް ސައިފް ބިސްހެދި ތަވާ ނަގައިގެން ސިންކާއި ދިމާއަށް ދާން ހިނގައިގަތެވެ. އެހެނަސް އޭނާއަށް ގޮސް ސިންކުން ފެންދޫކޮށްލުމާއެކު ހެން ސައިފް ކުއްލިއަކަށް އައިސް އެދޭތެރެއަށް ވަނެވެ. އެހިނދު އޭނާއާއި އެހާ ކައިރިއަށް ސައިފް ހުއްޓުމުން ލުބްނާ ހާސްވިއެވެ. އަދި ތެޅި ގަތުމަށްފަހު ފަހަތަށް ދެމިގަތެވެ.
” ކިހިނެއްވީތަ؟!” ފުންނޭވާތަކެއް ލަމުން ލުބްނާ އަހާލިއެވެ. އޭރުވެސް އޭނާގެ ނޭވާހަމައަކަށް ނޭޅެއެވެ.
” ކަމެއްނުވޭ. އަހަރެން ހަޑިކުރި އެއްޗެއް ދޮންނަންވާނީ އަހަންނެއްނު. ” ލުބްނާއަށް ވީގޮތް ފެނުމުން ސައިފް އޭނާ އާއި ދުރަށް ޖެހިލަމުން ފުރަގަސް ދިނެވެ.
ލުބްނާ އަނގައިންނުބުނެ އެހެން ހުރުމަށްފަހު އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. އެއާއެކު ސައިފްވެސް ފުންނޭވާއެއްލަމުން ތަވާ ރަނގަޅަށް ދޮވެ ތެލި ބަހައްޓާ ބަޔަށް ލުމަށްފަހު އޭނާ މޭޒުމަތީގައި ހުރި ތަށިތައް ނަގަން ފަށައިފިއެވެ.
—
ހުސްނާމެންގެ ކޮޓަރިއަށް ވަތްއިރު އެތާނގެ ހަލަބޮލިކަން އުފެދިފައިވާ މިންވަރު ފެނުމާއެކު ސައިފަށް ހުއްޓުން އެރިއެވެ. އޭރު ހުސްނާ އަލަމާރި ތެރެއިން ހެދުންތަކެއް ނަގައިގެން އެނދުމައްޗަށް އަޅަނީއެވެ. އަދި ރަޝާދު އެ ހެދުންތައް އަލަމާރިތެރެއަށް އަބުރާ ލަމުން ގެންދިޔައެވެ.
” ތިޔޯ؟” ބޯމަތިން ދިޔަ ގަމީހަކުން ރެކެމުން ސައިފް ގޮސް އެނދުގައި އިށީނެވެ. އެއިރު ހުސްނާއާއި ރަޝާދު ކޮންމެވެސް ހެދުމަކާއި ބެހޭގޮތުން ހޫނުކޮށް ބަހުސްކުރަނީއެވެ.
” މިއުޅެނީ ރަށަށް ދާންވެގެންނު. ހުސެން ނަސީމު ބުނެގެން އަތުގައި ހުރި ހެދުންތަކުގެ ތެރެއިން ބައެއްއެއްޗެހި ނަގަނީ.” ހުސްނާ ލަތްކެއް ޖަހާލުމަށްފަހު ރަޝާދު އަތުން އެ ހެދުން ދަމައިގަތެވެ.
” އެއީ ކީއްކުރަން؟” ސައިފް ހައިރާންވިއެވެ.
” އެމީހުން އެއީ ނުލާހިކު ނިކަމެތިިކޮށް އުޅޭ ބައެއް.”
” ތީ އަހަރެން މިދިޔަމަހު ގެނައި ފޮތިގަނޑެއްނު! ތީ އަދި ނުވެސް ލާ ހެދުމެއް. ” ރަޝާދު އަނެއްކާވެސް އެހެދުން ނެގިއެވެ.
” ހޫނ. ރަނގަޅުވާނެއޭ. އެމީހުންނަށް އަބަދު ދޭންޖެހޭނީ ލާފައި ބާވާ އެއްޗެއްސެއް ނޫނެއްނު.” ހުސްނާ ކުރެއްނުކުރިއެވެ. އޭނާ އެހެދުން އަތުލައިގެން އައިސް ފޮށްޓަށް ލިއެވެ.
” ކޮންއިރަކުތަ މިކަންތައް މިޕްލޭން ކުރެވުނީ!” ސައިފް އިނީ އަދިވެސް ހައިރާންކަންމަތީގައިއެވެ.
” ކުރިންވެސް ރާވާފައޮތީ، ދަރިފުޅު އައުމުގެ ކުރިން އެރަށަށް ގޮސްލާނަމޭ ހިތަށް އަރައިގެން ރޭވިރޭވުމެއް މީ. މަންމަ މިހިރީ ހަނދާން ނެތިފައި. ކުރީދުވަހު ރަޝާދު ހަނދާން ނުކޮށްދިންނަމަ އަހަރެން ހަނދާންނުވެސް ވީސް.” ހުސްނާ ފޮށި ލައްޕަން މަސައްކަތްކުރަމުން ދިޔައެވެ. އެއިރު ފޮށްޓަށް އަޅާފައިހުރި އެއްޗެހި ގިނަކަމުން އެރަނގަޅަށް ނުވެސް ލެއްޕެއެވެ. އެންމެފަހުން ސައިފާއި ރަޝާދާއި ވަރަށް މަސައްކަތުން އެފޮށި ލެއްޕިއެވެ.
” މީ ހުސްހެދުން!؟ އެކަމަކު މަންމާ. ތީގެން ރަށުގެ ހުރިހާ މީހުން ލާފައި ބާކީވާނެ!”
” އާނ ދެން ބާކީވަންޏާ އެހެން މީހުންނަށް ދޭނީއޭ. ” ހުސްނާ ފަރުވާކުޑަގޮތަކަށް މިހިން ބުނެލުމުން ސައިފްގެ ގާތަށް ހިނިއައެވެ. އަދި އެއްލި ކަޅިއަކުން ބަލާލިއިރު ދުރުގައި އިށީދެލައިގެން އިން ލުބްނާވެސް ތުންފަތުގައި ދައިގަނެގެން ހިނިތުންވުން ފޮރުވަން މަސައްކަތްކުރަމުން ގެންދިޔައެވެ. ސައިފްއަށް މިހިނިތުންވުން ފެނުމުން ކުޑަ ޝޮކެއް ލިބުނެވެ. މިއީ އަބަދުވެސް ލުބްނާ ހީލީމައި އޭނާގެ މޫނުމައްޗަށް އެއަންނަ ބަދަލު ފެނުމުން އޭނާއަށް ވާ ގޮތެކެވެ. ހަމަ އެކަނި އެކުޑަ ހިނދުކޮޅުގެ ތެރޭގައި އޭނާއަށް ލުބްނާގެ އަސްލު ސޫރަ ފެނިގެން ދާކަހަލައެވެ. ލުބްނާ ގެ މޫނުމަތީގައި ހުންނަ އުދާސްކަން ކަނޑައިގެން ދާނަމަ، އޭނާ ގިނައިން ހިނިތުންވެލާނަމަ، އޭނާ އަކީ ކިހާ ރީތިކުއްޖަކަށް ވާނޭ ކަން ސައިފްއަށް އަންގާލާ ކަހަލައެވެ.
” މަންމާ… އަހަރެން ކައިރީގައި ނުބުނީ ކީއްވެގެންތަ؟ އަހަރެންވެސް ދާނަމޭ!” ސައިފް ހިތް އަވަސްވިއެވެ.
” އަދި ލަހެއް ނުވެޔޭ. ފުރާނީ މާދަމާރޭ ފަތިހު. ސައިފް ވެސް ގޮސް ޕެކް ކޮށްބަލަ. މަންމައަށް މިވަގުތު ވަރަށް އުނދަގޫވާނެ. އެހެންނޫންނަމަ މަންމަ ޕެކް ކޮށްދޭނަން.” ހުސްނާ އަތްމަތި އަވަސްކޮށް ލުމަށްފަހު އަނެއްކާވެސް އަނެއްފޮށި ނަގައިގެން އެއަށް ރަޝާދުގެ ގަމީސްތައް އަޅަންފެށިއެވެ.
” ލުބްނާ ކިހާ އެކަނިވާނެތަ އަބަދު ގޭގަ ހުންނަންވީމަ؟ ދަރިފުޅުވެސް ހިނގާބަލަދާން. ސައިފްވެސް އެދަނީއެއްނު އަހަރުމެންނާ އެކު. ” ރަޝާދުއަށް މި ވާހަކަ ބުނެ ނިންމާ ނުލެވިގެން އުޅެނިކޮށް ލުބްނާ އެނބުރި ބަލާލިގޮތުން އޭނާ ދައްކަމުން ދިޔަ ޖުމްލަ ހިނދިގެން ދިޔައެވެ. ރަޝާދު އިސްދަށަށް ޖަހާލަމުން ގޮސް ހުސްނާގެ ކައިރީގައި އިށީނެވެ. އެހިނދު ހުސްނާއަށް ވަގުތުގެ ނާޒުކުކަން ވިސްނިގެން ހިނިތުންވެލާފައި ގޮސް ލުބްނާގެ އަތުގައި ހިފިއެވެ.
” އާނ. ބައްޕަ އެބުނީ ތެދެއްނު. ލުބްނާއެކަނި ކީއްކުރާނީ؟ އަހަރުމެންނާއެކު ރަށަށް ދިޔައީމާ ކިހާ މަޖާވާނެ!”
” ކުޑަ މަންމަ އަޅާނުލާބަލަ. އަހަރެން ކުރަން ހުރި ބައިވަރު މަސައްކަތް އެބަހުރި. އެހެންނޫނަސް އަހަރެން އެހާ ކަނޑުމައްޗަށް އަރާހިތެއް ނުވޭ. ” ލުބްނާގެ އަޑުގައިވާ ހަރުކަށިކަން ޚުދް އޭނާއަށްވެސް ފާހަގަވީ ކަހަލައެވެ. އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ސައިފްއަށް ވެގެން އެއުޅޭ ގޮތެއް ނުވިސްނުނެވެ. އެހެންނަމަވެސް އޭނާ އިތުރަށް އެކަމާވިސްނަން ބޭނުންނުވާތީ އެތަނުން ނިކުތެވެ.
” އާނ. އަހަރެން މިދަނީ ޕެކްކުރަން. ދޯނިމަތިން ބައްދަލުކުރާނީ!” ސައީފް ފަރުވާކުޑަ ގޮތަކަށް މިހިން ބުނެލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.