...އެހެން ނޫންނަމަ
ބައެއް ފަންނުވެރިންނަކީ މާބޮޑު އުނދަގުލެއް ނެތި އެމީހުންގެ ފަންނުވެރިކަން ދައްކާ މީހުންނެވެ. އަނެއްބައި މީހުންނަކީ ގިނައިރުވަންދެން ވިސްނުމުންވެސް ރަނގަޅު ޚިޔާލު ނާންނަ މީހުންނެވެ. އައު ގޮތަކަށް ޚިޔާލު ގެނައުމާއި އައު ވިސްނުމެއް ބައްޓަން ކުރުމަކީ ވަރަށް ބުރަ މަސައްކަތަކަށް ވެގެންދެއެވެ. އާންމު ގޮތެއްގައި ސައިފްގެ ކުރެހުމަކީވެސް ހަމަ މިފަދައިން ވަރަށް ސިކުނޑި ގާނައިގެން ނޫނީ ކުރެވޭ ކަމެއް ނޫނެވެ. އަދި އަމުދުން ކެންޔާގެ ދަތުރު ނިންމާލި ފަހުން އޭނާގެ ޚިޔާލުތައް އޮޅުންބޮޅުންވެފައި ހުންނަ މިންވަރުން މިކަންތައް އިތުރު ވެގެން ދިޔަކަހަލައެވެ.
އޭނާ ހުސް ކެންވާސްއާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. ހަމަ އެއްގޮތަކަށްވެސް ޚިޔާލެއް ނާދެއެވެ. މިހާރު ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެއެވެ. ހަވީރުގަޑީގައި ފިނި މައިޒާންތަކަށް ނިކުމެ އޭނާގެ ސްކެޗް ފޮތް ފުރާލައިފިއެވެ. އިރުއޮއްސޭ މަންޒަރާއި އިރުއަރާ މަންޒަރު ފެންކުލައިން ކުރަހާލައިފިއެވެ. ބައެއް ތަންތަނާއި އެއްޗެހީގެ ފޮޓޯތައްވެސް ފޯނުގައި ގިނަވާން ފަށައިފިއެވެ. ނަމަވެސް އޭނާ ކުރަހާ ހިތްވާނެ ފަދަ މަންޒަރެއް ނުވަތަ އެއްޗެއް ފެންނަ ކަމަކަށް ނުވިއެވެ.
ޚިޔާލުތަކުގައި ތަޅު އެޅުވިފައިވާ ހާލުގައި ކޮޓަރިތެރޭގައި ބަންދުވެފައި ހުރުން އެއީ ސައިފަށް ވަރަށް އުނދަގޫކަމެކެވެ. އެހެންކަމުން އޭނާ، އޭނާގެ ސްކެޗް ފޮތް ހިފައިގެން ބޭރު ސިޓިންގ ރޫމަށް ނިކުމެއްޖެއެވެ. މަޑު މިޔުޒިކެއް ޖަހައިގެން ލޯމަރައިލާގެން އިރުކޮޅަކު އޮތުމަށްފަހު ތެދުވެ ފޯނުން ފޮޓޯތައް ބަލަން ފަށައިފިއެވެ. އަނެއްކާވެސް މިޔުޒިކްގެ ތެރެއަށް ޤަރަގު ވެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެއިރުވެސް ބަދިގެ ތެރެއިން އެކި އަޑު އިވެމުން ދިޔައެވެ. ބަޔަކު ބަދިގެ ތެރޭގައި ކައްކަންޏާ އިވޭނެ އާންމު އަޑުތަކެވެ. ނަމަވެސް އެވަގުތު ސައިފްއަށް އެއަޑުތައް އިވެމުންދިޔައީ ބެރު ދުންމާރީގެ އަޑުތައް ފަދައިންއެވެ.
” ކަލޭމެންނަށް ތަންކޮޅެއް އަޑު މަޑެއް ނުކުރެވޭނެތަ! ” ބަދިގެތެރެއަށް ބޯދިއްކޮއްލަމުން ސައިފް އަހާލިއެވެ.
” އަހަރުމެން އަޑުގަދައެއް ނުކުރަން!” ހަމަ އެރާގަށް ލުބްނާވެސް ބުނެލިއެވެ.
” ކަނބަލުންނޭ،ހެޔޮނުވާނެ. އަހަރެން މިއުޅެނީ އައިޑިއާއެއް ނައިސްގެންނޭ. ތިތަށިތަކާ ތެލިތައް މަޑުން ތަޅުވަބަލަ!”
ސައިފް އެނބުރި ދިޔުމުން ލުބްނާއާއި މޫމިނާ އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ހީލިއެވެ. އެއާއެކު މޫމިނާ ތެލީގަޔާ ތަށިތަކުގައި އުނދުޅިއަކުން ތަޅައިގަތެވެ. ކުއްލިއަކަށް ސައިފް ބާރަށް ހަޅޭއްލަވައިގަތެވެ. އަދި އޭނާ އެތަނުން ނިކުމެގެން ދަމުން ބާރަށް ދޮރު ޖެހި އަޑު އިވުމުން ބަދިގެތެރޭގައި ތިބި ދެ އަންހެންކުދިން އަނެއްކާވެސް ހޭންފަށައިފިއެވެ.
—
ކައްކާ ނިމިގެން ލުބްނާ ބޭރަށް ނިކުތްއިރު ސައިފް ގެންގުޅުނު ފޮތް އޮތީ ސޯފާމައްޗަށް ހޫރާލާފައިއެވެ. އެ ތަން ތަރުތީބު ކުރުމުގެ ނިޔަތުގައި ލުބްނާ ގޮސް އެފޮތް ނަގައިގެން މޭޒުމަތީގައި ބޭއްވުމުގެ ތެރޭގައި އޭގައިވާ ކުރެހުންތައް ފެނުނެވެ.
ސައިފްގެ ފަންނުވެރިކަން އެއްވެސް ވަރަކަށް އެނގިފައިނުވާތީ ލުބްނާ އެފޮތް ބަލަންފެށީ ވަރަށް ޝައުގުވެރިކަމާއި ހައިރާންކަމާ އެކުއެވެ. ފަންސޫރުންނާއި ފެންކުލައިން ކުރަހާފައިހުރި މަންޒަރުތައް ވަރަށް ގިނައެވެ. ބައެއް މީހުންގެ ސިފަވެސް މަދުމަދުން ހުއްޓެވެ. އޭގެތެރޭގައި ކުޑަކުދިންނާއި މުސްކުޅިން ގިނައެވެ. ލުބްނާގެ ބައްޕަގެ މޫނާއި ސައިފްގެ މަންމަގެ ސޫރަވެސް ހުއްޓެވެ. މޫމިނާ މޭޒުދޮށުގައި އިނދެގެން ފިޔާ ނޮޅަން އިން މަންޒަރުވެސް ކުރަހާފައި ހުއްޓެވެ.
” ތީ ޕްރައިވެޓް އެއްޗެއް!” ކުއްލިއަކަށް ލުބްނާގެ އަތުން ސައިފް އެފޮތް ޖަހައިގެންފިއެވެ.
” އޯހް. މާފުކުރޭ.” ލުބްނާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އަދި އަވަސް އަވަހަށް އެތަނުން ދާން ހިނގައި ގަތެވެ.
ލުބްނާ ބަދިގެއަށް ވަންނަމުން އެނބުރިލާފައި ސައިފްއާއި ދިމާއަށް ބަލާލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް ތުންފަތް ހަރަކާތް ކޮށްލިއެވެ. އޭނާގެ މޫނުމަތިން އެތައް ކުލައެއް އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް އެންމެފަހުން ހަމަ އަނގައިންވެސް ނުބުނެ އޭނާ ދިޔައީއެވެ.
—
ކުރިން އެވީ ކަންތައް ސައިފަށް ހަނދާންވަމުން ދިޔައެވެ. އެވަގުތު ލުބްނާ ސްކެޗްފޮތް ނަގައިގެން ހުރުމުން އޭނާ ހާސްވިއެވެ. ނަމަވެސް އިތުރަށް ތަފްސީލް ދޭން ބޭނުންވިއެވެ. އެހެން މީހުން އޭނާގެ ކުރެހުން ބެލުމަކީ ލަދުގަންނަ ކަމެއްކަމާއި، އޭނާ ޤަބޫލުކުރާގޮތުގައި އެ ކުރެހުންތައް އެހާ ރީތި ނޫން ވާހަކަ ބުނެދޭން ބޭނުންވިއެވެ. އެކަމަކު ސައިފްގެ ފަންނުވެރިކަމަކީ ސައިފް އެންމެ ބޮޑަށް އެކަމަކާއި މެދު ޖެހިލުންވާ ކަންތައްކަމުން އަނގައިން ނުބުނެ ހުރީއެވެ.
އެރޭ ކާން އިންއިރުވެސް ސައިފްއަށް އިރުއިރު ކޮޅާ ލުބްނާގެ މޫނަށް ބަލާލެވެއެވެ. އަޖައިބުވެފައިއެވެ. ލުބްނާގެ ދޮންފޫޑު ވެފައިވާ މޫނުމަތީގައި ފޮރުވިފައިވާ ސިއްރެއް ކުއްލިއަކަށް ހާމާވެދާނެތީ ބަލާ ގޮތަށެވެ. ސިއްރު ހާމަ ނުވިޔަސް ލުބްނާ ރުޅިއަންނަން ފެށިކަމުގެ އަލާމަތްތައް ފެންނަން ފެށިއެވެ. އޭނާ ދަތްކުޑި ވިކައިގެން އިނދެ، ރޮށިތައް ހިމުންވާހާ ކުދިކުދިކޮށް ކޮށަން ފަށައިފިއެވެ. ލުބްނާގެ މޫނުމަތި ރަތްވާން ފެށުމުން ސައިފް އޭނާގެ ސްކެޗްފޮތް ބޭނުންވިއެވެ. ލުބްނާގެ ސިފަކުރަހަން ފަސޭހަ ނުވާނެއޭ އޭނާގެ ހިތް ބުނުމުން އެކަންތައް ކުރަން އަދި ވަކިން އޭނާ ބޭނުންވިއެވެ.
މިދެމީހުންގެ މެދުގައި ޒުވާބެއް ހިނގާފާނެކަމުގެ ބިރު ހީވެގެން މޫމިނާއަށް ނީދެވިގެން ސައީފަށް ގޮވާލިއެވެ. ނަމަވެސް އިއްތިފާގުން އޭނާއަށް ކުރެވުނީވެސް އެވަގުތަށް އެންމެ އެކަށީގެންނުވާ ސުވާލެވެ.
” ސައީފްބެ އެހާ ރީތިކޮށް ކުރަހާ ކަމެއް އަހަރެންނަކަށް ނޭނގޭ. ލުބްތަ ބުނީ ސައީފްބެގެ ފޮތުގައި އަހަރެންގެ ސިފަވެސް ކުރަހާފައި ހުއްޓޯ. ވަރަށް ރީއްޗޯ ކުރަހާފައި ހުރިލެއް. އަޅެ މަށަށް ދައްކާލަފާނަންތަ ؟”
މޫމިނާގެ ވާހަކަ މިހިސާބަށް ދިޔައިރު ސައިފްގެ ދެބުމަ ގޮށްޖެހިއްޖެއެވެ. އެހިނދު ލުބްނާ ހިންދިރުވާލާފައި މޫމިނާއަށް ލޮލުން އިޝާރާތް ކުރަމުން ގެންދިޔަ ނަމަވެސް މޫމިނާއަކަށް އެކަން ފާހަގަވި ކަމަކަށް ނުވިއެވެ. އޭނާ ގެ ދުލުގައި މޯޓަރެއް އަޅުވާފައިވާ ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ. އެންމެ ފަހުން ސައިފް އެތަނުން ތެދުވެއްޖެއެވެ. އޭނާ ދިޔައިރުވެސް އެމީހުންގެ ވާހަކަ އޭނާއަށް އިވެމުންދިޔައެވެ.
” ކިހިނެއްވީ؟ ” މޫމިނާގެ އަޑުގައި ހައިރާންކަން ހުއްޓެވެ.
” ނޭނގެ މަށަކަށް. ކަލޭގެ ވާހަކަ ގިނަކަމުން މީހަކަށް ކަމެއް ކުރެވޭ ވަރެއްދޯ.”
” އަހަރެން ކީއްތަ ކުރީ ؟ ލުބްތަ ސައިފްބެ ދެކެ ރުޅިއައިސްގެން އެއްޗެއް ބުނެފާނެތީއޭ މަ އުޅުނީ. މިހާރު ސައިފްބެ އެދިޔައީ މަށަށް ކީކޭ ބުނެވިގެން؟”
” ނޭނގެ އަހަންނަކަށް. ދެންވެސް ތި އަނގަގަނޑު މަޑުކޮށްގެން އިނދެ ކެވޭތޯ ބަލާބަ.”
” ސައއިފްބެ ކުރަހާ ވާހަކަ ބުނީމަތަ؟ އެކަމު އެކަން އެންމެންނަށްވެސް އެނގެއެއްނު. ސައިފްބެގެ ކޮޓަރީގައި ވެސް ކިހާ ގިނަ ކުރެހުންތަކެއްތަ އެހެރީ. ދައްތަވެސް ބުނިއަޑު އަހަރެން އެހިން… “
” ހޫނ، ދެން ވަރިހަމަ! ކައިގެން ގޮސް ނިދަން އުޅޭ، މާދަން ހެދުނު ކުލާހަށް ދާން ޖެހޭއެއްނު.”
—
ލުބްނާއަކީ ގިނަ ކަންތަކާއި އަވަހަށް ރުޅިއަންނަ ކުއްޖެއް ނޫން ކަމުގައި އޭނާ ގަބޫލުކުރެއެވެ. އެކަމަކު ސައިފާއި ޖެހުމުން އޭނާ ގާތަށް އަވަހަށް ރުޅިއަންނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. މިހާރަކަށް އައިސް ސައިފް މުޅިގޭގައި އެނބުރުމުގެ ބަދަލުގައި ލުބްނާގެ ފަހަތުން އުޅޭހެން އޭނާއަށް ހީވާން ފަށައިފިއެވެ. އޭނާ ބަދިގެތެރޭގައި އުޅޭނަމަ ފެންނަ ފަށުގައި މޫމިނާއާއި ވާހަކަ ދައްކަން މަޑުކުރެއެވެ. ސިޓިންގރޫމް ތެރޭގައި ކަމެއްކުރާނަމަ ސޯފާގައި އިނދެގެން ދެލޯއަޅައެވެ. ލުބްނާއަށް މިވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
ސައިފް އޭނާއާއި ދިމާއަށް ބަލާވަރުން އުނދަގޫވެއްޖެއެވެ. ފަހަރުގައި އެއީ ލުބްނާގެ ސޫރަކުރެހުމަށް ސައިފްކުރާ މަސައްކަތްކަމަށްވެސް ވެދާނެއެވެ. އެކަމަކު އެކަމަކަށް ލުބްނާއަކަށް ހުއްދައެއް ނުދެވޭނެއެވެ. އޭނާގެ ސޫރަ ކުރަހަންވީ ކީއްވެގެން ހެއްޔެވެ؟
އެދުވަހު ސައިފްގެ ސްކެޗް ފޮތް މޭޒުމަތީގައި އޮއްވާ ފެނުމުން އޭނާ އެބެލުމުގެ އެދުންވެރިކަން ތަންކޮޅެއް ބޮޑަށް އުފެދުނެވެ. އެފޮތް އެކޮޅުކޮޅުން އޮތުމުން އޭނާ މޫނު އަރިކޮށްލިއެވެ. އަދި ފޮތުގެ ގަނޑުތައް ވަޔާއިއެކު ވިހުރުވެމުންދާތީ މަޑުމަޑުން އޭގައި އިނގިލި ޖައްސާލާފައި އަނބުރާލަން މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް އޭގެ މަތީގައި މީހަކު އަތްއެޅިއެވެ.
ލުބްނާ ސިހިގެން ގޮސްފައި ސައިފްގެ މޫނަށް ބަލާލިއެވެ. ލުބްނާއަށް ވީގޮތް ފެނުމުން ސައިފް ގާތަށް ހިނިއައެވެ. ލުބްނާވެސް މާނޫން ކަމަށް ހަދާފައި މޫނު އަނބުރާލިއެއް ކަމަކު ލޮލުގެ ކުޑަކޮޅުން އެފޮތުގައިވާ އެއްޗެއް ފެނޭތޯ އުޅުނެވެ. އެފޮތުގައި ކޮންމެވެސް އަންހެންކުއްޖެއްގެ ކުރެހުމެއްވާކަން ލުބްނާއަށް ޔަގީނެވެ. ނަމަވެސް އެއީ ކާކު ކަމެއް އެނގޭވަރެއް ނުވިއެވެ.
” އެއީ އަހަރެންގެ ކުރެހުމެއްތަ؟ ”
” ކޮބާ؟ މީގަ ؟ ނޫން. މީގަހުންނަ އެއްޗެއްސަކީ މަ ނުލާހިކު ފޮރުވައިގެން ގެންގުޅޭ އެއްޗެހި. އެހެންނޫނަސް… މިފޮތަކު ނުހުންނާނެ ލުބްނާގެ އެއްވެސްކުރެހުމެއް, އެކަމަކު ލުބްނާ ތިހާ ބޭނުމިއްޔާ ކުރަހަފާނަން ” ސައިފް ލާނެއްގޮތަކަށް ހިނިތުންވެލިއެވެ.
” ހޫން ހެވޭ. މީހުންގެ ބޮލަށް އުނދަގޫނުކޮށް ކޮންމެވެސް އެހެން ކަމެއް ކޮށްބަލަ!” ލުބްނާ ހުރީ ހަމަ ޒުވާބުކުރާ ކަހަލަ މޫޑެއްގައިއެވެ.
” ކޮން ކަމެއް… “
” ކޮންމެސް އެހެން ކަމެއް!” ލުބްނާ އަކަށް ނުވިސްނުނެވެ. އެހެން ނޫނަސް ސައިފްއާއި މިމޭރުމުން ލުބްނާ އަށް މިވާހަކަ ދެއްކެނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. ސައިފް އެއްއިރެއްގައިވެސް ލުބްނާއާއި ރުންކުރުކޮށް ވާހަކަ ނުދައްކައެވެ. އެހެންކަމުން ސައިފްގެ ކަންކަމާއި ލުބްނާ ބެހެންވީ ކީއްވެގެން ކަން ޚުދު އޭނާއަކަށް ވެސް ނުވިސްނެއެވެ.
” ލުބްނާ ދެން ބުނެބަލަ. އަހަރެން ބޭކާރުވެގެން ނޫޅެ ކުރަންވީ ރަނގަޅު އެހެން ކަމެއް. ކޮންމެވެސް މަސައްކަތެއް ވިސްނިގެންތާ ތިހިން ބުނާނީ. ” ސައިފްވެސް ދުލެއް ނުކުރިއެވެ.
” ނޭނގެ މަށަކަށް!” ސިކުނޑިއަށް ބާރު ލުމުންވެސް ލުބްނާ ބުނަންވީ އެއްޗެއް ވިސްނުމަކަށް ނައެވެ.
ސައިފް އެއް ބުމަ އަރުވާލައިގެން އިންތިޒާރުގައޭ މަމިހިރީ ބުނާފަދަ ގޮތަކަށް، ހަށަންބަނދެލައިގެން ލުބްނާއާއި ދިމާއަށް ބަލަން ހުއްޓެވެ.
” އޮފީސް… ސައިފް އޮފީހަށް ދާންވީ! އެހާ ބޮޑު އޮފީހެއް ހުންނަ އިރު ވަދެވެސް ނުލަންޏާ ކިހިނެއް ފަހުން ވިޔަފާރި ބަލަހައްޓާނީ!” ލުބްނާ ކުއްލިއަކަށް ހަނދާންވިއެވެ.
” އެހެންތަ؟ އަހަރެން އަޑުއެހިން ލުބްނާގެ ބައްޕަގެ ވެސް ބޮޑު ވިޔަފާރިއެއް އޮންނަ ވާހަކަ. ލުބްނާ ނުދަންތަ އޮފީހަށް ވިޔަފާރި ބަލަހައްޓާކަށް؟”
ލުބްނާގެ މޫނުމަތި ރަތްވިއެވެ. އޭނާ އަވަސް އަވަހަށް އެތަނުން ދާން އެނބުރިލިއިރު ސައިފްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔަތަން ފެނުނެއެވެ.
—