Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp

Ehennoonama | Part 05

...އެހެން ނޫންނަމަ

PART FIVE



” ސައިފް “

” ސައިފް “

” ނިކަން ހޭލަބަލަ!”

އޭނަ ކުއްލިއަކަށް ފިނިވެގެން ދިޔައެވެ. ނަމަވެސް ނިދީގެ މީރުކަން ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ އަނެއްފަރާތަށް ފުރޮޅިލަމުން އެއަޑުތަކާއި ދުރުވާންވެގެން ރަޖާގަނޑު ބޮލާލާ އޮޅާލިއެވެ. 

އެތައް އިރެއް ވެއްޖެއެވެ. 

އިރުގެ ރަން ދޯދިތައް ދޮރުފޮތިގަނޑުގެ ދޭތެރެއިން ފުރޭނިގެން އައިސް ސައިފްގެ މޫނުމައްޗަށް އެޅިފައިވެއެވެ. ބައެއްފަހަރު އުނދަގޫވެގެން އޭނާ މޫނު ހަދާލައެވެ. އެހެންނަމަވެސް އޭނާގެ ނިންޖަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.

ކުއްލިއަކަށް އިވިގެން ދިޔައީ ރަނގަބީލުގެ އަޑެވެ. ވަރަށް ބާރަށެވެ. އެހާމެ ގާތުންނެވެ. އެއަޑު ޖެހުމާއެކު ސައިފް ކުއްލިއަކަށް ބޯހިއްލާލުމަށްފަހު ބައްދަން ގެންގުޅުނު ބާލީސް، އެ އަޑު އަންނަ ދިމާއަށް ހޫރާލިއެވެ. ކުއްލިއަކަށް އެ އަޑު ކެނޑިގެން ހިނގައްޖެއެވެ. ސައިފް އަނެއްކާވެސް ބާލީހަކުން މޫނު ނިވާކޮށްލައިގެން އަނެއް ފަރާތައް އެނބުރި ނިދައިފިއެވެ.

ކުއްލިއަކަށް ސައިފްއަށް ހޭލެވުނެވެ. އޭނާގެ ހިތް އެހާ ބާރުބާރަށް ތެޅެމުން އެދަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ ހާސްކަމާއެކު ވަށައިގެން ބަލާލިއެވެ. އަދި ކޮޓަރިތެރެއެހާ އަލިކޮށް ހުއްޓައި ފެނުމުން ކުޑަކޮށް ވިސްނާލިއެވެ. އެވަގުތު ކޮންމެވެސް ކަމެއް ހަނދާން ނެތުނުހެން އޭނާއަށް ހީވިއެވެ. ކަމެއް ގޯސްވެފައިވާ ކަން އޭނާއަށް ދޭހަވާން ފަށައިފިއެވެ.  އެހެންނަމަވެސް ވެގެން އުޅޭގޮތެއް އަދި ރަނގަޅަކަށް ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ.

ސައިފް އަވަސްއަވަހަށް އެނދުން ފައިބައިގެން، އޭނާގެ ޓީޝާރޓް ހިފައިގެން ކޮޓަރިން ނިކުތެވެ. އަދި އެހަލުވިކަމުގެ ތެރޭގައި، ޖެހިގެން ހުރި ކޮޓަރިން ނިކުމެ ނިކުމެ ހުރި ލުބްނާގެ ގައިގައި ލައިގަތްފިއެވެ.

” ހޫނ! ” ލުބްނާ އަރިއަޅާލިއެވެ. އެވަގުތު ސައިފްއަށް ވިސްނާލުމެއްނެތި ލުބްނާގެ މުލައްދަނޑީގައި ހިފަހައްއްޓާލެވުނެވެ. ނަމަވެސް ލުބްނާގެ މޫނުމައްޗަށް އެވީގޮތް ފެނުމާއެކު އޭނާ އަވަސްއަވަހަށް ލުބްނާގެ އަތުން ދޫކޮށްލުމަށްފަހު ކުޑަކޮށް ދުރަށް ޖެހިލިއެވެ.

” ކޮބާ މަންމަމެން؟”

އޭނާ އަވަސްއަވަހަށް ޓީޝާޓް ބޮލުން ފައްތާލަމުން އަހާލިއެވެ.

” ސައިފް ނުދަންތަ! ކީއްވެ ނުދިޔައީ!؟ ” ލުބްނާގެ އަޑު ބާރުވިއެވެ.

” އޭނ.” ސައިފްގެ ދެލޯބޮޑުވެގެން ދިޔައެވެ.

” ކީއްވެ ނުދިޔައީ؟!” ހާސްވިވަރުން ލުބްނާއަށް އަނެއްކާވެސް އަހާލެވުނެވެ.

”  އޭނ!” ވީހައިރާންކަމުގެ ބޮޑުކަމުން ލުބްނާ އެކިޔަމުންދާ އެއްޗެއް އޭނާއަށް ރަނގަޅަށް ނުވިސްނޭ ކަހަލައެވެ. ” މަންމަމެން ދިޔައީ އަހަރެން ނުލާތަ؟ ކީއްްވެތަ އަހަންނަށް ނުގޮވީކީ!؟” ސައިފްގެ އަޑުވެސް ކުޑަކޮށް ބާރުވިއެވެ.

” ކުޑަމަންމަމެން އަހަންނަކަށްވެސް ނުގޮވާ. ދަމުން ކީއްތަވާނީ ބުނެލާފައި ދާން.” ވާހަކަ ދައްކަދައްކާ ހުރެފައި ލުބްނާއަށް ކޮންމެވެސް އެއްޗެއް ވިސްނުނު ކަހަލައެވެ. އޭނާގެ އަޑު ކެނޑި ހުއްޓުން އެރިއެވެ. އަދި އިރުކޮޅަކު ވިސްނާލުމަށްފަހު ސައިފްގެ މޫނަށް ރަގަޅަށް ބަލާލިއެވެ. އަލަށް މީހަކާއި ދިމާއަށް ބަލާލާނެ ފަދަ ގޮތަކަށެވެ. 

” ކިހިނެއްވީ?”  ސައިފްގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ.

”  ނޫން. ކަމެއްނުވޭ. މިއަދު މެންދުރު ބާރަ ޖަހާއިރު އަންނާނެ ކުއްޖެއް، މޫމިނާ ކިޔާނީ. އޭނާއަކީ ކިޔަވާ ކުއްޖެއް އެހެންވެ އޭނާއަށް އުނދަގޫ ނުކުރާތި.” ލުބްނާގެ މޫނުގައި ރުޅިވެރިކަމުގެ ކުލަޖެހެމުން ދިޔައެވެ. އަދި އެއާއެކު އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

” ހާދަ ވަރެއްގެ ކުއްޖެކޭމީ އަދި!” ސައިފް ކައިރިއަށްވެސް ކުޑަކޮށް ރުޅިއައެވެ.

އޭނާވެސް އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުގައި އޭނާއަށް އެކުރެވުނު ކަންތައް އިޙްސާސްކުރެވުމުން ހިނިއައެވެ. އަދި އަވަސްއަވަހަށް ހުސްނާގެ ނަންބަރަށް ފޯނުކޮށްލިއެވެ. އެހެންނަމަވެސް ގުޅޭގޮތް ދިމާނުވުމުން އޭނާވެސް ފުން ނޭވާއެއް ލުމަށްފަހު ގޮސް ފާހާނާއަށް ވަނެވެ.

 

ލުބްނާ ލޯގަނޑު ކުރިމަތީގައި މަޑުމަޑުން އިށީނދެގެން އިނެވެ. އެހެންނަމަވެސް އެންމެފަހަރަކުވެސް އޭނާ ލޯގަނޑަކަށް ބަލައެއް ނުލައެވެ. ފެންވެރުމުގެ ސަބަބުން ތެމިފައިވާ އިސްތަށިގަނޑުގައި މަޑުމަޑުން އިނގިލިތަކުން ފުނާއަޅަމުން ގެންދިޔައިރު އޭނާގެ ވިސްނުންވަނީ އެތައް ހިސާބެއް ދުރުގައެވެ.

ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާ ސިއްސައިގެން ގޮސް ބަލާލިއެވެ. ދޮރުންވަދެގެން އަންނަނީ ސައިފްއޭ ހީވުމުން އޭނާ ހާސްވިއެވެ. އަދި އަވަސް އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނުމުން އޭނާގެ ހާސްކަން ފިލާ ހިތްހަމަޖެހޭގޮތްވިއެވެ.

” ކިހިނެއްވީ؟ ލުބްތަ ގުޅީމަ އަވަހަށް މިއައީ. އެގޭގައި ކުލަލާން އުޅުނު މީހުންތައް ދަންދެން މަޑުކޮށްލީ.”  އެއަންހެންކުއްޖާގެ އަޑު ވަރަށް ހިމަވެފައި ތޫއްޔެވެ.

” އެހެންތަ؟ މޫމިނާ އިހަށް ކުޑަމަންމަމެން އަންނަންދެން މިގޭގައި މަޑުކޮށްލާ އިނގޭ. ހަވީރުގޮސް މޫމިނާގެ ހެދުންތައްގެނޭ. އިހަށް މިހާރު މެންދުރުގެ ކެއްކުން ތައްޔާރު ކުރަންވީ. އަހަރެންދާނަށް އިރުކޮޅަކުން.”

މޫމިނާގެ މޫނުމަތިން ހައިރާކަން ފާޅުވެލާފައި، ހަމަ އެސިކުންތުކޮޅުގައި އެކަން ފޮރުވިއެވެ. ނަމަވެސް ލުބްނާއަށް އެކަން ސިއްރެއްނުވިއެވެ. އެހެނީ މޫމިނާގެ އުމުރުން ދިހަވަރަކަށް އަހަރުފެށިގެން އޭނާ އުޅެ ބޮޑުވެފައިވަނީ ލުބްނާއާއި އެކުއެވެ. އެހެންކަމުން މޫމިނާއަށް އޭނާގެ މިފަދަ ކުއްލި ނިންމުންތަކަކީ އައު އެއްޗެއްނޫނެވެ. 

” ހުސްނާއްތަ މެން ފުރީތަ؟”  މޫމިނާއަށް ނުހުރެވިގެން އަހާލިއެވެ.

” އާނ.” ލުބްނާގެ އެ ރުންކުރު ޖަވާބު އަޑުއިވުމާއެކު މޫމިނާ ހީލިއެވެ. ލުބްނާ އެފަދަ ރާގުގައި އެއްޗެކޭ ބުނެލިޔަސް މޫމިނާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އޭނާ، އޭނާގެ އެހުންނަ އުފާވެރި މަޖާ ހިނިތުންވުމާއެކު އަވަސްއަވަހަށް ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.

މޫމިނާ ދާތަން ބަލަން ހުރިއިރު ލުބްނާގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާ ދެކޭގޮތުގައި މޫމިނާއަކީ އޭނާގެ ހަށިގަނޑުގެ އެއްބައެވެ. އެއީ އޭނާގެ ކޮއްކޮއަކަށް ވުރެވެސް ގާތް ކުއްޖެކެވެ. ލުބްނާގެ މަންމަ ނިޔާވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެނިކަމެތި ކުޑަކުއްޖާ އެގެއަށް ގެނައީ ލުބްނާގެ އެކަނިވެރިކަން ފިލުވާދޭށެވެ. އެހެންނަމަވެސް އެހިކި އަނަރޫފަ ކުއްޖާ ފެނުމާއެކުހެން ލުބްނާގެ ކުލުނާއި މައިވަންތަކަން ހޭލައްވާލިއެވެ. އެހެންކަމުން ލުބްނާ ކިތަންމެ ހަރުކަށިކޮށް އެއްޗެއް ބުނިކަމުގައިވީނަމަވެސް މޫމިނާ ހަމައަޅާވެސް ނުލައެވެ. ލުބްނާވެސް އެއްވެސް މީހެއްގެ ކިބައިން ކެތްނުކުރެވޭ ކިތަންމެ ކަމެއް މޫމިނާ ގެ ފަރާތުން ކެތްކުރެއެވެ. އަދި އޭނާ އެކަންތައް ކުރަނީ ހިތުން ރުހުމުންނެވެ.

ލުބްނާ ފުންނޭވާއެއް ލުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ. އަދި އަވަސްއަވަހަށް އިސްތަށިގަނޑު ހިއްކާލައިގެން ނިކުތެވެ. ހަލުވިހިނގުމާއެކު ތިރިއަށްދިޔައިރު ހޭއަޑު އިވެންފަށައިފިއެވެ. އެއަޑު ޖެހުމާއެކުހެން އެއީ މޫމިނާއާއި ސައިފްގެ ހުނުމުގެ އަޑުކަން އޭނާއަށް ވިސްނުނެވެ. 

 ލުބްނާ ސިޓިންގ ރޫމަށް ދިޔައިރު ސައިފް ސޯފާގައި އިށީނދެގެން އިނދެ ޓީވީ ރިމޯރޓަށް ފިއްތަމުން ކޮންމެވެސް ޗެނަލެއް ހޯދަމުން ދިޔައެވެ. މޫމިނާ އޭނާގެ ކައިރީގައި ހުރެގެން ހެމުން ގެންދިޔައެވެ. 

”  ކޮބާ މިހިރީ އިންތިޒާރުގައޭ. ” މޫމިނާ ހިނިއައިސްގެން ހުރެ ބުނެލިއެވެ. 

” މަޑުކޮށްބަލަ. މިހޯދަނީއޭ.” ސައިފް އަވަސްއަވަހަށް ރިމޯރޓަށް ފިއްތަންމުން ދިޔައެވެ. 

މިދެމީހުން މިހާ މަޖާވެގެން އެކުރާކަމެއް ލުބްނާއަކަށް ނުވިސްނުނެވެ. އެކަމަކު އެމަންޒަރު ފެނުމުން އޭނާ ހިތްހަމަނުޖެހުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. 

”  މޫމިނާ! ތި ކައްކަނީ؟ ” 

” ލުބްތަ، މިސައިފްބެ ބުނީ ވަރަށް މަޖާ ޗެނެލެއް ދައްކާނަމޯ. މިތާހުރެހުރެ ދެފައިވާޅުވީ އިރުވެސް އަދި ނުފެނުނު. މިހާރު ސުމަކުން ފަށައިގެން 2 ބުރު ޖަހައިފި. އަދި އެބުނާ ޗެނަލެއް ދިމާވާ ގޮތެއް ނުވޭ. “

” މޫމިނާ ހެޔުނުވާނެ ދެންދޭ. އެހެންނޫނީ ކަލޭގެ ދައްތަ ކާލަ ފާނެ . އެހެރީ ރުޅި އައިސްފަ.” ލުބްނާއަށް ކަޅިއެއް އެއްލަމުން ސައިފް އަވަސްއަވަހަށް ބުނެލިއެވެ. 

” އާނ, ލުބްތަ އެހެން ރުޅި އަންނާނެ. އަޅާނުލާ.” މޫމިނާ ހެމުން ހެމުން އެހެން ބުނެލިއެވެ.

” މޫމިނާ!” ލުބްނާގެ އަޑު ބާރުވުމުން ވެސް މޫމިނާއަކަށް މާބޮޑު އަސަރެއް ނުކުރިއެވެ. ހަމަ އެގޮތަށް ހެމުން ހެމުން ގޮސް ބަދިގެއަށް ވަދެއްޖެއެވެ. 

މޫމިނާ ދާތަން ބަލަން އިން ސައިފް މޫނު އަނބުރާލާފައި އޭނާއާއި ދިމާއަށް ބަލާލިއެވެ. އޭނާ ދެލޯ އަޅައިގެން ހުރިތަން ފެނުމުން ސައީފް ކުޑަކޮށް ހުއްޓުން އެރިއެވެ. ނަމަވެސް ފަރުވާކުޑަ ގޮތަކަށް ކޮނޑުއަރުވާލުމަށްފަހު ޓީވީއާއި ދިމާއަށް އެނބުރިލިއެވެ. 

ލުބްނާ މަޑުމަޑުން އައިސް ބަދިގެ ތެރެއަށް ވަނެވެ. އެއިރު މޫމިނާ ބަދިގެތެރޭގައި އަވަދި ނެތި އުޅުނެވެ. އަތްމަތި އަވަސް ކޮށްލާފައި ތަރުކާރީތައް ކޮށާލާފައި ތެލި އުނދުން މައްޗަށް އުދައިފިއެވެ. ސައިފް ކުރިމަތީގައި މޫމިނާއާއި އެފަދަ ރުންކުރު ގޮތަކަށް ވާހަކަ ދެއްކުނީމާ ލުބްނާ ހުރީ ކުޑަކޮށް ލަދުގަނެފައިއެވެ. އެހެންކަމުން މަޑުމަޑުން ހުރެ މޫމިނާއަށް އަތްގާތްކޮށް ދޭންފަށައިފިއެވެ. މިކަން މޫމިނާއަށް ފާހަގަ ވީނަމަވެސް އޭނާ އިތުރަކަށް އެކަމާއި އެއްޗެކޭ ނުބުނެއެވެ.