Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp

Ehennoonama | Part 10

...އެހެން ނޫންނަމަ

PART TEN

 

“މީހަކާ އިންނަނީޔޭ… އަސްލުވެސް!؟” ސައިފް ހައިރާން ވެފައި ބަލަން އިނެވެ. 

“އާނ… ކިހިނެއްވީ؟” ނެޑް ހިނިތުންވެލިއެވެ. 

އެދެމީހުން ތިބީ އާދައިގެ މަތިން ކޮފީ ބޯށެވެ. ނެޑާއިއެކު މާގިނަ ވަގުތު ހޭދަކުރަން  ސައިފް ޖެހިލުންވެއެވެ. އެހެންނަމަވެސް އޭނާގެ ރައްޓެހި ރަހުމަތްތެރިންގެ ތެރެއިން އެންމެ ފަސޭހައިން ބައްދަލުވާމީހަކީ ނެޑް ކަމަށްވާތީ އާންމުކޮށް ކޮފީއަށް ގޮސް ހަދަނީ އޭނާއާއި އެކުއެވެ.

“ކާކާ އިންނަނީ؟ ” ސައިފް މިހިން ބުނުމުން ނެޑް ހައިރާންވިއެވެ. 

“އަޖައިބެއްނު… އަޒޫ އާއެއްނު އިންނާނީ.” ނެޑްގެ އަޑުގައި ނުރުހުމެ ރާގެއް ހުއްޓެވެ. ސައިފަށް އެކަން ވިސްނުމުން އިތުރަށް އެހެން އެއްޗެއް ބުނުމުގެ ޚިޔާލު ދޫކޮށްލައިފިއެވެ. އަޒޫގެ މިޒާޖާއި އޭނާގެ ވައްތަރު ނެޑަށް ކިޔައި ދިނަސް ގަބޫލެއް ނުކުރާނެކަން ސައިފަށް އެނގެއެވެ. އެހެންކަމުން ފޫނެއް ފަޔަށް ފެން ނުފުރަ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. 

” އަދި ރާވާފައި އޮތީ އަހަރުންގެ އެނިވާސަރީގައި ކުރާގޮތަށް، އެކަމަކު އަޒޫ ބޭނުންވޭ ރީތި ތާރީޚެއްވެސް، އެހެންވެ ހިތަށް އަރަނީ ނިޔުއިޔަރގައި ކައިވެނިކުރަން. “

“އެހެންތަ؟”

” އާނ.  އެކަމު އެދުވަސްވަރު ޕާރޓީ ބާއްވަން ތަންހޯދުމަކީވެސް ކުޑަކަމެއް ނޫން.  ވަރަށް އުނދަގޫވޭ. އަދި ހަނީމޫންވެސް އޮތީ. ޔަގީން ރިޒޯޓެއް ނުލިބޭނެކަން. އެހެންވެ ލަންކާއަށް ދާން މިރާވަނީ.” ނެޑް އުންމީދުން ފުރިގެންވީ ބެލުމަކުން ސައިފާއި ދިމާއަށް ބަލާލިއެވެ. 

ސައިފް ފުން ނޭވާއެއްލުމަށްފަހު ބޯޖަހާލިއެވެ. 

“ރިޒޯޓު ކަންތައް އަހަރެން ހަމަޖައްސަފާނަން. ދާންވީ ތާރީޚު ބެނޭ . ” 

“އާނ ތެދެކޭދޯ. ސައީފްމެންގެ ރިޒޯޓެއް އޮންނަކަން އަހަރެން ހަނދާންވެސް ނެތް.”
“އާނ. ހަމަ ހަނދާން ނެތިފަ ތިހިރީ.  ދެން އެންމެ ރަނގަޅޭ. ” ނެޑްގެ ކޮނޑުގައި ޖަހާލަމުން ސައިފް ބުންޏެވެ. 

“ސައިފް ކޮން އިރަކުންތަ މީހަކާ އިންނަނީ؟” 

“އަޅެ ތިއެންމެނަށް ނޯޓިސްއެއް އައީތަ. އެންމެ އެއްވާހަކައެއް ތި ދައްކަނީ!!” 

“ކީކޭ؟  ނޫން . ކާކު މިވާހަކަ ދައްކަނީ؟” ނެޑް ހައިރާންވިއެވެ. 

“މަންމަ….. ދޮންބައްޕަވެސް ހީވަނީ އެހެން ފަދަ ކަމެއްހެން، އޭނަގެ ދަރިވެސް މީހަކާ ނުދެވިގެން މިހާރު އެއުޅެނީ. އެއީ ވާކަމެއް . މަންމަ އަބަދު އަހަރެން މީހަކާ ނީނދެގެން އެއުޅެނީ، ރަޝާދުބެ އުޅެނީ ލުބްނާ އިންނާނެ މީހެއް ހޯދަން.”

“ލުބްނާ އަކީ ދޮން ކޮއްކޮ؟ ދެން އެހެން ކުއްޖެއް ނުހުރޭތަ؟ އެއްކަލަ ދުވަހު މަގުމަތިން ފެނުނީ ކާކުތަ؟ ” 

” އާނ. ނޫން. ލުބްނާއަކީ ރަޝާދުބެގެ ދަރި. އެދުވަހު މަގުމަތިން ފެނުނީ މޫމިނާ،  އޭނާއަކީ އެގޭގައި އުޅޭ ކުއްޖެއް، ކަލޭ ކައިރީގައި އެއްވާހަކައެއް ކިތައްފަހަރު ބުނަންޖެހޭތަ؟” 

” ހޫނ. ހަނދާން ހުންނާނެތަ، ހެވޭދެން، އަޑުއަހާބަލަ ، އަހަރުން މިއުޅެނީ ރޫފްޓޮޕް ބާރބަކިޔޫއެއް ބާއްވަންވެގެން، ބައިވެރިވާނަންތަ؟ ކަލޭ ބޭނުމިއްޔަ ގެނޭ ދޮންކޮއްކޮވެސް.” 

” ކޮން ‘ދޮންކޮއްކޮ’ އެއްތަ ތިކިޔަނީ. ލުބްނާއޭ ބުނެފީމެއްނު. އޭނާ ނާންނާނެ ޕާރޓީއަކަށް، މަށަށް ޔަގީން.” ކުއްލިއަކަށް ސައީފްގެ ރާގު ފިނިވެގެން ދިޔައެވެ. އެކަން ނެޑަށް ފާހަގަ ކުރެވުމުން އަވަސް އަވަހަށް މައުލޫއު ބަދަލުކުރިއެވެ. 

” އާނ.. އޯކޭ. ސައީފް އެއްވެސް މީހަކު ގެންނާނެކަމެއްނެތް، ހަމަ އާދޭ، އަޒޫމެންގޭގަ ޕާރޓީ އޮތީ، މަފޮނުވާނަން އެގޭ އެޑްރެސް.” 

ސައިފް ހަމަ އެއްގޮތަކަށްވެސް އެގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އަދި އެވާހަކަ ބުނަން އަނގަ ހުޅުވާލިތަނާ އޭނާގެ ފޯނު ރިންގުވިއެވެ. އަނެއްކޮޅުން ވާހަކަ ދެއްކީ ލުބްނާއެވެ. ހުސްނާބުނެގެން ފޯނުކުރިކަމާއި އަވަހަށް ގެއަށް އައުމަށް ހުސްނާ އެދޭ ވާހަކަ ބުނުމަށްފަހު ފޯނު ބޭއްވިއެވެ. 

ހުސްނާއަކީ މީހުންނާއި ގުޅޭ، ތިމާގެކަން ދަމަހައްޓާ ރައްޓެހިންނަށް އޯގާތެރި އަންހެނެކެވެ. އަދި އާންމު ގޮތެއްގައި އެމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު އަހުވާލު ބަލާ މީހެކެވެ. އެހެންކަމުން އަންނަ ހަފުތާ ބަންދުގައި ހުސްނާގެ ދުރުތާ ތިމާގެމީހަކު، މާލެކައިރި ރަށެއްގައި އުޅޭތީ އެރަށަށް ދާން ރޭވިކަން ހަމަ ވަގުތުން އަންގާ ސައިފްވެސް އެދަތުރުގައި ބައިވެރިވާނެކަން ޔަގީންކުރަން އޭނާ ބޭނުންވިއެވެ. 

ދިވެހިންނަކީ ދަތުރު ދިޔުމަށްޓަކައި އާދަޔާ ހިލާފު ގިނަ ކަންތައްތަކެއް ހަމަޖައްސަން ޖެހޭބައެކެވެ. އެހެންކަމުން ހުސްނާވެސް ދާނެ މީހުންގެ ލިސްޓަކާއި ދަތުރު ކުރާނެ ވަސީލަތާއި ގަޑި ބަލާ، އެންމެންނަށްވެސް ދާން ފަސޭހަ ވަގުތު ނޯޓުކުރަން ފަށައިފިއެވެ. 

މަންމަ މިހާވަރަކުން އަވަސް އަރުވާލައިގެން މިއުޅެނީ ކީއްވެގެން ކަން ނޭނގޭތީ ސައިފްވެސް ދުރުގައި ކުޅި ބަލަން ހުއްޓެވެ. ހުސްނާގެ ރަންދުލުގެ ބޭނުންކޮށްގެން  ލުބްނާއާއި މޫމިނާ ދާން އެއްބަސް ކުރުވިއެވެ. އަދި ރަޝާދުވެސް ދާންޖެހޭނެ ކަމަށް ބުނެ އަޑުލިއެވެ. އޮފީހުގައި ކިތަންމެ މަސައްކަތް ގިނަ ނަމަވެސް އެމީހުންގެ އެދަތުރުގައި ރަޝާދުވެސް ބައިވެރިކުރުވިއެވެ. 

—-

” ހާދަ ލަސްވެޔޭ ދޯ އެބަ! ” ފާލަން ކައިރީގައި ގިނަ އިރު ހުންނަން ޖެހުމުން ހުސްނާ ހުރީ ކުޑަކޮށް ރުންކުރުވެފައިއެވެ. އެއަޑު އިވުމުން ރަޝާދު އަވަސްއަވަހަށް ފޯނުނަގައިގެން ވާނުވާ އޮޅުން ފިލުވަން ފެށިއެވެ. ކުރާނެ އިތުރު ކަމެއް ނެތިފައި ސައިފް އޭނާގެ މަންމަ ކައިރީގައި އިރުކޮޅަކު ހުއްޓައި މޫމިނާ ކޮންމެވެސް އެއްޗެއް ބުނެލި އަޑަށް ސައިފް އެނބުރި ބަލައިލިއިރު އޭނާ ފާލަން މަތީގައި ހުރެގެން ލުބްނާއަށް ގޮވަމުން ގެންދަނީއެވެ. ތަންކޮޅެއް ދުރުގައި ގަސްތަކުގެ ހިޔަލުގައި މަޑުކޮށްލައިގެން ހުރި ލުބްނާ ދެފަހަރަކު ބޯހަލުވާލުމަށްފަހު މޫމިނާ ކައިރިއަށް ދިޔައެވެ.

މޫމިނާ މާ މަޖާވެގެން މިދައްކަނީ ކޮންއެއްޗެއްތޯ ބަލަން ސައިފްވެސް ބޭނުންވިއެވެ. އޭނާ މަޑުމަޑުން ގޮސް އެދެކުދިންގެ ފަހަތުގައި ހުއްޓުނެވެ. 

” ބަލަން ހުރެބަލަ. މިތާ ފާލަމުގެ އަރިމަތިންނޭ ފެނުނީ.”  މޫމިނާ ބުނާ އަޑު އިވުނެވެ. 

” ކޮބާތަ؟” ލުބްނާ ކުޑަކޮށް ގުދުވެލިއެވެ. 

އެހިނދު ސައީފް ގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އަދި ވަރަށް ބާރަށް ‘ކޮބާހޭ’ އަހާލިއެވެ. 

އޭނާގެ ބޭނުމަކީ އެކުދިން ސިއްސުވާލުމެވެ. ކަންތައްވީ އޭނާ ހީކުރިގޮތަށެވެ. އެދެކުދިން ސިހިގެން ގޮސް ސައިފާއި ދިމާއަށް އެނބުރިލިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ލުބްނާއަށް ހުރެވުނީ ފާލަމުގެ އަރިމައްޗާއި މާކައިރީގައިއެވެ. އޭނާގެ ފައި ކައްސާލީއެވެ. ހަޅޭއްލަވައި ގަންނަންވެސް ވަގުތު ނުވިއެވެ. 

މޫމިނާހައިރާން ވެފައި އެނބުރިލިއިރު ސައިފް މޫދަށް ފުންމާލަނީއެވެ. 

ލުބްނާ މޫދަށް ވެއްޓޭތަން ފެނުމުން އެ ހިނދުކޮޅު ހުއްޓުނު ކަހަލައެވެ..ހުރިހާ އެއްޗެއް މަޑުޖެހުނެވެ. ވަގުތުވެސް މެއެވެ. މޫދުގެ ލޮނުގަނޑުގައި ޖެހުމާއެކު ހުރިހާ އަޑަކާއި އެންމެހާ ހާސްކަމެއް ސައިފް ވަށާލިކަހަލައެވެ. ލުބްނާ ކޮބާހެއްޔެވެ؟ ސައިފް އަޑިއަށް ފީނައިގަންނަމުން ހޯދަންފެށިއެވެ. ލުބްނާ ލައިގެން ހުރި މަޑު މުށިކުލައިގެ ހެދުން ފާހަގަވާ ވަރެއް ނުވިއެވެ. މާލޭގެ ވަށައިގެންވާ ފަޅުގެ ބައެއް ހިސާބަކީ އެންމެ ސާފުތާހިރު ތަންތަނެއް ނޫނެނެވެ. ނަމަވެސް އޭނާ އިތުރަށް ފީނަމުން ގެންދިޔައެވެ. 

އެންމެ ފަހުން ނޭވާ ކުރުވުމުން ސައިފް ނޭވާއަކަށް މައްޗަށް އެރިއެވެ.

ކުއްލިއަކަށް މީހުންތައް ހަޅޭއްލަވާ އަޑު އޭނާއަށް ފާހަގަކުރެވުނެވެ. ރަނގަޅަށް ބަލާލިއިރު ލުބްނާ ފަތާފައިގޮސް ސިޑިން އަަރަނީއެވެ. މޭ ފޫ އަޅުވާލާފައި ނިކުންނަން އުޅުނު ސައިފްގެ ހިތް މަޑުޖެހިލިއެވެ. އޭނާވެސް ގޮސް އަވަސް އަވަހަށް މައްޗަށް އަރައިފިއެވެ. 

އެއިރު މުޅި ފާލަން ކައިރިއަށް މީހުންތައް އެއްވެފައި އޮތެވެ. ހުސްނާ، ލުބްނާކައިރީގައި ހުރެގެން އޭނާގެ ބުރަކަށީގައި ފިރުމަނީއެވެ. އަނެއް ކޮޅުން މޫމިނާވެސް ލުބްނާގެ ކޮނޑުގައި ފިރުމަމުން ދިޔައެވެ. ސައިފް ދެކަކުލުގައި އަތްއަޅައިގެންގުދަށް އޮވެ، މައިނޭވާލަމުން ގެންދިޔައެވެ. ރަޝާދުއަށް މިތަން ފެނުމުން އަވަސް އަވަހަށް އައިސް ސައިފްގެ ހާލު ބެލިއެވެ. އަދި ވީގޮތެއް އޮޅުން ފިލުވަން ބޭނުންވިއެވެ. 

” ތިވާހަކަ ދައްކާނީ ފަހުން،  އެހަށް ދެމީހުންދޭ އެއްޗެހި ބަދަލުކޮށްގެން އަންނަން.” ކުއްލިއަކަށް ހުސްނާގެ އަޑު އިވިގެން ދިޔައެވެ. 

” ދައްތާ ދެން މިއަދު ދަތުރު ނުގޮސް މަޑުކޮށްލަންވީއެއްނު ؟” މޫމިނާ ކުއްލިއަކަށް ބުނެލިއެވެ. 

” ތެތް އެއްޗެހި ބާލާ ފެންވަރާލީމާ ރަނގަޅު ވާނެ. ދޭ ދެކުދިން، ގެއަށްގޮސް އެއްޗެހި ބަދަލުކޮށްލައިގެން އާދޭ! ” ހުސްނާ ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. 

ލުބްނާ ހައިރާންކަމާއެކު ހުސްނާގެ މޫނަށް ބަލާލުމަށްފަހު ސައިފާއި ދިމާއަށް ބަލާލިއެވެ. އެއިރު ސައިފް އޭނާގެ ޖީބުގައި ހުރި ފޯނާއި ވޮލެޓް ނަގައިގެން އޭގެން ފެން ހިއްކަން މަސައްކަތްކުރަމުން ގެންދިޔައެވެ. 

“އެކަމު…” ލުބްނާވެސް އެދަތުރު ދާކަށް ބޭނުމެއް ނޫނެވެ. އަދި އެހިނގާދިޔަ ހާދިސާއާއި އެކު އެނާ ހުރީ ލަދުގަތްފައިކަން ބަލާލިކޮންމެ މީހަކަށް ދޭހަވާނެއެވެ. 

“ދަރިފުޅާ! އަވަހަށްދޭ ލުބްނާ ގޮވައިގެން ގެއަށް. އަހަރުމެން މަޑުކޮށްގެން ތިބޭނަން ދެކުދިން އަންނަންދެން.” 

މަންމަ މިދައްކާ ވާހަކަ ސައިފަށް ވިސްނުމުން އޭނާވެސް ހައިރާން ވިއެވެ. އަދި ބޭއިޚުތިޔާރުގައި ލުބްނާގެ މޫނަށް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކަށް މިވަގުތު ހުސްނާއާއި ދެބަސްވާކަށް ނުކެރޭނެކަން ވިސްނުމުން އަވަސް އަވަހަށް ގެއަށްދާން ހިނގައި ގަތެވެ. 

ދެމީހުން ކާރުގައި ގެއަށް ގެނެސްދިނީ އޮފީސް ޑްރައިވަރެވެ. އެހެންކަމުން ބޭރުމީހެއް ކުރިމަތީގައި ސައިފާއި ދިމާއަށް ހަޅޭއްލަވާ އަޑު އިވުމަކީ އެންމެ ރަގަޅު ގޮތް ނޫން ކަމަށް ވިސްނާފައި ލުބްނާ ހަނު އިނެވެ. ކާރުގެެ އޭސީގެ ސަބަބުން ގައިންނަގަމުންދާ ކޮންމެ ހީބިއްސަކާއެކު ލުބްނާގެ ރުޅިގަނޑު ގަދަވަމުން ދިޔައެވެ. 

އޭނާ ފެންވަރައިގެން ނިކުތް އިރުވެސް ރުޅި މަޑެއްނުވެއެވެ. އެހެންކަމުން އޭނާގެ އަލަމާރީގައި އެއްވެސް ހެދުމެއް ނެތްކަން ފެނުމާއެކު ރުޅީގެ މައްޗަށް، އިތުރަށް ރުޅިގަދަވިއެވެ. އަދި އޭނާ އާންމުކޮށް ލާ ހެދުންތައް ގެއަށް ފޮނުވިކަން ހަނދާން ވެސް ވިއެވެ. އަލަމާރީގެ މަތީބައިގައި އިން ކޮތަޅަކުން ތަންކޮޅެއްކުރީގެ ހެދުންތަކެއް ފެނުމުން އޭނާގެ ފޫހިކަން އިތުރުވެގެން ދިޔައެވެ. 

” ކޮބާ؟” ދޮރުގައި ޓަކި ޖަހަމުން ސައިފް އަހާލިއެވެ. 

” މަޑުކުރޭ! އެއްޗެހި ބަދަލުކުރަނީއޭ!” ދަތްކުޑިވިކާލަމުން ލުބްނާ ހަޅޭއްލަވައިގަތެވެ. 

” ހޫނ.” 

ސައިފާއި ދިމާއަށް ކުދިކިޔަމުން ލުބްނާ ހެދުންލިއެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ އޭނޭގެ ޑްރެސިންގ ޓޭބަލްގެ ލޯގަނޑެވެ. އޭނާގެ ރަތްވެފައިވާ މޫނާއި ރުޅިވެރިކަމުން ފުރިގެންވާ ދެލޯ ފެނުމުން އޭނާކައިރިއަށް ކުއްލިއަކަށް ހިނިއައެވެ. 

” ހީވަނީ ފުއްޕި ބަނަހެއްހެން!” އަމިއްލަ ނަފުސަށް މަލާމަތްކޮށްލަމުން އޭނާ ލޯގަނޑު ކައިރިއަށް ދިޔައެވެ. އަދި އިސްތަށިގަނޑު އޮމާންކުރަން ފަށައިފިއެވެ. ނަމަވެސް ކުއްލި ލަތްކަކާއިއެކު އިސްތަށިގަނޑު ފަހަތު ޒިބުގައި އޮޅުނުކަން އޭނާއަށް ވިސްނުމުން ރަނގަޅުވި މޫޑު އަނެއްކާވެސް ޚަރާބުވިއެވެ. 

ލޯގަނޑުން ބަލައިގެންވެސް އޭނާގެ އިސްތަށިގަނޑު ނެއްޓޭ ގޮތެއް ނުވިއެވެ. އިސްތަށިގަނޑަށް ދަމާދަމާގެންވެސް އެއްގޮތެއްވެސް ނުވުމުން ބޭއިޚްތިޔާރުގައި އޭނާއަށް ހަޅޭއްލަވައި ގަނެވުނެެވެ. 

ކުއްލިއަކަށް އެއްވެސް އިންޒާރެއް ނެތި ސައިފް އެކޮޓަރިތެރެއަށް ވަނެވެ. ލުބްނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އެހިނދު އޭނާއަށް އެކޮޓަރި ދޮރު ރަނގަޅަށް ތަޅުނުލެވޭކަން އިހުސާސްކުރެވުނެވެ. 

” ކިހިނެއްވީ!” ސައިފް ހުރީ ހާސްވެފައިއެވެ. 

” ކަމެއްނުވޭ!” ލުބްނާ ރުޅިވެރި އަޑަކުން ބުންޏެވެ. 

ސައިފް ދާން އެނބުރިލިއެވެ. ނަމަވެސް ހުއްޓިފައި އަނެއްކާވެސް އެނބުރި ބަލާލިއެވެ. 

” ތިހިރީ ޒިބުތާށިވެފަދޯ؟” ސައިފް ކައިރިއަށް ހިނިއައެވެ. 

“މިބުނީ އެއްނު ނިކުންނާށޭ!” ލުބްނާގެ އަޑު ބާރުވަމުން ދިޔައެވެ. 

“އަހަރެން ރަނގަޅުކޮށްދީފާނަމޭ. ދައްކަބަލަ.” ސައިފް ލުބްނާއާއި ކައިރިއަށް ޖެހިލާކަމަަށް  ހެދިއެވެ. ކުއްލިއަކަށް ލުބްނާގެ އަތުގައިއޮތް ބުރުސް ސައިފާއި ދިމާއަށް ހޫރާލިއެވެ. ފަސޭހަކަމާއެކު އެއިން ރެކިލަމުން ސައިފް ހިނިތުންވެލާފައި ނިކުންނަން ހިނގައިގަތެވެ. 

“ތިޔޮއް ރުޅި ގަނޑެއްދޯ.” ސައިފް ނިކުންނަމުން ސަކަގޮތަކަށް ބުނެލިއެވެ. ނަމަވެސް ނިކުމެނިކުމެ ހުރެފައި އޭނާ ހުއްޓުނީ ބާރު އަޑުފަށްގަނޑެއް އިވުމުންނެވެ. އެއީ ލުބްނާ އައި ރުޅީގައި ސައިފާއި ދިމާއަށް  ހޫރާލި ލޯޝަންފުޅި ފާރުގައި ޖެހުނު އަޑެވެ. ސައިފް އަނެއްކާވެސް އެނބުރިލުމަށްފަހު ލުބްނާގެ ރަތްވެފައިވާ މޫނަށް ބަލާލަމުން  ޗޮކެއް ކަނޑާލާފައި ނިކުމެގެން ހިނގައްޖެއެވެ.   

ލުބްނާ ގަނޑުވެފައި ހުއްޓެވެ. އައި ރުޅިން ކުރާނެކަމެއް ނެތިފައެވެ. 

ސައިފް ކާރުގައި އިށީނދެގެން ލަވަ އަޑުއަހަމުން ދިޔައެވެ. ލުބްނާ އައިސް ފަހަތު ސީޓުގައި އިށީދެލުމުން ސައިފް އެނބުރި ބަލާލިއެވެ. 

” ކޮބާ ޑްރައިވަރު؟”

” އޭނާ ކުއްލިއަކަށް ގެއަށް ދާންޖެހިގެން ހިނގައްޖެއް.” 

” ހޫން.” ލުބްނާ ސީޓުގައި ހަމަ ޖެހިލިއެވެ. މިތަން ފެނުމުން ސައިފް ހައިރާންކަމާއެކު ބަލަމުން ގެންދިޔައެވެ. 

ލުބްނާ އިންތިޒާރު ކުރަމުން ދިޔައީ ސައިފް ކާރު ދުއްވާލާނެ ވަގުތަކަށްށެވެ. ނަމަވެސް މިނެޓުތައް ފާއިތުވެގެން ދިޔައިރުވެސް ކާރު އޮތްތަނުގައި އޮތީއެވެ. ލުބްނާ ސައިފާއި ދިމާއަށް ބަލާލިއިރު އޭނާވެސް ރިޔަވިޔު ލޯގަނޑުން ލުބްނާއާއި ދިމާއަށް ބަލަން އިނެވެ. ކުއްލިއަކަށް މިކަންތައް އަޒުމުގެ ހަނގުރާމައަކަށް ބަދަލުވެއްޖެއެވެ. 

ލުބްނާ ކުރީ ސީޓަށް ދާކަށް ބެނުމެއް ނުވިއެވެ. އަދި ސައިފް އޭނާ ފަހަތު ސީޓުގައި ބައިންދައިގެން ކާރު ދުއްވާކަށް ބޭނުމެއްނުވިއެވެ. މިހިން އިރުކޮޅަކު ދެމީހުން ތިއްބައި ލުބްނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ލުބްނާ ފޯނުނަގާފައި ‘އާނ، ހޫން’  ބުނުމަށްފަހު ބާއްވައިފިއެވެ. އަދި ފުން ނޭވާއެއްލާފައި ކުރީސީޓަށް ބަދަލު ވެއްޖެއެވެ. 

” މަންމަ ގުޅާފަ ކީކޭ ބުނީ؟” ސައިފް ކުއްލިއަކަށް އަހާލިއެވެ. 

” އަވަހަށް އަންނާށޯ.” ފޫހި އަޑަކުން ލުބްނާ ބުނެލުމުން ސައިފް ކައިރިއަށް ހިނިއައެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ކާރު ދުއްވާލިއެވެ.