Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp

Ehennoonama | Part 14

...އެހެން ނޫންނަމަ

PART FOURTEEN


” ލުބްތަ ތީނދީ ރުޅިއައިސްފަތަ؟’ މޫމިނާ މަޑުމަޑުން އަހާލިއެވެ.
އެއިރު ލުބްނާ ސޯފާގައި އިށީނދެގެން ޚަބަރު ބަލަނީއެވެ. މޫމިނާވެސް ލެޕްޓޮޕް ހުޅުވައިގެން ފިލާވަޅުތައް ހަދަން މަސައްކަތްކުރަމުން ދިޔައެވެ. އެހެންނަމަވެސް ލުބްނާ ހިތްހަމަނުޖެހިފައި އިންހެން ހީވާވަރުން އޭނާއަށް އެއްވެސް ކަމަކާ ސަމާލުކަން ދެވޭވަރެއް ނޫނެވެ.
“ނޫން… ކީއްވެ ރުޅިއަންނަންވީ؟’
‘އެއީ ސައިފްބެ ކައިރީގައި ލުބްތަ އިންނާނީ ޓޯލް ޑާރކް…”
” މޫމިނާއަށްވެސް ހީވޭތަ އަހަރެން މީހަކާ އިންނަން ވެއްޖެއޭ؟” ކުއްލިއަކަށް ލުބްނާ އަހާލިއެވެ.
” ނޫން، މީިހަކާ ނޫން… ސައިފް ބެއާ އިންނަންވީ!” މޫމިނާއަށް ނީނދެވިގެން ބުންޏެވެ.
ލުބްނާ ސިހިފައި މޫމިނާއާއި ދިމާއަށް ބަލާލިއެވެ. އޭނާއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނާ މީހަކާ އިންނަން ބޭނުން ނުވާކަމަށް މީހުންނަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟
“ލުބްތަ ނޫނެކޭ ބުނުމުގެ ކުރިން އަޅެނިކަން ވިސްނާލަބަލަ، ސައިފްބެ އެހާ ރަނގަޅު، އެހާ ރީތި، އެކަމު އެންމެ މުހިއްމުކަމަކީ ލުބްތައާއި މެދު އެހާ ފަރުވާ ބަހައްޓާ. އެކަހަލަ މީހެއް ހޯދަން ފަސޭހައެއް ނުވާނެ.”
” ތީގެ މާނައަކީ ކޮބާ؟”
“މާނައަކީ އެދުވަހު… އަހަރުމެން ދަތުރު ދިޔަ ދުވަހު ކަންތައްވީގޮތް އަހަންނަށް ފެނުނޭ!”
” ކޮން ކަމެއް؟” ލުބްނާއަށް ހިންދިރުވާލެވުނެވެ. އޭނާގެ ކަރުތެރެ ހިކި ކުރޮޅިވީކަހަލައެވެ.
“އެދުވަހު ލުބްތަ ރުޅިއައިސްގެން ދިޔައިރު، އެއްފަހަރު ކޮންމެވެސް ކަމަކާ ދެރަވެގެން ހުއްޓިފައި އެތާ ރުއްބުޑުގައި އިށީނދެގެން އިނދެ ރުއިއިރުވެސް ސައިފްބެ އެތާނގައި އިނެއްނު.” މޫމިނާއަށް އަސަރުކުރިއެވެ. ލުބްނާ އެއްގޮތަކަށްވެސް ދެރަވެ ހިތުގައި ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ.
” އަހަރެން ނުރޮން.”
” ދެން އެހެންވީއިރު ކިހިނެއްވީ؟”
“އެއީ…” ލުބްނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެދުވަހު ހިނގި ހާދިސާ ހަނދާންވާއިރަށް އޭނާ ނޭވާކުރުވެއެވެ. އެހެންކަމުން އުނދަގުލުން ނޭވާ ހަމައަކަށް އަޅުވާލުމަށްފަހު އޭނާ އެތަނުން ތެދުވެގެން ހިނގައްޖެއެވެ.

“އަހަރެން ވާހަކައެއް އަހަންތަ؟” ރަޝާދު ކުއްލިއަަކަށް ބުނުމުން ސައިފް ސުވާލުގެ ނަޒަރަކުން އޭނާއާއި ދިމާއަށް ބަލާލިއެވެ.
އެދެމީހުން ތިބީ އަހަރީ ބަޖަޓު ހަމަޖައްސަން ޖެހޭތީ އޮފީސް ބަންދުކޮށްގެން މީޓިންގ ރޫމްތެރޭގައިއެވެ. އިރުއޮއްސުނުތާ ކިތަންމެ އިރެއް ވީނަމަވެސް އައު އަހަރުގެ ޚަރަދުތައް އަންދާޒާ ނުކޮށް ގެއަށް ނުދެވޭނެތީއެވެ. ރަޝާދު ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭކަން ސައިފަށް ވެސް ފާހަގަ ކުރެވެމުން ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ.
” އަހާބަލަ.”
” ސައިފް ކީއްވެގެންތަ ލުބްނާ މީހަކާ އިންނަން އުޅޭތީ އެކަމާ ހިތްހަމަނުޖެހެނީ؟”
“އަހަންނަށް ވަރިހަމަ ލުބްނާ މީހަކާ އިނަސް، އެއީ އަހަންނާ ބެހޭކަމެއް ނޫން.”
“އެކަމަކު ސައިފް ބުނިންދޯ ލުބްނާ ކައިރީގައި އިއްބެއާ ނީންނާށޭ . މިހިން މިބުނީ ލުބްނާ މިކަމަށް ނޫނެކޭ ބުނީމަ.”
“ބޭބެއަށް ހީވޭތަ އަހަރެން ބުނާ އެއްޗަކަށް ލުބްނާ ސަމާލުކަން ދޭނެއޭ؟ ތިހިން ހީވަންޏާ ބޭބެއަށް އަދި ލުބްނާ ދަހެއްނުވޭ! އެއީވެސް ދެން އަޖައިބެއް.، އެއީ ބޭބެގެ ދަރިއަށްވެފައި ބޭބެއަށް އިނގެންޖެހޭނެ ދޯ ލުބްނާގެ މިޒާޖު’
” އޭނާގެ މިޒާޖު އަހަންނަށް ނޭނގޭތީއެއްނޫނޭ. ކުރީ ދުވަހު ހުސްނާ އަނެއްކާވެސް އޭނަކައިރީގަ އެވާހަކަ ދެއްކި އެކަމު… ” ރަޝާދު މިހިސާބަށް ބުނިތަނާ ސައިފް ކުއްލިއަކަށް ފައިލު ވަރަށް ބާރަށް ލައްޕައިފިއެވެ.
“ތިކަމުގެ ތެރެއަށް މަަންމަ ނުވައްދަަ ބަލަ! ދެން ލުބްނާ ރުޅިއައިސްގެން މަންމައާއި ދިމާއަށް އެއްޗެކޭ ބުނެފިއްޔާ… ބޭބެ ޒިންމާ ވާން ޖެހޭނީ!” ސައިފްގެ ރުޅި ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. އޭނާ ރާޝާދުއާއި ޒުވާބުކުރަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންކަމުން މިއަދު އެފަދަ ދަނޑިވަޅެއް ލިބުމުން އޭނާގެ ހިތުގެ ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުންވިއެވެ.
“އަހަރެން ނޫޅެން ހުސްނާ މިކަމުގެ ތެރެއަށް ވައްދާކަށް. އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު ހަމަޖެހިގެން އުޅޭތަން ބަލަން. ހުސްނާވެސް ބޭނުންވަނީ މިކަންތައް. އެކަމު މިކަން ދަންނަ އެކަކުވެސް ނޫޅޭ! މިއީ ކިހާ ދެރަކަމެއް . ކަލޭމެން ދެމީހުން މީހަކާ އިންނަން އެދުން އެއީ އެހާ ބޮޑުކަމެއްތަ؟”
“އަހަންނަކަށް ނުވިސްނޭ އެންމެން މިކަމާ އަބަދު ވާހަކަދައްކަންވީ ކީއްވެގެންކަމެއް. މިޒަމާނަކީ…”
“މިޒަމާނަކީވެސް މައިންބަފައިން ދަރިންނާމެދު ވިސްނާ ޒަމާނެކޭ، އެކަމެއް ބަދަލެއްނުވޭ. މިހާރު ސައިފަށް އެއްތިރީސް އަހަރުވީ. އަދި ތިހިރީ ހުހަށް. ސައިފްގެ މަންމަވެސް އުމުރުން ދުވަސް ވާވަރަކަށް އެކަމާ ބޯގޮވަނީ. އެކަމަކު ސައީފަށް ވަރިހަމަ! އަނެއްކޮޅުން ލުބްނާ ހަމަ ގޭތެރޭ ފިލާ އިނދެގެން އެބަލަނީ މިކަމާ ދުރުވެވޭތޯ. އޭނާގެ މަންމަ ދުނިޔޭގައި ލާހިކެއްތަ އެހެން އުޅެން. އޭނާގެ މަންމަ ނެތް ދުނިޔޭގައި އަހަރެން އަޅާނުލާ އުޅޭނީޔޭ ކިޔާފައި އަހަރެން ދެކެ އަންނަ ރުޅިން އޭނާ އެހުންނަނީ.”
ރަޝާދު އެހެން ބުނެލުމުން ސައިފަށް ލުބްނާގެ ރުޅީގެ ސަބަބު ވިސްނިގެން ދިޔައެވެ. އަދި މިކަމާގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންވިއެވެ. ‘ލުބްނާ، އޭނާގެ ބައްޕަ ދެކެ ރުޅިއަންނަނީ އެހެން ވެގެން ހެއްޔެވެ؟’ ސައިފް ހިތާހިތާ ވިސްނާލިއެވެ.
“ނޫން! އަދި މަޑުކޮށްބަލަ!” ސައިފް ވާހަކަ ދައްކަން އަނގަ ހުޅުވާލިތަން ފެނިގެން ރަޝާދު ބުންޏެވެ.
“މިހާރު އޭނާއާއި އިންނަން މީހެއް ގެނެއްސިއްޔާ ސައިފްވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެމީހަކު ފައްސާލާ. މިއީ ކިހާ ދެރަކަމެއް. މިވަރުން އުޅެންޏާ ތިދެމީހުން ދެވާނީ!”
“އަހަރެން ނުފައްސަން އެކަކުވެސް. އެމީހުން ދަނީ އަމިއްލައަށް.” ސައިފަށް ކުއްލިއަކަށް ރަޝާދުގެ އެންމެ ފަހު ޖުމްލަ ފާހަގަވެގެން ދިޔައެވެ. “ކީކޭ؟”
“ކީއްތަވީ! މިއީ އަހަރުމެން ދެމީހުންނަށްވެސް ވިސްނުނު ގޮތެއް. އެއްދޮނުގައި ދެބުޅި ޖަހަންވީ.”
ރަޝާދު ނޭވާ ހިފަހައްޓާލައިގެން އިނެވެ. މިއީ އެ ހުރިހާ ދުވަހެއް ވަންދެން އޭނާ ރޭވި ރޭވުންތަކުގެ ނަތީޖާ ފެންނަ ވަގުތެވެ. މިވަގުތު ސައިފް ބުނާއެއްޗަކުން އޭނާ އެބޭނުންވާ މަންޒިލަށް އޮޑިއަނބުރާލެވިދާނެތޯ ނުވަތަ ނޫންތޯ އެނގިގެންދާނެއެވެ.
” ކޮބާ؟ ސައިފް ބުނާނެ އެއްޗެއް ނެތްތަ؟” އިރުކޮޅެއްވީއިރުވެސް ސައިފް އަނގައިން ނުބުނުމުން ރަޝާދު ކެތްމަދުވިއެވެ.
” ނޫން. ލުބްނާ އިންނަން ހުރިއްޔާ އަހަރެން ހަމަ ތައްޔާރު!” ސައިފްގެ އަޑުގައި މަލާމާތުގެ ގޮތެއް ހުއްޓެވެ.
ސައީފްގެ އެމާލާމާތުގެ ރާގަށް ބީރުކަންފަތްދެމުން ރަޝާދު އަވަސް އަވަހަށް ފޯނުނަގާ ހުސްނާއަށް ގުޅާލުމަށްފަހު ސައިފް އެއްބަސްވިކަމަށް ބުންޏެވެ. އޭނާ މިކަންތައް ކުރިލެއް އަވަސްކަމުން ސައިފަށް އަނގައިވެސް ބުނަން ނޭނގުނެވެ. ދެން ކުއްލިއަކަށް ރަޝާދުގެ ފޯނު އޭނާ އަތަށް ދިނެވެ.
“ހަލޯ. ދަރިފުޅާ، އެއީ ތެދެއްތަ؟ މަންމަ ހީވެސް ނުކުރަން… މަންމަ މިއަދު ވަަރަށް އުފާވެއްޖެ. ހަލޯ. ސައިފް؟”
ހުސްނާގެ އަޑު ވަރަށް ދުރުން އަންނަކަމުގައި ސައިފަށް ހީވިއެވެ. އަޖައިބެކެވެ. އޭނާ ރަޝާދުގެ އެނިންމުމަށް އިންކާރުކޮށް އެކަންތައް ދޮގުކުރަން ބޭނުންވިއެވެ. އެހެން ނަމަވެސް އޭނާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެއީ ހުސްނާގެ އަޑުގައިވާ އުއްމީދުގެ ރާގު ގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިއަދު ސައިފް އެހެރީ ހަމަހިމޭންވެފައިއެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ނިންމުން ނިންމަން އެހެން މީހެއްގެ މައްޗަށް ދޫކޮށްލައިގެންނެވެ.
—-

ހުސްނާވެސް ލުބްނާ އޭނާކައިރިއަށް ގެނެސްގެން ވަރަށް ވިސްނައިދީ ނަސޭހަތް ދެމުން ދިޔައެވެ. ލުބްނާ އަނގައިންވެސް ނުބުނެ، ހުސްނާ އެދައްކާ ވާހަކަތައް އަޑުއަހަން އިނެވެ. އެހެން ކިތަންމެ އިރަކު އިނަސް ހުސްނާގެ ވާހަކަ ނުހުއްޓޭނެކަން ވިސްނުމުން ލުބްނާ ފުންނޭވާއެއްލިއެވެ. އޭނާގެ ބައްޕަގެ ވަގުކަމާއި ޗާލާކުކަން ހިތަށް އެރުމުން ހުސްނާއާއި މެދު އަދި އިތުރަށް ހަމްދަރުދީވެވުނެވެ.
” ދެން ކުޑަމަންމަ ތިބުނަނީ އަހަރެން ބައްޕަ ދައްކާ މިހަކާ އިންނާށޭތަ؟”
” ނޫން. ލުބްނާ ބޭނުން މީހަކާ އިންނާށޭ.”
” އެފަދަ މީހެއް އެބަހުރިތަ؟” ލުބްނާ ޖަވާބެއް ނުދިނުމުން ހުސްނާ އެހިއެވެ.
“ނޫން.”
“ދެން އެހެންވީއިރު… ލުބްނާ ބައްޕަ ދައްކާ މީހަކާ އިންނަން ލުބްނާ ފަސް ޖެހެންވީ ކީއްވެގެން؟ ލުބްނާވެސް ރަނގަޅު ކުއްޖަކާ އިނދެގެން އުފަލުގައި އުޅޭތަން ފެނުނީމަ މަންމަވެސް ކިހާ އުފާވާނެ.” ހުސްނާ މިހިން ބުނުމުން ލުބްނާ ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ.
“މައްސަލައެއްނެތް. ބައްޕަ ދައްކާ މީހަކާ ނީންނަންޏާ މަންމަ ދައްކާ މީހަކާ އިންނަނާނަންތަ?”
“ނޫން!”
“ލުބްނާ!”
“އަޅެ ކީއްވެގެންތެ އެންމެން މިކަމާ އަޅައިގަނެގެން ތިއުޅެނީކީ…”
“އަޅައިގަނެގެން އުޅެނީކީ ނޫނޭ. ލުބްނާވެސް ސައިފްވެސް ކައިވެނިކުރީމަ އަހަރުމެން އުފާވާނެއޭ، ދިރިއުޅުމުގައި ނުދެކިހުރި އުފަލަކީ މިހާރު އެއީ، ދަރިންގެ މުސްތަގުބަލް އަލިކޮށް، އުޖާލާކޮށް ހުންނަތަން ފެނުން.” ކުރިން ރަޝާދު ބުނި ޖުމްލަ ހަނދާންކޮށްލަމުން ހުސްނާބުނެލިއެވެ.
“ދެން ކުޑަމަންމައަށް ހީވަނީ އަހަރެން ނުވެސް ދަންނަ މީހަކާ އިނީމަ ދިރިއުޅުން އުޖާލާ ވާނެއޭތަ؟” ލުބްނާ ފުންކޮށް ވިސްނާލިއެވެ. “އެންމެ ރަނގަޅު. އަހަރެން މީހަކާ އިންނަން ވިސްނަފާނަން، ސައިފް މީހަކާ އިންނަން އެއްބަސް ވެއްޖެޔާ…”
“ހަމަ ތެދެއް!” އެއީ ލުބްނާގެ ފަހުބަސް ކަމުގައި ނިންމަމުން ހުސްނާ އުފަލުން ފޮޅުނެވެ.
ލުބްނާ ބޯޖަހާލިއެވެ. އޭނާ އިނީ ވަރަށް ވަރުބަލިވެފައެވެ. އެފަދަ ނުވަގުތެއްގައި މޫމިނާ ބުނި ޖުމްލަ ހަނދާންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް ސައިފްގެ ދިރިއުޅުން ބައްޓަންވެފައި ހުރި ގޮތުން އޭނާ މިވަގުތު އެއްވެސް މީހަކާ އިންނާކަށް ބޭނުމެއް ނުވާނެއެވެ. އެކަން ލުބްނާއަށް ޔަގީން ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެޔަގީން ކަމުގައި އޭނާ އެފަދަ ބޮޑު ވާހަކައެއް ބުނާކަށް ޖެހިލުމެއް ނުވިއެވެ. އެހެންނޫނަސް އޭނާ ވައުދެއްނުވެއެވެ. އޭނާ އެބުނީ ‘ވިސްނާނެ’ ވާހަކައެވެ.


އެރޭ ހުސްނާގެ އުފަލުގެ ކޮޅެއް ނެތެވެ. އޭނާގެ ދެފައި އެއްތާނގައި ނުޖެހެއެވެ. އޭނާ ހީވަނީ ބޮޑު ޖާފަތެއް ތައްޔާރުކޮށްފައިވާހެނެވެ. އެކިވައްތަރުގެ ކާތަކެތި ނެރެ މުޅި މޭޒުމަތި ފުރާލައިފިއެވެ. އަދި ރަޝާދާއި ސައިފް ގެއަށް އައުމާއެކު އަވަހަށް ކާން އައުމަށް އަމުރުކުރިއެވެ.
ވެގެން އުޅޭގޮތް ރަޝާދަށް އެނގޭތީ އޭނާގެ ހަރަކާތްތައް އަވަސްކޮށްލާފައި މޭޒުކައިރިއަށް ދިޔައެވެ. ސައިފް ހައިރާންވެގެން ހުރެމެ އަވަހަށް އަތްފައި ދޮވެލައިގެން ކާމޭޒުދޮށަށް އައިއިރު ހުސްނާ ކެތްމަދުވެގެން ދެކޮޅަށް ހިނގަނީއޭވެ. ސައިފް ފެނުމާއެކު އޭނާގެ އަތުގައި ހިނފައިގެން ގެންގޮސް ވަރަށް ލޯބިން ތަށްޓައް ކާންއަޅާދޭން ފަށައިފިއެވެ. އެހިނދު ބޭއިޚުތިޔާރުގައި ސައިފަށް ލުބްނާގެ މޫނަށް ބަލާލެވުނެވެ. ލުބްނާވެސް އިނީ ހައިރާންވެފައި އެވެ. ވެގެން އުޅޭގޮތެއް އޭނާއަކަށްވެސް ނޭނގެއެވެ.
އެހެންކަމުން ހުސްނާ ‘ލުބްނާވެސް އެއްބަސް ވެއްޖެއޭ’ ބުނެލުމުން އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާ އިނީ ވާއެއް ނުވާއެއް ނޭނގިފައެވެ. އެހިނދު ހުސްނާގޮސް ސައިފްގެ ބޮލުގައި ފިރުމާލާފައި ލުބްނާގެ ބުރަކަށީގައި ވެސް ފިރުމާލިއެވެ.
“ކީކޭ؟” ސައިފް އަހާލިއެވެ.
“ހަމަ އަސްލުވެސްތަ!” ރަޝާދުވެސް ހަމަ އެސިކުންތުގައި ބުންޏެވެ.
“އާނ! އެއްބަސްވެއްޖެ…” ހުސްނާ މިހިން ބުނެލުމުން ސައިފް އަޖައިބުވެއްޖެއެވެ. ލުބްނާ މިހާ އަވަހަށް އެއްބަސް އެވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ.
ހުސްނާ އަނެއްކާވެސް ސައިފްގެ ބޮލުގައި ފިރުމާލިއެވެ. އަދި ލުބްނާއާއި ދިމައަށް ލޯބިން ފުރިގެންވީ ނަޒަރަކުން ބަލާލިއެވެ. އެއިރު ލުބްނާ އިނީ ފަހަރުކު މީހެއްގެ މޫނަށް ވަކިވަކިން ބަލާށެވެ.
“މަޑުކޮށްބަލަ! ސައިފްވެސް އާއެކޭ ބުނީތަ!” ލުބްނާ ނިތްކުރިއަށް ރޫއެރިއެވެ.
އެވަގުތު ލުބްނާއާއި ހަތަރުކަޅި ހަމަކުރަން ސައިފަށް އުނދަގޫވިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ.
ސައިފްގެ މިހަރަކާތުން ލުބްނާގެ މުޅި ވުޖޫދަށް ލޮޅުންއެރިއެވެ. އޭގެ މާނައަކީ ކޮބާހެއްޔެވެ؟ ލުބްނާ އިންކާރުކުރުމުގެ ގޮތުން އަނގަހުޅުވާލިއެވެ.
“އަހަރެން ބުނީ ވިސްނާނަމޭ!” ލުބްނާ އަކަށް ނީދެވުނެވެ.
“ނޫން، މިހާރު ދެން ތިހިންނުބުނޭ. އަހަރެންގެ ހުރިހާ އުއްމީދުތަކެއްގައި ކޮޅުފައިން ނުޖަހާ! ލުބްނާ!” ހުސްނާ ކުއްލިއަކަށް ލުބްނާގައިގާ ބައްދައިގަންނަމުން ވަރަށް މަޖާވެލާފައި ބުނެލިއެވެ.
” ކުޑަމަންމާ!”
ހުސްނާގެ އަތްދަށުން ފޮޅުވިގަނެގެން ލުބްނާ އެތަނުން ދިޔައެވެ. އެހިސާބުން އޭނާ އެހެންއެބުނީ ވަރަށް ސީރިއަސްކޮށްކަން ހުސްނާއަށް ވިސްނުނެވެ. އެހިނދު ހުސްނާ ރަޝާދުއާއި ދިމާއަށް ބަލާލިއިރު އޭނާގެ މޫނުމަތިން ނާއުއްމީދުގެ އަނދިރިކުލަ ފެންނަމުން ދިޔައެވެ.
—-

“ލުބްނާ ކީއްވެގެންތަ ދޮގުހެދީ؟” ހުސްނާގެ އަޑު ޖެހުމުން ލުބްނާ ތެޅިގަތެވެ.
އޭނާ އެނބުރި ބަލާލިއިރު ހުސްނާ ދޮރުމަތީގައި ހުއްޓެވެ. އޭނާގެ މޫނުމަތީގައި ހުރި އުދާސްކަން ފެނުމުން ލުބްނާ ހިންދިރުވާލިއެވެ. އެރޭ އެކަންތައް ވީފަހުން ހުސްނާ ލުބްނާއަކާ ވާހަކައެއް ނުދައްކައެވެ. އަދި ލުބްނާ ހުންނަ ތާކަށްވެސް ނުދެއެވެ. ހުސްނާ ނެތުމުން އޭނާގެ ދިރިއުޅުން އެހާ އަލިފަނޑު ވީރާނާ ވެދާނެކަމަށް ލުބްނާއަށް ހީވެސް ކުރެވިފައިނުވެއެވެ. އެހެންނަމަވެސް މިހާރު އެހުސްކަން އޭނާއަށް އިހުސާސްކުރެވުނީ ވަރަށް ފުންކޮށްނެވެ. ހަށިގަނޑުން ބައެއް އުނިވެފައިވާ ފަދައިންނެވެ.
ހުސްނާއަކީ ދޮންމަންމަ ކަމަކު އޭނާގެ އޯގާވެރިކަމާއި ލޯތްބާއި ނުލާ ލުބްނާއަށް މިހާރު އުޅެން އުނދަގޫވެއެވެ. އެނާގެ މަންމަ ނިޔާވިފަހުން އެވީ ދުވަސްތަކުގެ ތެރެއިން އެންމެ ދުވަހެއްވެސް އެމަންމަގެ ހަނދާންތައް އޭނާއަކާ ވަތްކެއްނުވެއެވެ. އެހެންނަމަވެސް ހުސްނާގެ ހިތްހެޔޮކަމާއި އުފާވެރި މިޒާޖު ފެނި ,އޭނާގެ ލޯބި ލިބެން ފެށުމުން އެހަނދާންތަކުގައިވާ ހިތިކަން ފިލާ، ހިތުގައި ލުއިކަމެއް އުފެއްދިއެވެ. އެހެންކަމުން މިހާރު ލުބްނާ ހުރީ އެލޯތްބަށް ދަހިވެތިވެފައިއެވެ.
ލުބްނާ ހަލުވިކަމާއެކު ހުސްނާ ކައިރިއަށް ދިޔައެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ގެނެސް ކޮޓަރިތެރެއަށް ވެއްދުމަށްފަހު އޭނާގެ އެނދުގައި ބޭންދިއެވެ.
“އަހަރެން ދޮގެއް ނަހަދަން ކުޑަމަންމާ. އެދުވަހު އަހަރެން ބުނީ ވިސްނާނަމޭ. ކުޑަމަންމައަށް އަޑު ނީވުނީ ކަންނޭނގެ.”
“އަހަރެންވެސް ހަމަ ނަސީބުދެރައީ. ސައިފް އިންނަން ތައްޔާރު އެކަމު ލުބްނާ ތައްޔާރެއް ނޫން، އަހަރެން ކިހިނެއް ހަދާނީ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރި. އަހަރެން ބޭނުން މާމަދަރިން… ” ހުސްނާއަށް ރޮވިއްޖެއެވެ. މިތަން ފެނުމުން ލުބްނާ ކަންބޮޑުވިއެވެ.
” ކުޑަމަންމަވެސް ނިކަން ވިސްނާލަބަލަ، އަހަރެން މީހަކާނީނަސް ސައިފް އިންނަން ހުރިއްޔާ އިންނަންވީއެއްނު. އޭނާ ތިހިން ކުޑަމަންމަގެ ހިތުގައި ޖައްސާކަށް ނުޖެހޭނެ.” ހުސްނާގެ އެ އެދުމަށް ސައިފް ދެކޮޅު ހަދަމުން ދާތާ އެތައް ދުވަހެއް ވެއްޖެކަން އޭނާއަށް ވެސް އެނގެއެވެ. އެންމެފަހުން އެދެމައިން އެމަޢުލޫއަށް ވާހަކަ ދެއްކި އިރު ކަންތައްވީގޮތް ލުބްނާއަށް ހަނދާންވެގެން ދިޔައެވެ. އެހެންނަމަވެސް ހުސްނާފަދަ ބަލިމީހެއްގެ ހިތުގައި ޖައްސާނީ ކޮންފަދަ ނުލަފާ މީހެއް ހެއްޔެވެ؟
” ދަރިފުޅު ބުނެބަލަ ތިކަން ވާނީ ކިހިނެއް؟ އޭނާ ބޭނުންވަނީ ދަރިފުޅާ އިންނާށޭ… ”
ހުސްނާގެ މިޖުމްލަ ނިމުނުއިރު ލުބްނާ އެއްކޮށް ގަނޑުވެއްޖެއެވެ. އޭނާ ނޭވާލާންވެސް ހަނދާން ނުވިއެވެ. އޭނާގެ ސިކުނޑީގައި ބޮމެއް ގޮވިކަހަލައެވެ. ހުރިހާ ވިސްނުމެއް ވިއްސިވިހާލިވެއްޖެއެވެ.
އެއީ ކޮން އިރަކު ވީ ކަމެއް ހެއްޔެވެ! ސައިފް އޭނާއާއި އިންނަން ބޭނުންވުން އެއީ ބޮޑު ޖޯކެކެވެ. އެއީ އެމީހުން ހެއްވަން އޭނާ ބުނި އެއްޗެކެވެ. އެއީ މަލާމާތެކެވެ. އެއީ ދޮގެކެވެ. އެހެނެއްނުވާނެއެވެ!
“ލުބްނާ. އަޅެ އަދިއެއްފަހަރު ވިސްނާލަބަލަ.” ހުސްނާ އާދޭސްކުރަންފެށިއެވެ.
“ކުޑަމަންމާ…!” ލުބްނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
“ނޫން. ރަނގަޅަށް ވިސްނާލާ، ހަމަޖެހިގެން ވިސްނާލާފައި ބުނެބަލަ، ސައިފަކީ ރަނގަޅު ކުއްޖެއް، ކިޔަވައިގެން އެހެރީ، އޭނާއަކީ ހީވާގި ކުއްޖެއް، ފަންނުވެރިއެއް. ލުބްނާއާއި އިންނަންވެސް ބޭނުންވޭ. ދެން އެހެންވީއިރު…”
އެއީ މީހަކާއި އިންނަންވީ ސަބަބު ތައް ހެއްޔެވެ؟
“އެކަމު…”
“ލުބްނާ. ބައެއްކަހަލަ ލޯތްބަކީ ދުވަސްނަގާ އެއްޗެއް. އެކަކު އަނެކަކު ދަސްވެ އެކުގައި އުޅެން ފެށީމަ ވާއެއްޗެއް. އެކަހަލަ ލޯބި މާގިނަ ދުވަހު ދެމިހުންނާނެ.”
“އަހަރެން… ކައިވެނި ކުރާކަށް ބޭނުމެއްނޫން.” ލުބްނާގެ އަޑު ތުރުތުރު އަޅައެވެ.
“ލުބްނާ ބިރުނުގަނެބަލަ. އަހަރެން ޔަގީންކަންދެން. ސައިފްގެ ފަރާތުން ދެރަގޮތެއް ނުވާނެކަން.” ހުސްނާ ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
“ސައިފް އަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނާ ތަރުބިއްޔަތު ކުރީ އަހަރެން. އަދި މިހާތަނަށް އޭނާގެ ފަރާތުން އެހެން އިންސާނަކަށް ގެއްލުމެއް ނުދޭ. އެހެންވެގެން މިބުނަނީ, އޭނާ ލުބްނާ ގެންގުޅޭނީ ލޯބިންނޭ.”
“އެހެންވިޔަސް… “
” އަދި ވިސްނާލާ… ކުއްލިއަކަށް ނުނިންމާ.”
އެވަގުތު އިތުރަށް ބުނާނެ އެއްޗެއް ނެތްކަމުގައި ލުބްނާއަށް އިހުސާސްކުރެވުނެވެ. ހުސްނާ ބޭނުންވަނީ ލުބްނާގެ ޖަވާބެއް ނޫނެނެވެ. ހުސްނާ އެބޭނުންވަނީ އޭނާގެ އެއްބަސްވުންކަން އެވަގުތު އޭނާއަށް ދޭހަވިއެވެ.
ލުބްނާ އަނގައިން ނުބުނެ އިންނަންފެށުމުން ހުސްނާ މަޑުމަޑުން ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ.