Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp

Ehennoonama | Part 12

...އެހެން ނޫންނަމަ

PART TWELVE

 

ސައިފް ކޮންމެ ދުވަހަކަ އޮފީހަކަށް ނުދެއެވެ. އެހެންނަމަވެސް އޮފީހުގައި ކަންތައް ވާނުވާ ބަލަމުން ގެނދެއެވެ. އޭނާ ޒިންމާދާރުކުރުވަން ހުސްނާ ބޭނުންވާވަރު އޭނާއަށްވެސް އެނގެއެވެ. އެހެންކަމުން އޮފީހުގެ ޕްރޮޖެޓްތަކަށް ކުރިއަށްދާގޮތްބަލަން ސްޓާފް މީޓިންގ ތަކަށް ގަވައިދުން އޭނާ ދެއެވެ. 

ސައިފް އޮފީހަށް ދާދުވަހެއްނަމަ ރަޝާދު އޮފީހުން ބޭރަށް ދެއެވެ. ކަންވާނީވެސް އެހެންކަން ސައިފަށް އެނގެއެވެ. އެހެނީ އެއޮފީހުގައި ޕްރައިވެޓް ކެބިންއެއް ހުންނަނީ ހަމައެކަނި ފައިނޭންސް ހެޑާއި ރަޝާދުގެ އެކަންޏެވެ. އެހެންކަމުން ސައިފް އޮފީހަށް ދިޔުމުން އޭނާ ބޭރު ކިޔުބިކަލެއްގައި ބައިންދާކަށް ރަޝާދަކަށް ނުކެރެއެވެ. އެހެންކަމުން އޭނާގެ ކެބިން ސައިފަށް ދިނުމަށްފަހު ކޮންމެ ދުވަހަކުވެސް އޭނާ ސައިޓް ވިސިޓަށް ދެއެވެ.  

ނަމަވެސް މިއަދު ވަރަށް ގިނައިރު ވަންދެން ރަޝާދު ކެބިންގައި މީހަކާއި ވާހަކަދައްކަން އިނެވެ. ސައިފް އިންތިޒާރުކޮށްގެން ހުރެ އިރުގަނޑެއް ވީއިރުވެސް ޚަބަރެއްނުވުމުން، އެތަނުން ހުސް ޖާގައެއްގައި އިށިނދެގެން ފައިލެއް ބަލަންފަށާއިފިއެވެ. އެހެން އިންދާ ރަޝާދު އެމީހާއާއިއެކު ކެބިންއިން ނިކުތެވެ. އެތާނގައި ސައިފްއިންދާ ފެނިގެން އޭނާ އައިސް އެމީހާ ސައިފަށް ތައާރަފުކޮށްދިނެވެ. 

” ސައިފް ތިއައީތަ؟ މިއީ އިއްބެ, މިއީ އަހަރުމެންގެ އިމާރާތްތައް ކޮންޓެރެކްޓް ލިބުނު ކުންފުނީގެ ބޮޑުމީހާ. އިއްބެ, މިއީ ސައިފްއަކީ، ޔޫކޭއިން ކިޔަވައިގެން އިހަކަށްދުވަހު އެއައީ.” 

ސައިފް އޭނާއާއި ސަލާމްކޮށްލިއެވެ. 

” އެހެންތަ؟ ޔޫކޭއަށް ދޭތަ މީހުން ކިޔަވަން؟ އެތަނުގައި ދޮން އަންހެންކުދިންނާއެކު މަޖާކުރަންނު ދާނީ.” އިއްބެ މިހިން ބުނެފައި ހޭން ފެށުމުން ސައިފްގެ ނިތްކުރިއަށް ރޫއެރިއެވެ. އޭނާ ރަޝާދުގެ މޫނަށް ބަލާލިއިރު އޭނާވެސް ހުރީ ކުޑަކޮށް ޖެހިލުންވެފައިއެވެ. 

އެހިނދު ސައިފް ހިތްހަމަނުޖެހިއްޖެކަން ވިސްނުމުން އިއްބެ ބައްދަލުވުން ކުރުކޮއްލާފައި އެމީހުންނާއި ސަލާމްކޮށްލުމަށްފަހު އަވަސް އަވަހަށް އެތަނުން ދިޔައެވެ. އެތަން ބަލަން ހުރެފައި ރަޝާދު ފުންނޭވާއެއްލިއެވެ. އަދި ސައިފް ގޮވައިގެން ކެބިން ތެރެއަށް ވަނެެވެ. 

” ހިތްބުރަ ނުކުރައްޗޭ.  އިއްބެގެ އަނގަ ގަދަވާނެ، އެކަމު ހިތް ވަރަށް ސާފުވާނެ.” އިއްބެ އޮފީހުން ނިކުމެގެން ދިޔައިރު އޮފީގު ރިސެޕްޝަނިސްޓާއި ފޮށުނުތަން ސައިފަށް ފެނިފައިވާތީ ރަޝާދުގެ އެވާހަކައަކާއި އޭނާ އެއްބަހެއްނުވެއެވެ. އެހެނަސް އެއީ ރަޝާދުގެ ރައްޓެއްސެއްކަމުން އިތުރަށް އެއްޗެއް ނުބުނެ އޭނާ ހުއްޓެވެ. 

” ވަރަށް ބޮޑު ކަމަކު ކިޔާފަ އޭނާ އެދިޔައީ، އަހަރެން ހިތަށްއަރާ އެކަންތައް ކޮށްދެވޭނެ ބާއޭވެސް، އެކަމަކު އުމުރުން ދުވަސްތައް ފާއިތުވަމުންދާނީދޯ، ނުކޮށްހުންނަ ކަންތައް ހަމަ ނުކުރެވި ހުންނާނީ.” ރަޝާދުގެ އަޑުގައި ނާއުންމީދުގެ އަސަރު ހުއްޓެވެ. 

” ކިހިނެއްވީ؟ ކޮންކަމެއް ނުވެ ހުންނަނީ؟” 

“ލުބްނާގެ ކައިވެނި…” ރަޝާދު މިހިން ބުނުމުން ސައިފް ހައިރާންވެ އަޖައިބުވިއެވެ. އޭނާ ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ. އެހެންނަމަވެސް ރަޝާދުގެ ވާހަކަ އަދި ނުނިމެއެވެ. 

“އަހަންނަށް އެނގޭ ސައިފް ބުނާނެ އެއްޗެއް، އެންމެންވެސް ހަމަ ބުނާއެއްޗެއް ތީ. އެމީހަކު އިންނާނެ މީހެއް އިނގޭނީ އެމީހަކަށް، އެކަމު ސައިފް ދޯ ކުރީދުވަހުވެސް ބުނީ ގޭގައި އިންދެގެން އޭނާ އިންނާނެ މީހެއް ނުވާނެއޭ. “

“އެކަމު…” ސައިފަށް ވާހަކަ ދައްކަން ވީ ހިސާބުވެސް އޮޅިފައިވާކަހަލައެވެ. 

” އާން. އެކަމަކު… ކޮންމެ ކަމަކީވެސް އެކަމަކު، އެކަމަކު އަހަރެން މީ އޭނާގެ ބައްޕަ، އަހަރެން ބުނެގެން ނޫނީ ހުސްނާ ބުނެގެންވިޔަސް މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަންޖެހޭނެ، އިއްބެއާއި ނޫނީ އެހެން ކޮންމެވެސް މީހަކާ، ލުބްނާ ނުރުހޭ މީހަކާއި ގަދަކަމުން ކައިވެނި ކުރުވާކަށް ނޫޅެމޭ، އެކަމު ކޮންމެވެސް މީހެއް އޭނާއަށްވެސް ކަމުދާނެއެއްނު.”

“ދެން ބޭބެއަށް  ހީވަނީ ތިބުނާ މީހަކު ބޭބެއަށް ހޯދިދާނެއޭ ؟ ” ސައިފް އަދިވެސް ހުރީ ހައިރާން ކަންމަތީގައިއެވެ. 

“މަސައްކަތްދޯ ކުރެވޭނީ.” ރަޝާދު ފުންނޭވާއެއްލިއެވެ. “އެކަމު އަހަރެންވެސް އަދި ހުސްނާވެސް ބޭނުންވަނީ ދެކުދިންވެސް މީހުންނާއި އިނދެގެން އުޅޭތަން ބަލަން.” 

މިއަޑުއިވުމުން ސައީފްގެ ހިތަށް އަޖައިބެއްކަހަލަ ލޮޅުމެއްއެރިއެވެ. އޭނާގެ ކައިވެނިކުރުވަން ހުސްނާ ބޭނުންވާކަން ސައިފަށްވެސް އެނގެއެވެ. އަދި ހަމަ އެފަދަ ފިއްތުމެއް ލުބްނާއަށްވެސް އަންނަން ފަށަނީއެވެ. މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ 

އެދުވަހު ސައީފް ގެއަށް ދިޔައިރުވެސް އޭނާގެ ހިތުން ނުތަނަވަސްކަން ފިލައިގެނެއްނުދެއެވެ. އެހެންކަމުން އޭނާ ފުންވިސްނުމެއްގައި ހުރެގެން ދެކޮޅަށް ހިނގަމުން ދިޔަކަން އިހުސާސްކުރެވުނީ އެކަމާއި އުނދަގޫވެގެން ހުސްނާ އަޑުލާން ފެށުމުންނެވެ. 

” މަންމައަށް އިނގޭތަ ލުބްނާ އިންނާނެ މީހެއްހޯދަން ބޭބެ އުޅޭކަން!” ސައިފް އޭނާގެ މަންމަކައިރީގައި އިށީނަންމުން ކުއްލިއަކަށް އެހިއެވެ. 

އެވަގުތު ހުސްނާ ޖަވާބުދޭން އަނގަ ހުޅުވާލުމަށްފަހު ސައިފްގެ އަނދިރިވެފައިވާ މޫނުމައްޗަށް ފަރުވާތެރިކަމާއި އެކުބަލާލިއެވެ. 

“އެކަމާ ސައިފް ހާސްވާންވީ ކީއްވެގެންތަ؟ އެއީ ލުބްނާގެ ބައްޕަ، އޭނާ ނޫޅެންޏާ އެކަމާ އުޅޭނީ ކާކުތަ؟” 

“ދެން މަންމަވެސް ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް، މީ ގަދަކަމުން މީހުންނާއި ދެވާ ޒަމާންތަ؟ ބޭބެ އެއުޅެނީ ކީއްވެގެން ކަމެއްނޭނގެ!” 

“ރަޝާދަކަށް ނުކެރޭނެ އެކަހަލަ ކަމެއްކުރާކަށް.” ހުސްނާ ވަރަށް ޔަގީންކަމާއިއެކު ބެނެލިއެވެ. 

“ނޫން… ގަދަކަމުންނެއްނޫން، އެކަމަކު ހީވަނީ އޮޑިޝަނެއް ބާއްވާނެހެން.” 

” ހޫން. މަށަށްވެސް ފެންނަނީ އަހަރެންވެސް ކޮންމެވެސް ކަހަލަ އޮޑިޝަނެއް ބާއްވަންވީހެން.” 

“ސާބަސް މަންމާ!” އޭނާ އެދެއްކި ވާހަކަ ހުސްނާ ގަބޫލެއް ނުކުރިކަން ވިސްނުމުން ސައިފް ދާން ތެދުވިއެވެ.

“އެހެންނޫނީ ނޫހުގައި ފޮޓޯ ޖަހަންވީތަ؟” ސައިފަށް އިވޭވަރަށް ބާރަށް ހުސްނާ ބުނެލިއެވެ. ނަމަވެސް ސައިފް ހަމަ އަނގައިންވެސް ނުބުނެ ހިނގުން ބާރުކޮށްލިއެވެ. 

“އޮންލައިން އިސްތިހާރެއް ނެރެންވީ، ‘ކައިވެނި ކުރާނެ ކުއްޖެއް ބޭނުން!’ ” މިހިން ބުނެފައި ހުސްނާ ހޭން ފަށައިފިއެވެ. 

އެވަގުތު އެތަނަށް ރަޝާދު އައެވެ. ހުސްނާ އެކަނި އިނދެގެން ހޭތަން ފެނުމުން އޭނާ ކައިރިއަށްވެސް ހިނިއައެވެ. 

“ކޮންކަމަކާ މާވަރަކަށް ތިހެނީ؟” އޭނާ ކައިރީގައި އިށީންނަމުން ރަޝާދު އެއްސެވެ. 

“ސައިފް އުޅޭ ގޮތަކުންނު، ލުބްނާގެ ކައިވެނި ކުރުވަން ރަޝާދު އޮޑިޝަން ބާއްވާ ވާހަކަބުނިމައެއްނު!” ހުސްނާ އަނެއްކާވެސް އަލުންބަލުން ހޭން ފަށައިފިއެވެ. 

“އާނ…. އެއީ އިއްބެ އޮފީހަށް އައީމަ، އޭނާ އެކަހަލަ އެއްޗެއް ބުނި މިއަދު.” ރަޝާދު މިހިން ބުނުމުން ހުސްނާގެ ހިނިގަނޑު ހުއްޓިއްޖެއެވެ. 

“ރަޝާދު މޮޔަވީތަ؟ ބޮޑުވެފައިހުރި އަންހެންދަރި ގަދަކަމުން މީހަކާ ދެވަންވީ؟” ހުސްނާ ދެބުމަ ގޮށްޖަހާލިއެވެ. 

“ނޫން، ގަދަކަމުންނެއްނޫން، އެކަމަކު ހުސްނާވެސް ވިސްނާލަބަލަ، އަހަރުމެން ދުނިޔޭގައި ތިބޭނީ ކިހާ ދުވަހަކު، އެކުދިން ކައިވެނިކޮށްގެން ހަމަޖެހިގެން އުޅޭތަން ބަލަން ބޭނުމެއް ނޫންތަ؟” 

“ތީ ރަނގަޅު ވާހަކައެއް. އެކަމަކު އަހަރުމެން ކިތަންމެ ބޭނުންވިޔަސް ބައެއް ކަންތައް ގަދަކަމަކުންނެއް ނުކުރެވޭނެ. ” ހުސްނާ ދެރަވެލާފައި ބުނެލިއެވެ. 

މިހިސާބުން ހުސްނާގެ ޖަޒުބާތުތަކުގެ މަގު ލަންބާލަން ފަސޭހަވާނެކަން ރަޝާދަށް ވިސްނުމުން އޭނާ އަދިވެސް އިތުރަށް ހިތްވަރުކޮށްލިއެވެ. 

“ހުސްނާ، އަހަރެން ނުބުނަން ގަދަކަމުން ކައިވެނި ކުރުވުން އެއީ އެންމެ ރަނގަޅު ގޮތެކޭ. އެކަމަކު ބައެއްފަހަރު ބައެއްމީހުންނަށް އެކަހަލަ ކަމަކަށް އަމިއްލައަށް ބޭނުންވެ ބުނަންނޭނގިވެސް ތިބެއެއްނު. އެކަހަލަ ކަމެއްގައި އަހަރެން އެމީހުންނަށް މަގުދެއްކޭތޯ މިބަލަނީ…” 

“ރަޝާދު ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ، ކީކޭތަ ތިކިޔަނީ؟” 

“އަހަރެން މިބުނަނީ މިސާލަކަށް މީހެއްދެކެ ލޯބިވެ އެކަމަކު އެކަން ނޭނގި ހުންނަ މީހަކަށް އެކަން އިހުސާސްކުރެވޭނީ އެލޯބިވާ މީހަކު އަތުން ބީވެގެން ދާތަން ފެނުނީމައޭ.”

“ސާބަސް، ތިބުނަން އުޅޭ އެއްޗެއް ރަނގަޅަށް ބުނެބަލަ. މީނާ ބައެއްފަހަރު ދައްކާ ވާހަކަ އިނގޭނީ ބަހުގެ އިލްމުވެރިންނަށް.” ހުސްނާ މޫނު ހަދާލިއެވެ.

“އަހަރެން މިބުނަނީ މަށަށް ހީވަނީ ސައިފް ލުބްނާދެކެ ލޯބިވާހެން، އެހެންވެ އޭނާ މީހަކާއި ދެވަން އުޅޭކަން އެނގިގެން އެކަމާ އެހާ ކަންބޮޑު އެވަނީ.” 

” ދެންދޯ. މަށަށް ހީވަނީ ރަޝާދު ސިކުނޑި ހޫނުވެފައި ހުރިހެން. އެހެންވެގެންނު ތިޔަ މޮޔަގޮވަނީ!” 

“ދެން މައްސަލައެއްނެތޭ. އަޅެ މަބުނާއެއްޗެއް ބަލަން ހުރެބަލަ. ހަމަ ޔަގީން ސައިފް މިވާހަކަ ދެއްކުން ހުއްޓައެއް ނުލާނެކަން. އޭނާއަށް ވެގެން ވަންޏާ ލުބްނާ އެހެން މީހަކާއި ކައިވެނި ކުރިއަކަ ނުދޭނެ!” ރަޝާދު ވަަރަށް ޔަގީން ކަމާއެކު ބުނެލިއެވެ. 

” އޭނާ ކީއްކުރަން، ލުބްނާވެސް ވެގެން ވަންޏާ އެކަކާވެސް ކައިވެންޏެއް ނުކުރާނެ!” ހުސްނާ މިހިން ބުނުމުން ރަޝާދުގެ މޫނުމަތި ހުދުވިއެވެ. އަދި އޭނާ ދެރަވިތަން ފެނުމުން ހުސްނާގެ ހިނިތުންވުން ވެސް ގެއްލިއްޖެއެވެ. 

“އާނ. އަހަރެން ގެ ނެތްކަންނޭނގެ ކާފަދަރިން ފެނުމުގެ އެއްވެސް ނަސީބެއް.”

“ތިހިން ނުބުނޭ. ރަޝާދުގެ ބޮޑުވެފައިވާ ފިރިހެންދަރިއެއްވެސް އެބަހުރި. ފައިސަލް މީހަކާއި އިނދެގެން ކުދިން ހޯދީމަ އެއީ ހަމަ ރަޝާދުގެ ކާފަދަރިންދޯ.  ލުބްނާ މީހަކާއި އިންނަން ބެނުންނުވާއިރު ގަދަ ހަދައިގެން އެކަންތައް ކުރުވަން ނޫޅޭ. އެއިރުން ލިބޭ ކާފަދަރިންވެސް އުފަލަކު ނޫޅޭނެ. “

ހުސްނާ މިހިން ބުނުމުން ރަޝާދު ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ. އަދި ފުންވިސްނުމެއްގައި އިރުގަނޑަކު އިނުމަށްފަހު ފުންނޭވާއެއްލިއެވެ. 

“އަސްލު އަހަރެން ބުނާކަށްވެސް ބޭނުމެއްނޫން މިވާހަކައެއް. އެކަމު… ފައިސަލަށް ކުދިންނެއް ނުލިބޭނެޔޯ. އެހެންވެ އޭނާ މީހަކާ ނީދެ އެހުންނަނީވެސް. ” ރަޝާދު އިސްދަށަށް ޖަހާލިއެވެ. 

” އޭނ… އަސްލުވެސްތަ!؟” ހުސްނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނާ މަޑުމަޑުން ރަޝާދުގެ ބުރަކަށީގައި ފިރުމަންފަށައިފިއެވެ. ދެމީހުން އެގޮތަށް ޚިޔާލުގެ ތެރެއަށް ގެއްލިފައި އެތައްއިރަކު ތިއްބެވެ.