Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp

Ehennoonama | Part 13

...އެހެން ނޫންނަމަ

PART THIRTEEN

 

މާލެގެ މަގުތައް މަތިން އާވިއަރަމުން ދިޔައެވެ. އާދަޔާ ޚިލާފަށް ހޫނުވަމުން ދިޔަ އެމާއަހުލުގައި އުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެއްކޮޅުން ކުޑަދޮރުތައް ހުޅުވާލައިގެން ވައިވައްދަން ބޭނުންވިޔަސް ތޮއްޖެހިފައިވާ އިމާރާތްތަކުގެ ސަބަބުން އުފެދޭ އުދާސްވެސް އެހާ ބޮޑެވެ. 

އެ ހޫނު ދުވަސްކޮޅު އައުމުން ބަރު ދޮރުފޮތިތައް ބަދަލުކޮށް މޫސުމާއި ގުޅޭގޮތުން އެއްޗެހި ބަދަލުކުރުމުގެ ޚިޔާލު ލުބްނާއަށް ކުރެވުނެވެ. އެހެންކަމުން މޫމިނާއާއި އެކީގައި އެދުވަހު ގޭތެރެ ފޮޅާސާފުކުރުމުގައި ހޭދަކުރަމުން ދިޔައެވެ. ނަމަވެސް ހީވާ ގޮތުން މޫމިނާގެ ސިކުނޑީގައި އެނބުރެމުން އެދަނީ އެހެން ޚިޔާލެކެވެ. 

“މީ ރަނގަޅު ގޮތެއްނޫން!” މޫމިނާ ހުރީ ހިތްހަމަ ނުޖެހިފައިއެވެ. 

“އަޖައިބެއް ނުވާނެތަ؟ މޫމިނާ ޑިގްރީއަށް ކިޔަވަންވީމަ ހަމަ ކިޔަވަންވީ. އެކަމުން ގޯސްވަނީ ކޮން ކަމެއްތަ؟” ލުބްނާ ހައިރާންވިއެވެ. 

“އަހަރެން މިބުނީ ތިހިންނެއްނޫނޭ. ލުބްތައަށްވެސް އެނގޭނެ ކީއްވެގެން ކަން އަހަރެން އެހެން މިބުނީ!” މޫމިނާ ކުރެއް ނުކުރިއެވެ. 

“އަހަރެން ބުނެފީމެއްނު، އަހަރެން ކުލާހަކަށް ނުދާނަމޭ.” ލުބްނާސޯފާގައި ހުރި ކުޝަންތަކުގެ ކަވަރު ނައްޓަންފެށިއެވެ. އެތަން ފެނުމުން މޫމިނާ އަވަހަށް އައިސް ލުބްނާއަށް އެހީވާން ފަށައިފިއެވެ. 

“ކުލާހަށް ދާށޭ ބުނީ ކާކުތަ؟ އަހަރެން މިބުނީ ލުބްތަވެސް ޓިއުޓަރެއް ހޯދާށޭ. ކޮންމެ ފަހަރަކުވެސް އަހަރެން އެހެންނެއްނު މިބުނަނީ.” 

” ހޫން ހެވޭ. މޫމިނާ ކިޔަވާ ހިތްވަންޏާ ކިޔަވާ. މަށަށް ފިލާވަޅުނަގާދޭން އުޅޭނެކަމެއްނެތް. ” 

“ތިކަންތައް އަހަންނަށް ވާނެތަ؟ ލުބްތަ މިހާރުވެސް އަހަންނަށް ވުރެ މޮޅު. އެހެންވެގެންނޭ މިބުނަނީ އިތުރަށް ކިޔަވާށޭ. ލުބްތަ އެއްވެސް އުނދަގުލެއްނެތި ރަގަޅު މާރކްސް ގެންނާނެކަން ގައިމު.” 

“ދެން އެހެންވީއިރު ކިޔެވުމުގެ ބޭނުމެއްވެސް ނެތެއްނު. އަހަންނަށް ނުކިޔަވާ ހުރިހާއެއްޗެއް އެނގެންޏާ ރަނގަޅުތާ…” 

“ތިހިންނެއް ނޫނޭ މިބުނަނީ!” މޫމިނާ އިންކާރުކުރިއެވެ. 

“ދެން…. ތިބުނަނީ އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގޭއޭތަ؟” ލުބްނާ ހިނިތުންވުން ފޮރުވަމުން އަހާލިއެވެ. 

އެވަގުތު މިކުރެވޭ ބަހުސުގެ ބޭކާރުކަން ވިސްނިގެން މޫމިނާ ގެންގުޅުން ކުޝަން ލުބްނާއާއި ދިމާއަށް ހޫރާލިއެވެ. ލުބްނާ އޭގައި ހިފާފައި ކަވަރު ނައްޓާލުމަށްފަހު އެ އަނބުރާ މޫމިނާއާއި ދިމާއަށް އެއްލިއެވެ. 

ކުއްލިއަކަށް ކުޝަންގެ ހަނގުރާމައެއް ފެށިއްޖެއެވެ. އޭގެން ކޮންމެ މީހެއްގެ ކުރިމަތީގައި ހުރި ސޯފާގެ ފަހަތަށްވަދެ ހަނގުރާމައިގެ ސަފުހަދާ ހަމަލާތައް ބަދަލުކުރަން ފަށައިފިއެވެ. ހަމަލާތައް ހޫނުވެ ވަށައިގެންވާ އެހެން އެއްޗެއްސަށްވެސް ގެއްލުންވެދާނެ ހިސާބަށް ގޮއްސިއެވެ. އެހެންވިޔަސް އެކަކުވެސް ދޫކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް އެމީހުންގެ ހަރަކާތްތައް ހުއްޓުނީ އެތަނަށް ރަޝާދުއާއެކު ހުސްނާއާއި ސައިފް އައުމުންނެވެ. 

“މީ ކޮންކަމެއް؟” ހުސްނާ ވަށައިގެން އުކާލެވިފައިވާ ކުޝަންތަކަށް ބަލާލަމުން ސުވާލުކުރިއެވެ. 

“އެއްވެސް ކަމެއް ނޫން ދައްތާ… ” މޫމިނާ އަވަހަށް ސޯފާގެ ފަހަތުން ނިކުތެވެ. ނަމަވެސް އެހިނދު އެއްވެސް އިންޒާރަކާއި ނުލާ ލުބްނާގެ އަތުގައި އޮތް ކުޝަންއިން މޫމިނާގެ ގައިގާ ޖަހައިފިއެވެ. މިތަން ފެނުމުން އެންމެންވެސް ހައިރާންވިއެވެ. 

“ލުބްނާ!” ހުސްނާ ހައިރާންވެފައި ބުނެލެވުނެވެ. 

ލުބްނާ ހަމަ އަޅާވެސް ނުލާ ގޮސް އެކިތަންތަނަށް އުކާލެވިފައިވާ އެއްޗެހި ނަގައިގެން ތަންތަން ތަރުތީބުކުރަން ފަށައިއެވެ. އަދި މިކަމުގައި މޫމިނާއާއި ސައިފްވެސް ބައިވެރިވިއެވެ. މީހުންގެ މަސައްކަތުން ސިޓިންގ ރޫމް އެއްކޮށް ތަރުތީބުކޮށްލާ ސާފުކޮށްލައިފިއެވެ. 

އެހިނދު ރަޝާދު ހުސްނާއާއި ހަތަރުކަޅި ހަމަކޮއްލުމަށްފަހު ނިއްއަރުވާލިއެވެ. އެމީހުންގެ ބެލުމުގައި ފަހަތުގައި ވަރަށް ފުން އިޝާރާތްތަކެއް ވާކަހަލައެވެ. 

އެކަން ނިމުމުން އެންމެން އިށީނދެ  ހަމަޖެހިގެން ވާހަކަ ދައްކަން ފަށައިފިއެވެ. 

“ކުޑަމަންމަ އަންގާވެސް ނުލަމެއްނު؟ ބުނެލިނަމައެއްނު ކޮންމެވެސް އެއްޗެއް ހަދާނީވެސް.” ލުބްނާ މިހިން ބުނުމުން މޫމިނާ އަވަހަށް ބަދިގެއާއި ދިމާއަށް ދިޔައެވެ. 

“އާން ، މީ ހަމަ ލުބްނާ ދެކިލާހިތުން. ދަތުރު އައިފަހުން މަންމަމެން ގެއަށް ގޮސްވެސް ނުލާތީ ހިތަށްއެރީ މިއަދު އަންނާނީއޭ.” ލުބްނާގެ އިސްތަށިގަނޑުގައި ހަރުލާފައިވާ ކަފަ ކޮޅެއް ނަގަމުން ހުސްނާ ބުނެލިއެވެ. “އަޅެ ކަލޭމެން ކޮން ފަދަ ކަމެއްތަ ތިކުރީ؟ މުޅިގައިގާ ހުސް ކަފަ!” 

ހުސްނާގެ ވާހަކަ ހުރިގޮތުން ލުބްނާއަށް ހެވުނެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކު އޭނާގެ މުޅި މޫނުމަތި އުޖާލާވެ،ނަފުސަށް ލުއިކަމެއް ލިބިގެން ދިޔައެވެ. ބައެއްފަހަރު ހުސްނާއާއި ވާހަކަ ދެއްކުމަކީ ކުޑަކުއްޖަކާއި ވާހަކަ ދެއްކުން ކަހަލަކަމެކެވެ. ވާހަކައިގެ މެދުތެރެއިން ކޮންމެވެސް އެހެން ވާހަކައެއް ފަޅާނެއެވެ. އެހެންނޫނީ ލޯބި ގޮތަކަށް އަޑުލާނެއެވެ. 

އޭނާއަށް އެވަގުތު ބޭއިޚުތިޔާރުގައި ވަށައިގެން ބަލާލެވުނެވެ. އެއިރު ސައިފާއި ރަޝާދު ދެލޯބޮޑުކޮށްގެން ލުބްނާއާއި ދިމާއަށް ބަލަން ތިބިތަން ފެނުމުން އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. 

“ދަރިފުޅާ… ބައްޕަ ދަރިފުޅު ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއައީ.” ރަޝާދު ކުއްލިއަކަށް ބުނެލިއެވެ. 

” ހޫން….މަޑުކޮށްލާ. މިހާރު އަންނާނަން މޫމިނާ ވީތަނެއް ބަލާފައި.” ލުބްނާ ކުއްލިއަކަށް  ތެދުވިއެވެ.

ލުބްނާ ބަދިގެއާއި ދިމާއަށް ދާންފެށުމުން ސައިފްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. މިތަން ބަލަން ރަޝާދުގެ ދެމަފިރިން ތިބެފައި އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. 

“ކޮބާ މަބުނީމެއްނު ސައިފަށް އުނދަގޫވާނެއޭ.” ރަޝާދު ބުނެލި އަޑުއިވުނެވެ. 

“ރަޝާދޫ… އަނެއްކާވެސް އެއްކަލަ ވާހަކަ ފެށީ. އަހަންނަކަށް ހީއެއްނުވޭ… އެވާނީ އޭނާ އެކުދިންނަށް ކޮންމެވެސް އުނދަގުލެއް ކުރަން ހެން އެތަނަށް އެ ދިޔައީ.” ހުސްނާގެ ބޯހަރުކަމުން ރަޝާދު އިތުރަށް އެވާހަކަ ދެއްކުން ހުއްޓާލިއެވެ. 

އަނެއްކޮޅުން ސައިފް ބަދިގެ ތެރެއަށް ވަންއިރު ދެއަންހެންކުދިންވެގެން ކޮފީ ހަދަނީއެވެ. އެއިރުވެސް އެމީހުން ގެ ބަހުސް ނުހުއްޓެއެވެ. އެހެންކަމުން ސައިފް ފެނުމާއެކު މޫމިނާ އެބަހުސުގައި އޭނާވެސް ބައިވެރިކުރުވިއެވެ. އެވަގުތު ސައިފް ގެ މޫނަށް އެއެރި ކުލަވަރުން އޭނާވެސް ލުބްނާއެކޭ އެއްވަރަށްހައިރާންވިކަން ދޭހަވިއެވެ. 

“އަޅެ ސައީފްބެ ބުނެބަލަ، އިންސާނަކަށް ވެގެންވަންޏާ ކިޔަވަން ޖެހޭނެއެއްނު! ބުނެއެއްނު މަންމަގެ އުނގުންފެށިގެން ކަށްވަޅަށްވެސް ކިޔަވާށޭ.” މޫމިނާގެ އަޑުގައި އާދޭހެއްގެ އަސަރު ހުއްޓެވެ. 

“ކިހިނެއްވީ؟” ސައިފަށް ވާނުވާ ނޭނގިފައި އަހާލިއެވެ. 

” މިލުބްތަ ކައިރީގައި ޑިގްރީ ހަދާށޭ މިކިޔަނީ… ”  

“މޫމިނާ!” ސައިފްކައިރީގައި އެފަދަ ވާހަކައެއް ދައްކާތީ އޭނާ ހިތްހަމަ ނުޖެހުނެވެ. 

“ދެން އަޅެ މީ ދޮގެއްތަ؟ ލުބްތަ އަހަންނަށް އެހާވަރުކުން ކިޔަވާދޭން އުޅޭއިރު ކީއްވެގެންތަ އަމިއްލައަށް ނުކިޔަވަނީ. ސައިފްބެއަށް އެނގޭތަ ލުބްތަ ނުލާހިކުމޮޅޭ، އަދި ޚާއްސަކޮށް ހިސާބަށް ވަރަށް މޮޅުވާނެ. އަހަރެންގެ ޕިޔޯ މެކްސްގެ ފިލާވަޅުތައް އަހަންނަށް ބުނެދޭ”. މޫމިނާ ކުރެއް ނުކުރިއެވެ. 

“އެހެންތަ. އާނ. އެއީވެސް ތެދެއް.  އަހަރެން…”  ސައިފް މިވަގުތު ބޭނުން ވެފައި ހުރީ އެހެން ވާހަކައެއް ދައްކަން ކަންނޭނގެއެވެ. މޫމިނާ އެދައްކަމުން ދިޔަ ވާހަކަ އޭނާ އަޑު އެހީ އެއްކަންފަތުން ކަހަލައެވެ. 

“މިއީ ސައިފާއި ބެހޭކަމެއްނޫން! އަދި މޫމިނާއަކަށްވެސް ނޭނގޭނެ އަހަރެން އުޅެންވީ ގޮތެއް!” ލުބްނާ ދެބުމަ ގޮށްޖަހާލިއެވެ. 

” ހޫން. އެއީވެސް ތެދެއް. އެކަމު އަހަރެން އެހެން ވާހަކައެއް ދައްކަން…” ސައިފް އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. 

“ސައިފްބެ ތިބުނަނީ ލުބްތަ ކިޔަވާނެކަމެއް ނެތޭތަ؟” މޫމިނާގެ އަޑުގައި ނުރުހުމުގެ ރާގެއް ހުއްޓެވެ. 

“ނޫން. އެހެންނެއްނޫން އަހަރެން މިބުނަނީ…” 

“ދެން ކީކޭ ތިބުނަނީ!” ލުބްނާ ކުއްލިއަކަށް އެހިއެވެ. 

“ލުބްތަ މަޑުކޮށްބަލަ.  ސައިފްބެ އެބުނާއެއްޗެއްވެސް އަޑުއަހާބަލަ!” 

“ދެން ކަލޭވެސް އެންމެން ކައިރީގައި މިވާހަކަ ނުދައްކަބަލަ!” 

އެމީހުންގެ ޒުވާބު ކޮޅަކުން ނުލާނެކަން ވިސްނުމުން ސައިފް މޭޒުމަތީގައި އޮތް އުނދުޅިން ފިޔަނެއްގައި ތަޅަން ފަށައިފިއެވެ. މިއަޑުފަށްގަނޑު އިވުމުން އެދެކުދިންވެސް ބަސްހުއްޓި ހައިރާންކަމާއެކު އޭނާއާއި ދިމާއަށް ބަލާލިއެވެ. 

“ކިހިނެއްވީ؟” ލުބްނާއަށް އަހާލެވުނެވެ. 

“އަހަރެން މިއައީ ލުބްނާ ކައިރީގައި ވާހަކައެއް ބުނަންވެގެން.” ސައިފް އަވަސް އަވަހަށް ބުނެލިއެވެ. 

“ކޮން ވާހަކައެއް؟”

” މޫމިނާ ކޮފީ ހިފައިގެން ދޭބަލަ، އަހަރެމެން ދާނަން.” ސައިފް ބޭނުންވީ މޫމިނާ އެތަނުން ފޮނުވާލާށެވެ. އެހިނދު ލުބްނާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމުންވެސް މޫމިނާ ފަރުވާލެއް ނުބަހައްޓާ ތަބައްހިފައިގެން އެތަނުން ނިކުތެވެ. 

“ކިހިނެއްވީތަ!” ކަންތައް މިވީގޮތުން ލުބްނާގެ ހިތްހަމަ ނުޖެހުނެވެ. 

“ލުބްނާގެ ބައްޕަ ބުނަން އެއުޅޭ…” ސައިފް ވާހަކަ ފެށިތަނާ އެތަނަށް ހުސްނާ އައިސް މާއަޑުގަދަ ވެގެން މިއުޅެނީ ކީއްވެގެންތޯ އަހައިފިއެވެ. އެހިސާބުން ސައިފް ބުނަންފެށި ވާހަކަ މެދުކެނޑި އެމީހުން އެއްކޮށް ސިޓިންގރޫމަށް ދިޔައެވެ. 

ތަބަކުގައި އަތުރާފައި ހުރި ބިސްކޯދާއި ހިކިކަދުރާއި އެކިވައްތަރުގެ މޭވާއާއި މަދު ފެނުމުން ހުސްނާ ލުބްނާގެ މޫނަށް ބަލާލާފައި ފަނޑުކޮށް ހިނިތުންވެލިއެވެ. ލުބްނާ އެކުރާ ކަންތައް ވިސްނެއޭ ބުނާ ކަހަލަގޮތަކަށްށެވެ. ކޮންމެ ގޮތެއްވިޔަސް ހުސްނާގެ ސިއްހަތަށް ބެލުމަކީ އެއާއިލާގެ އެންމެންގެވެސް ޒިންމާއެކެވެ. އެހެންކަމުން ލުބްނާއަށް ވާވަރެއް އޭނާވެސް ކުރާނެއެވެ. 

“ލުބްނާ ؟” ރަޝާދު އަނެއްކާވެސް ވާހަކަ ފެށިއެވެ. އެހިސާބުން އެންމެން އޭނާއާއި ދިމާއަށް ބަލާލިއެވެ. ލުބްނާގެ މޫނުމަތީގައި ނުރުހުމުގެ ކުލަވަރެއް ހުއްޓެވެ. ސައިފްއިނީ ކުޑަކޮށް ހާސްވެފައިއެވެ. އެއިރު ހުސްނާ ބޯހަލުވާލަނީއެވެ. 

“ބައްޕަ މިބުނަން އުޅޭ އެއްޗަކީ، މިހާރު ލުބްނާވެސް ބޮޑުވެއްޖެއޭ، އަދި ދިރިއުޅުމާއި މެދުވިސްނަން ވެއްޖެއޭ. އަބަދު ތިހިން މިސްރާބެއް ނެތި ނޫޅެވޭނެ އެއްނު.” 

“ދެން ކިހިނެއް ހަދަންވީ؟ އަހަރެން ވަޒީފާއަކަށް ދާންވީތަ؟ ކިޔަވަން ވީތަ…؟” ލުބްނާގެ އަޑުގައި ކުރަކިކަން އޭނާއަކަށް ކަމަކު  ނުދިޔައެވެ. އެހެންނަމަވެސް އޭނާގެ ބައްޕަ އެދަންކަންފެށި ވާހަކައަކުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. އަދި އޭނާ ވައްކަޅިން މޫމިނާގެ މޫނަށް ބަލާލިއެވެ. އެފަދަ ވާހަކައެއް އޭނާގެ ބައްޕަކައިރީގައި މޫމިނާ ދައްކަފާނެ ކަމަށް އެހިދު ޝައްކުކުރަން ފެށުނެވެ.  

“ނޫން.  ބައްޕަ މިބުނަނީ…. މޫމިނާ އިހަށް ދޭބަލަ އެތެރެއަށް.” ރަޝާދުއަށް އުނދަގޫވިއެވެ. 

މޫމިނާ ދާތަން ބަލަން އިނދެފައި އަނެއްކާވެސް ލުބްނާ އޭނާގެ ބައްޕައާއި ކުރިމަތިލިއެވެ. އަދި ތޫނު ބެލުމަކުން ބަލަން ފަށައިފިއެވެ. އެހިސާބުން ރަޝާދުއަށް ވާހަކަ ދައްކަން އުނދަގޫވާހެން ހީވާން ފެށުމުން ހުސްނާ ވާހަކަ ފެށިއެވެ. 

“ލުބްނާގެ ބައްޕަ އެބުނަނީ ކައިވެނީގެ ވާހަކަ.” ލުބްނާގެ އަތުގައި ހިފާލަމުން ވަރަށް އޯގާވެރިކަމާއެކު ހުސްނާ ބުނެލިއެވެ. އެއަޑު އިވުމުން ލުބްނާ ހަމަ އަނގައިންވެސް ނުބުނެ އެތައް އިރެއްވަންދެން ރަޝާދުގެ މޫނަށް ބަލަން އިނެވެ. 

އޭނާގެ ބައްޕަ އެވިސްނަމުން އެގެންދަނީ ކޮން ކަމެއް ހެއްޔެވެ؟

ދުރުގައި ކުޅިބަލަން އިން ސައިފް އިނީ ނޭވާ ހިފާއްޓާލައިގެންނެވެ. މިއަދު ލުބްނާއާއި ރަޝާދު ޒުވާބުކުރާނެކަން ޔަގީންކޮށްގެގެނެވެ. އަދި ހުސްނާ އަށް އެތަން ފެންނައިރަށް އޭނާ އަށް ވާނެގޮތަކާއި މެދު ކަންބޮޑުވެފައިއެވެ. އެހެނީ ރަޝާދަކީ ހުސްނާގެ ފިރިމީހާއަށްވެފައި ލުބްނާ އެއީ އޭނާގެ ދޮންދަރި ނަމަވެސް ހުސްނާގެ ހިތުގައި ލުބްނާގެ މައްޗަށް އޮންނަ ލޯބީގެ ބޮޑުކަން އެކަކަށްވެސް ސިއްރެއް ނުވެއެވެ. އެހެންކަމުން އެދެމީހުން މިއަދު އަރާރުންވެ އަޑު ގަދަކޮށްފިއްޔާ އެކަންސުލްހަކުރަން ހުސްނާ މަސައްކަތްކުރާނެއެވެ. އެހިސާބުން އެހެން މީހެއްދެކެ އަންނަ ރުޅި ހުސްނާއަށް އަމާޒުވެއްޖިއްޔާ އޭނާ ހިތުގައި ޖެހޭފަދަ ބަހެއް އެދެމީހުންކުރެ އެކަކު ބުނެފާނެއެވެ. 

” ހޫން.” ލުބްނާ ފުން ނޭވާއެއްލިއެވެ. 

“ލުބްނާ؟” އިތުރަށް އޭނާ އެއްޗެކޭ ނުބުނުމުން ހުސްނާ ގޮވާލިއެވެ. 

“އަހަރެން އިންނާނެ މީހެއް ހޯދީތަ މިހާރު؟” ލުބްނާ އެހެން އަހާލުމުން ތޫނު ކަށްޓެއް ޖެހީމާ ތެޅިގަންނަ ގޮތަށް ރަޝާދު ތެޅިގަނެވުނެވެ. 

“ނު…އާ…” އޭނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. 

“ނޫން. އެހާއަވަހަށް އިންނާނެ މީހުންވޭތަ؟ އެހެންނޫނަސް ބަލަންވެސް ޖެހޭނެ އެއީ ލުބްނާއާއި އެކަށީގެންވާ މީހެއްތޯވެސް!” ކުއްލިއަކަށް ސައިފް ބުންޏެވެ. އެދެމެދަށް ވަންނާކަށް އޭނާ ބޭނުންނުވިޔަސް މަސްލަހަތު ގޯސްވުމުގެ ކުރިން އެކަން ހައްލުކުރެވޭތޯ ބަލަންވެސް އޭނާ ބޭނުންވިއެވެ. 

” ކޮބާ އަހަންނާ އެކަށިގެންވާ މީހަކީ؟” ލުބްނާގެ ނަޒަރު ސައިފަށް އަމާޒުކޮށްލި އެވެ. 

“އެއީ… އަހުލާޤު ރަގަޅު، ކިޔަވައިގެންހުރި، ހިތްހެޔޮ މީހަކަށް ވާންޖެހޭނެ.” ކޮންމެ މީހެއްވެސް ދިރިއުޅުމުގެ ބައިވެރިއަކަށް ހަދަން ބޭނުންވާނެ ޒާތުގެ ސިފަތައް ސައިފް ހަނދާންކުރަމުން ދިޔަކަހަލައެވެ. 

“ދެން…؟” ލުބްނާ ކަޅިޖަހާނުލާ ސައިފްގެ މޫނަށް ބަލަން އިނދެ އެހިއެވެ. 

“ދެން… ނޭނގެ، ރަގަޅު ހެޔޮލަފާ، ރީތި…” ސައިފް ހާސްވެފައި ހުސްނާގެ މޫނަށް ބަލާލިއިރު އޭނާވެސް ހައިރާން ވެފައި ސައިފްގެ މޫނަށް ބަލަނީއެވެ. 

“ލުބްތައަށް އެންމެ ރަނގަޅުވާނީ ޓޯލް، ޑާރކް އެންޑް ހެންޑްސަމް!” ދޮރުމަތީގައި ހުރެފައި ކޮޓަރިތެރެއަށް ވަންނަމުން ކުއްލިއަކަށް މޫމިނާ ބުނެލިއެވެ.

އެހިސާބުން މުޅި މާހައުލު ބަދަލުވެއްޖެއެވެ. ކިލަނބު ވެފައިވާ މާހައުލު ސާފު ވިކަހަލައެވެ. އެންމެންވެސް ހިފަހައްޓައިގެން ތިބި ނޭވާ ދޫކޮށްލިއެވެ. ސައިފް ފުންނޭވާއެއްލާފައި ސޯފާގައި ލެނގިލިއިރުވެސް ހުސްނާ އިނީ އޭނާއާއި ދިމާއަށް ބަލާށެވެ. އެހެން އިނދެފައި ރަޝާދުގެ މޫނަށް ބަލާލައެވެ. އެދެމީހުން ހަމަހިމޭން ބަހުރުވައިން ކޮންމެވެސް ވާހަކަ ތަކެއް ދައްކަމުން ގެންދިޔަ ކަހަލައެވެ. 

ލުބްނާއަށް މިމަންޒަރު ފެނުނަސް އެކަމާއި އިތުރަކަށް އެއްޗެކޭ ނުބުނެއެވެ. މޫމިނާ ޔަގީނުންވެސް އެމީހުން ދެއްކިވާހަކަ އަޑުއެހީއެވެ. އެހެންނޫންނަމަ އެފަދަ ވަގުތެއްގައި އޭނާ އެފަދަ އެއްޗެއް ނުބުނީހެވެ. މޫމިނާ އެތަނަށް ނައިނަމަވެސް ލުބްނާ ޒުވާބުކޮށް އަޑުގަދައެއް ނުކުރާނެއެވެ. ނަމަވެސް އެވީ ކަންތަކުން އޭނާ އިތުރަށް ވިސްނަން މަޖުބޫރުކުރުވިއެވެ.